ލިފްޓް، މި ލަފުޒަކީ އިނގިރޭސިބަހުގެ އިބާރާތެއް ކަމުގައިވީ ނަމަވެސް، އެއީ މިހާރު ދިވެހިން ވަރަށް އާންމުކޮށް ބޭނުންކުރާ ލަފުޒެކެވެ. އެންމެ އާންމުކޮށް މި ލަފުޒު ބޭނުންކުރަނީ ސިޑީގެ ބަދަލުގައި އުސް އިމާރާތަކަށް އަރާ ފޭބުމަށް، ބޭނުންކުރާ މެޝިނަކަށެވެ. ނަމަވެސް އެނޫން ކަންކަމަށް ވެސް ލިފްޓު ހަދާފައިހުރެއެވެ.

ލިފްޓަށް ދީފައިވާ އަނެއް ނަމަކީ އެލިވޭޓަރ އެވެ. ލިފްޓަކީ ވަރަށް ތަފާތު ގިނަ ވައްތަރުތަކަށް ފަރުމާކޮށްފައިވާ މެޝިނެކެވެ. އަދި ވަރަށް ތަފާތު ސައިޒުތަކާއި ސްޕީޑުގެ ލިފްޓު ހުރެއެވެ.

ރާއްޖޭގައިވެސް އުސްއިމާރާތެއް ހަދާނަމަ، މިހާރު ލިފްޓެއް ހަރުކުރެއެވެ. ކުރިން އެއީ މާލޭގެ އުސް އިމާރާތްތަކުގައި އެކަނި އާންމުކޮށް ހުންނަ މެޝިނެއްކަމަކު، މިހާރު އެހެން ރަށްރަށުގައިވެސް ހަދާ އުސް އިމާރާތްތަކުގައި ލިފްޓު ހަރުކޮށްފައި އެބަހުއްޓެވެ.

ތާރީހު

ލިފްޓަކީ އެތައް ގަރުނެއް ކުރިން އީޖާދު ކޮށްފައިވާ އެއްޗެކެވެ. ފުރަތަމަ އުފެއްދި ލިފްޓުތަކަކީ އެއަށް އަރާ މީހާ އަމިއްލައަށް ވާގަނޑަކަށް ނުވަތަ ޗޭނަކަށް ދަމައިގެން، ނުވަތަ ގިޔަރު ބުރެއް އަނބުރައިގެން ދުއްވާ އެއްޗެހިއެވެ. ކަރަންޓު އުފެއްދުން އީޖާދުކޮށް ބޭނުންކުރަން ފެށުމުން، އެއްކަލަ ގިޔަރުބުރު މޯޓަރަކާ ގުޅީއެވެ. އެގޮތުން، ފަންނިއްޔާތުތަށް އާލާވެ ތަރައްގީވި ވަރަކުން، ލިފްޓަށް ވެސް ކުރިއެރުންތަކެއް އައިސްފައިވެއެވެ. މިހާރުގެ ލިފްޓު ތަކަކަކީ، ވަރަށް މަތީދަރަޖައަކަށް އިލެކްޓްރޯނިކް ސާމާނު އެކުލެވިގެން ފުރިހަމަކޮށްފައިވާ، ބައެއްފަހަރު، ވަރަށް ނާޒުކު އެއްޗެކެވެ. ނަމަވެސް، މިހާރުގެ ލިފްޓުތަކަކީ މީގެ ކުރިން ދުވަހަކުވެސް އުފެއްދިފައި ނުވާ ވަރަށް ސަލާމަތާއި ރައްކާތެރިކަން ހިމެނިފައިވާ ލިފްޓުތަކެކެވެ.

ލިފްޓުގެ ބާވަތްތައް

ލިފްޓު ހަރުކުރަނީ ކޮންމެހެން އިމާރާތް އުސްވެގެނެއް ނޫނެވެ. ދެވަނަ ބުރިއަށް އެރުމަށް، ނުވަތަ އިމާރާތުގެ ވަކި ބުރިއަކުން ޖެހިގެން ހުރި ބުރިއަށް އެރުމަށް، ނުވަތަ އިމާރާތުގެ ވަކި ބުރިތަކަކަށް އެކަނި އެރުމަށް ލިފްޓު ހަރުކޮށްފައި ހުރެއެވެ. އެއް ލިފްޓަށްވުރެ ގިނަ ލިފްޓުވެސް ހަރުކޮށްފައި ހުރެއެވެ.

ލިފްޓުގެ ސައިޒަށް ބަލާއިރު، ފަހަރަކު އެންމެ މީހަކަށް އެރޭވަރުގެ ލިފްޓުން ފެށިގެން 50 މީހުންނަށް ވުރެ ގިނައިން އެއްފަހަރާ އެރޭވަރުގެ ބިޔަ ލިފްޓު ހުރެއެވެ. ރާއްޖޭގައި އެންމެ އާންމުކޮށް ފެންނަނީ ހަތަރު މީހުންނާއި ހަ މީހުން އެއްފަހަރާ އެރުމަށް ހަދާފައިވާ ލިފްޓެވެ. އަދި ބައެއް އިމާރާތްތަކުގައި މުދާ އެރުވުމަށް ވަކި ލިފްޓެއް ހުރެއެވެ. ހޮސްޕިޓަލުގައި ހާއްސަކޮށް ބަލިމީހުން އުފުލާ ފުރޮޅުލީ އެނދެއް އެރުވޭވަރުގެ ލިފްޓުވެސް ހުރެއެވެ.

ލިފްޓުގެ ކެބިން ނުވަތަ "ކާ" ( car ) އަކީވެސް އެކި ބައްޓަމަށް ލިފްޓުގައި ހުންނަ ބައެކެވެ. ހަތަރެސްކަނަށް އަދި ވަށްކޮށް ވެސް ހުރެއެވެ. އެންމެ އާންމުކޮށް ހުންނަނީ ހަތަރެސްކަން ހަމަނުވާ، ހަތަރު ބިތް ލާފައި ހުންނަ ލިފްޓެވެ. ބައެއް އިމާރާތްތައް ފަރުމާކުރުމުގައި، ލިފްޓަކީ ބޭރަށް ފެންނަ ގޮތަށް، އިމާރާތުގެ ސިފައަށް ފުރިހަމަކަމެއް ގެނެސްދިނުމަށް ބޭނުންކޮށްފައި ހުންނަ އެއްޗެއް ވެސް މެއެވެ. އަދި އޭގެ ތެރެއިން ބައެއް ލިފްޓުހުންނަނީ ބިއްލޫރިލާފައި، އެތެރެ ފެންނަ ގޮތަށް، ވަރަށް ތަފާތު ބައްޓަންތަކަށް ފަރުމާކޮށްފައެވެ.

ލިފްޓުގެ ސްޕީޑަކީވެސް ހައިރާން ކުރަނިވިހާ ގިނަ ބާވަތް ހިމެނޭ ސިފައެކެވެ. ބައެއް ލިފްޓަކީ އާދައިގެ ސްޕީޑެއްގައި ދިހަ ބުރި އިމާރާތަކަށް ވިއްސަކަށް ސިކުންތުން އެރޭ އެއްޗެކެވެ. ބައެއް ލިފްޓަކީ ވަރަށް މަޑު ދުވެއްޔެއްގައި އެންމެ ދެބުރިއަށް ދާންވެސް ބައިމިނެޓް ނަގާ އެއްޗެކެވެ. ހާއްސަކޮށް މުދާ އުފުލާ ކުރީގެ ލިފްޓުތަކެވެ. އެއާ ހިލާފަށް ބޭރުގައުމުތަކުގައި ހުންނަ "ސްކައި ސްކްރޭޕަރ" އިމާރާތްތަކުގައި ހުންނަ ލިފްޓުތަކަކީ ހައިސްޕީޑް ލިފްޓެވެ. އެފަދަ ލިފްޓުގެ ދުވެލި ބާރުކަމުން 95 ބުރީގެ އިމާރާތަކަށް 45 ސިކުންތުން ލިފްޓުގައި އެރެއެވެ.

ލިފްޓުގެ އާންމު ބައިތައް

ކުރިންވެސް ލިޔުނުފަދައިން، ލިފްޓަކީ މެޝިނެކެވެ. އޭގައި އެކުލެވިގެންވާ މައިގަނޑު ބައިތަކަކީ، އާންމުކޮށް ހުރިހާ ލިފްޓެއްގައި ވެސް ހުންނަ ބައިތަކެކެވެ. އެންމެ ގިނައިން މީހުންނަށް ފެންނާނީ ލިފްޓުގެ ކާރެވެ. އެއީ އޭގެ ކެބިންއެވެ. މީހުން ނުވަތަ މުދާ އަރުވާ ފޮށިގަނޑެވެ. ލިފްޓުގެ ކާ އުފުލުމަށް ކޭބަލް އާއި ރެއިލް ބޭނުން ކޮށްފައި ހުރެއެވެ. މި ބައި ގުޅިފައި ހުންނަނީ މައި މެޝިނާއެވެ. އެއީ ކަރަންޓުފަދަ ހަކަތައިން ހިންގާ މޯޓަރެކެވެ. މި ބައި ހުންނަނީ އެންމެ މަތީގައި "މެޝިން ރޫމް" ގައެވެ. ނުވަތަ "މެޝިން ރޫމް ލެސް" ބާވަތުގެ ލިފްޓުގައި، މި މޯޓަރު ހުންނަނީ ލިފްޓްގެ އަރިމަތީގައި ނުވަތަ ދަށުގައި ހަރުކޮށްފައެވެ. މި ތިން ބަޔަކީ އިމާރާތްތަކުގައި ހަރުކޮށްފައި ހުންނަ ހުރިހާ ލިފްޓެއްގައި ހެންމެ ހުންނަ ތިން ބައެވެ.

ކޮންމެ ލިފްޓެއްގައިވެސް ސަލާމަތީ ބައިތަކެއް އެކުލެވިފައިވެއެވެ. އަމިއްލައަށް ލިފްޓު ތިރިއަށް ދިޔަ ނުދިނުމަށް ހުންނަ ބުރަކިތަކެއް ހުރެއެވެ. އަދި، އެއްވެސް ސަބަބަކާ ހެދި، ކުއްލިއަކަށް ލިފްޓުގެ ކެބިން މާ ބާރަށް ތިރިއަށް ދާނަމަ، އޭގެ އަމިއްލަ ޒާތުގައި ބާރުވާ ބުރަކިތަކެއް ވެސް ހުރެއެވެ. އެއީ ކަރަންޓު ދިއުމުން، ނުވަތަ ކޭބަލް ކަނޑައިގެން ދިއުމުން ވެސް، ނުރައްކާތެރި ހާދިސާއެއް ހިނގިޔަ ނުދިނުމަށް ފަރުމާކޮށްފައި ހުންނަ ބުރަކިތަކެކެވެ. ލިފްޓެއް ވެއްޓިގެން އުޅޭ ވާހަކަ އަޑު އިވިފައިވަނީ ކިތައް ފަހަރު ތޯއެވެ؟ ފިލުމުތަކުގައި އެކަން ވިޔަސް، ހަގީގަތުގައި ރަނގަޅަށް ހަރުކޮށްފައިވާ ލިފްޓަކަށް އެފަދަ ކަމެއް ދިމާވެފައިވޭހެއްޔެވެ؟

މާލޭގައި ހަދަމުންދާ އިމާރާތެއްގައި ވަރަށް މަދުން ނަމަވެސް އެފަދަ ހިތާމަވެރި ހާދިސާ ހިނގާފައި ވެއެވެ. އެކަމަކު އެއީ ލިފްޓު ހަރުކޮށް ނިމިފައިނުވާތީ އެވެ. ނުވަތަ، ލިފްޓުގޮޅީގައި ވަގުތީގޮތުން ހަރުކޮށްފައިވާ ލިފްޓެކެވެ.

އަޚުލާގު

މުޖުތަމައު ތަރައްގީވަނީ ހަމައެކަނި ފަންނީ އާލާތްތަކަކުން ނޫނެވެ. މުޖުތަމައުގެ ފަރުދުންވެސް އެފަދަ ފަންނީ އާލާތްތައް ބޭނުން ކުރުމުގައި އަހުލުވެރި ވާންޖެހޭ ތަހުޒީބު އަދަބުތަކެއް ހުރެއެވެ. ބައެއް ފަހަރު ލިފްޓު ތެރޭގައި "ކުނި އުފުލުން މަނާ" ނުވަތަ "ލިފްޓުގެ ބަޓަންތަކާ ކުޅުން މަނާ" އޭ ބުނާ ލިޔުން ބަހައްޓާފައި ހުރިކަމަށް ވިޔަސް، އެ އަދަބުތަކަކީ އެއްވެސް ގަވާއިދެއްގައި ލިޔެފައިވާ އަދަބު ތަކެއް ނޫނެވެ. އެއީ "ކަސްޓަމަރީ ލޯ" ގެ ގާނޫނީ އޮނިގަނޑަށްވެސް މުޅިން ފެތޭ އަދަބުތަކެއް ނޫނެވެ. އެހެނީ، އެއިން އަދަބަކާ ހިލާފުވެގެން ކުށްވެރިއެއް ނުވާނެއެވެ.

ނަމަވެސް ލިފްޓު ބޭނުންކުރުމުގައި އަންނަނިވި ކަންކަމަކީ ކޮންމެ މީހަކުވެސް ސަމާލުވާންޖެހޭ ކަންކަމެވެ.

- ލިފްޓަށް ފުރަތަމަ ވަންނަ މީހާ ލިފްޓުގެ އޮޕަރޭޓަރަށް ވުން - އެމީހާ ލިފްޓުން ފޭބުމުން، އެމީހާއާ ޖެހިގެން ދެންހުރި މީހާ ލިފްޓުގެ އޮޕަރޭޓަރުކަމަށް ބަދަލުވާނީއެވެ. ލިފްޓުގެ އޮޕަރޭޓަރު ލިފްޓުން ނުކުންނާނީ އެންމެ ފަހުންނެވެ.

- ލިފްޓަށް ވަނުމަށް ފަހު، ލިފްޓުގެ ދޮރާ ދިމާއަށް އެނބުރިގެން ކޮނޑާއި ކޮނޑު ދިމާވާހެން ސަފު ހެދުން

- ބޮޑެތި ލިފްޓުގައި އިތުރު ބަރިއަށް ސަފުހެދުން.

- ލިފްޓު ތެރޭ ތިބޭނީ ދެމީހުން ދޭތެރޭ ހުސްޖާގަ ނުހުންނާނެހެން، އެކަމަކު، ދެން ހުރި މީހާގެ ގައިގާ، ނުވަތަ ދަބަސް ފަދަ އެއްޗެއް އޮތްނަމަ، އެއެއްޗެއްގައިވެސް، ނުޖެހިއެވެ.

- ލިފްޓަށް ވަންނަ ތަރުތީބުގެ އިދިކޮޅަށް ލިފްޓުން ނުކުތުން

- ފުރަތަމަ ވަންނަ މީހާ ނުކުންނާނީ އެންމެ ފަހުންނެވެ.

- ލިފްޓުގެ އެންމެ އެތެރޭގައި ހުރި މީހަކު ބޭރަށް ނުކުންނަ އިރު، ކުރިމަތީ ތިބި މީހުން އެއްކައިރި ވުމުގެ ބަދަލުގައި، ނުކުންނަން ބޭނުންވާ މީހާއަށް މަގެއް ކޮށައިދިނުމަށް ކުރިމަތީ ތިބި މީހުން ވެސް ލިފްޓުން ފައިބާނީ އެވެ. އެއަށް ފަހު އަލުން ހަމަ އެ ތަރުތީބުން ތިބެވޭގޮތަށް ވަންނާނީއެވެ.

- ލިފްޓު ތެރޭ ވާހަކަ ނުދެއްކުން. އެހެންކަމުން ފޯނުކޯލެއްގައި ވާހަކަދައްކަން ނުހުރުން ހިމެނެއެވެ.

- ވަސްގަދަވާ ކަހަލަ އެއްޗެއް ލިފްޓުތެރެއަށް ނުވެއްދުން، ނުވަތަ "ކަމެއް" ނުކުރުން.

- ލިފްޓަކީ ވަރަށް އަގުބޮޑު އެއްޗެއްކަން ދެނެގެން، އެއަށް ގެއްލުންވެދާނެ ކަމެއް ނުކުރުން.

މިނޫނަސް އާންމުންގެ ތެރޭގައި އުޅޭއިރު ހިފަހައްޓަންޖެހޭ އަދަބު ތަކާއި އާދަތައް ލިފްޓުތެރޭގައި ވެސް ގެންގުޅެންޖެހޭނެއެވެ.

ކޮންމެ ކަމެއްގައިވެސް ނުލިޔެވިވާ ގަވާއިދުތަކެއް ހުރެއެވެ. އެއީ ކޮބައިކަން ދެނެގަތުމަކީ ރަނގަޅު ރައްޔިތުންގެ އަމިއްލަ ޒިންމާއެކެވެ. އެގޮތުން ލިފްޓާ ގުޅޭގޮތުން ހުރި އެފަދަ ބައެއް ކަންކަން މިލިޔުމުގައި ހިމެނުމުން، އެއިން ބައެއް ފަރުދުންނަށް މަންފާއެއް ކުރާނެ ކަމުގައި އުއްމީދު ކުރަމެވެ. އަދި ލިފްޓަކީ އެހާމެ އަގުބޮޑު މެޝިނަކަށް ވީހިނދު، އެއީ ކޮންމެވެސް މީހަކު ކޮށްފައިވާ ހަރަދެކެވެ. އެހެންކަމުން އެކަމަށް އިތުރު ސަމާލުކަމެއް ދީގެން ލިފްޓަށް ވެސް އަގުހުރި އެހެން އެއްޗަކަށް ދޭންޖެހޭ އިހުތިރާމާއި ގަދަރު ދިނުމަކީ މުހިންމު ކަމެކެވެ.