ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ހާމިދު އަބްދުލްޣަފޫރު ފުލުހުންގެ ބޯޑަށް އައްޔަން ކުރަން މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ފާސްކޮށްފި އެވެ.
އެގޮތަށް ފާސްކޮށްފައި ވަނީ މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި ނުވަ މެމްބަރުންގެ ވޯޓުންނެވެ.
ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ހާމިދުގެ އިތުރުން ވެސް ބައެއް މީހުން ވަނީ އެ މަގާމަށް ކުރިމަތިލާފަ އެވެ.
އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސް ޕާސަން ކަން ވެސް ކުރައްވާފައިވާ ހާމިދަކީ ހދ. ހޮނޑައިދޫން މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ.
އެ މައްސަލާގައި ކުޑަކަމުދާ ތަކެތިދޭން ފުލުހުން އެންގުމުން އެކަމަށް އޭނާ ވަނީ ދެކޮޅު ހަދާފަ އެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާ ވެސް ކުރި އެވެ.
އެ މައްސަލާގައި ފިލަންވެގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ތެރޭގައި ގިނަ ދުވަސްތަކެއް ވަންދެން އޭނާ އުޅުނެވެ. ހާމިދު ފުލުހުންގެ ބޯޑަށް އައްޔަން ކުރާތީ ގިނަ ބަޔަކު އަންނަނީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.