އެއްވެސް ބޭރު ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބިގެން ނުވާނެ ކަމަށާއި މި ސަރަހައްދާއި ދުނިޔޭގެ އެހެން ސަރަހައްދުތަކުގެ ގައުމުތަކުގެ މެދުގައި ހިނގަމުންދާ ވާދަވެރިކަމުގެ ތެރޭގައި ރާއްޖެ ތާށިވެގެން ނުވާނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

ދުންޔާ މިހެން ވިދާޅުވީ ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ) ނުވަތަ ދިވެހި ގައުމީ ހަރަކާތުގެ ނަމުގައި ރާއްޖޭގެ ސިޔާސީ ދާއިރާގައި އިސްކޮށް އުޅުއްވި ބޭފުޅުންތަކެއް ގުޅިގެން ފަށާ އިސްލާހީ ހަރަކާތް އިފްތިތާހު ކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދުންޔާ ވިދާޅުވީ 1965ވަނަ އަހަރު ހޯދި މިނިވަންކަން ގެއްލި، ރާއްޖެ މިއަދު އަޅުވެތިވެފައިވާ ކަމަށެވެ. ރާއްޖޭގެ ހާރިޖީ ސިޔާސަތަށް ބަލާއިރު އަޅުގަނޑުމެން ލަދުގަންނަން ޖެހޭ ކަމަށާއި އެތައް ހާސް އަހަރެއްގެ އަމިއްލަ މިނިވަން ގައުމެއްގެ ގޮތުގައި، ފަހުރުވެރި ތާރީހެއް އޮތް، ރާއްޖެ މިއަދު މިވަނީ އަޅުވެތިވެފައި ކަމަށެވެ.

" 1965 ވަނަ އަހަރު ރާއްޖެ ހޯދި މިނިވަންކަމެއް މިހާރު މިގައުމުގައި ނެތް. އެ އަހަރުގެ ޖުލައި 26ގައި ރާއްޖެ ކުރި މިނިވަންކަމުގެ މުއާހަދާގެ މަތިން މިއަދު ސަރުކާރު ވަނީ ހަނދާން ނެތިފައި،" ދުންޔާ ވިދާޅުވި އެވެ.

ދުންޔާގެ އިތުރުން އެ ހަރަކާތުގައި ހިމެނިވަޑައިގަންނަވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އާއި، އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ އަދި އެމްއެންޑީއެފް ކުރީގެ ކެޕްޓަން އަލީ އިހުސާން، ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަހްމަދު މުއިއްޒު، ރައީސް އޮފީހުގެ ކުރީގެ ޕްރެސް ސެކްރެޓަރީ މަސްއޫދު އިމާދުގެ އިތުރުން ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ސަލީމް (މާޒް ސަލީމް) އާއި އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަހްމަދު ފަޔާޒު ހަސަން އެވެ.