އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ހުސްވެފައިވާ 2 މަގާމަށް މެންބަރުން އައްޔަންކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، މިއަދު ރައީސް އޮފީހުން އަލުން ހުޅުވާލައްވައިފިއެވެ.
މިއާއެކު ރައީސް އޮފީހުން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ހުޅުވާލައި 8 ޑިސެންބަރު 2024 ގައި ކޮށްފައިވާ ނަންބަރު 2024/97//1/ޕީ.އޭ.އޯ-1(އައި.ޔޫ.އެލް) އިއުލާނު ވަނީ ބާތިލުކުރައްވާފައެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައްވާފައިވަނީ މިއަދުން ފެށިގެން 31 ޑިސެންބަރު 2024 ވާ ހޯމަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ. އޭސީސީގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސް އޮފީހުންނެވެ.
އަދި އެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުން ލިބެންހުންނާނެއެވެ. އަދި އެ އޮފީހުގެ ވެބްސައިޓް https://presidency.gov.mv އިން ފޯމު ޑައުންލޯޑް ކުރެއްވޭނެއެވެ.