ދުންފަތް ކޮންޓްރޯލްކުރުމަށް ސަރުކާރުން އެކުލަވާލާ ފަސް އަހަރުގެ މާސްޓަރ ޕްލޭނަށް އާއްމުންގެ ޚިޔާލާއި މަޝްވަރާދެއްވުމަށް ހެލްތު މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރަހީމް އެދިވަޑައިގެންފިއެވެ.
މިނިސްޓަރ ނާޒިމް މިފަދައިން އެދިވަޑައިގަތީ އިއްޔެ ރޭ ހެލްތު މިނިސްޓްރީއާއި ޓީވީމޯލްޑިވްސްއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ "ދަފަރާ" ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕެނަލް ޑިސްކަޝަންގެ މަޤްޞަދަކީ ދުންފަތް ކޮންޓްރޯލްކުރުމުގެ މާސްޓަރ ޕްލޭންއަށް ޚިޔާލުހޯދާ އެކަމާއި ގުޅޭގޮތުން މަޝްވަރާކުރުމެވެ.
މިނިސްޓަރ ނާޒިމް ވިދާޅުވިގޮތުގައި މި މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަސައްކަތަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެހީތެރިކަން ލިބެމުންދާކަމަށާއި، އެ ޖަމްއިއްޔާގެ ޓީމެއް މިހާރު ރާއްޖެ އައިސްފައިވާ ކަމަށެވެ. ނަމަވެސް، ދުންފަތް ކޮންޓްރޯލް ކުރުމުގެ މާސްޓަރ ޕްލޭން އެކުލަވާލުމަކީ ރައްޔިތުންނާއި ގުޅުންހުރި ކަމަކަށްވާތީ ދިވެހި ރައްޔިތުންގެ ބައިވެރިވުން މިކަމުގައި އޮތުމަކީ ސަރުކާރުން ބޭނުންވާކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ނާޒިމް އިތުރަށް ވިދާޅުވީ، "ދުންފަތުން މުޖުތަމައު ދުރުހެލި ކުރެވިއްޖެނަމަ ސިއްހީ ކަންކަމަށް ކުރަންޖެހޭ ފަރުވާގެ ޚަރަދު ކުޑަވެ، ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑުބައެއް ތައުލީމާއި އެހެނިހެން ކަންކަމަށް ޚަރަދު ކުރެވޭނެ" ކަމަށެވެ.
މި މާސްޓަރ ޕްލޭން އެކުލަވާލުމުގެ މައިގަނޑު މަޤްޞަދަކީ ދެމެހެއްޓެނެވި ގޮތެއްގައި ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުންކަން މިނިސްޓަރ ނާޒިމް ފާހަގަކުރެއްވިއެވެ. މިކަމާ ގުޅޭގޮތުން އާންމުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ސަރުކާރުން ބާރުއަޅާކަން މިނިސްޓަރގެ ވާހަކަފުޅުން ފާހަގަކުރެވެއެވެ.