ޕީޕީއެމް/ޕީއެންސީން މާލޭގައި ކުރަމުންދާ މުޒާހަރާގައި މިހާތަނަށް 38 މީހުން ހައްޔަރު ކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މިއީ "މަގޭ ފުލެޓު ކޮބާ" ނަމުގައި ކޮންމެ ހުކުރުދުވަހަކު ބާއްވަމުން ގެންދާ ސިލްސިލާ މުޒާހަރާއެކެވެ. މިއަދުގެ މުޒާހަރާ ކުރަން ފެށީ އެއްފަހަރާ 5 މީހުންނަށް ވުރެ ގިނައިން މާލޭ ސަރަހައްދުގެ މަގުތަކަށް އެއްވުމަކީ މަނާކަމެއް ކަމަށް އެޗުޕީއޭއިން އަންގާފައިވަނިކޮށްނެވެ.
މި މުޒާހަރާ ފެށުމުގެ ކުރިން ވެސް ފުލުހުންވަނީ ޕީޕީއެމް އޮފީސް ހުންނަ ސަރަހައްދަށް ދާން އޮންނަ މަގުތަށް ބެރިކޭޑު ޖަހައި ބަންދުކޮށްފައެވެ.
މުޒާހަރާގައި ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުންނާއި، އިސް އެކްޓިވިސްޓުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި މިހަރަކާތަށް ތާއިދުކުރާ ބައެއް މީހުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
ފުލުހުން މުޒާހަރާ ރުޅާލައި މީހުންތައް ހައްޔަރުކުރަން ފެށުމުން ބައެއް މީހުންވަނީ އެއްވުން މަނާކޮށްފައިވާ ގްރީން ޒޯނަށް ވެސް އެއްވާން މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް ފުލުހުން ވަނީ އެކަމަށް ހުރަސް އަޅައިފައެވެ. މުޒާހަރާއިން ހައްޔަރު ކުރި މީހުންގެ ތެރޭގައި އެ ދެ ޕާޓީގެ އިސް އެކްޓިވިސްޓުންތަކެއް ވެސް ހިމެނެއެވެ.
މުޒާހަރާގެ ބައެއް ބައިވެރިން ބުނެފައިވަނީ މުޒާހަރާ ރޫޅާލައި މީހުން ހައްޔަރު ކުރުމުގައި ފުލުހުންވަނީ އާދަޔާޚިލާފަށް ބާރުގެ ބޭނުން ކޮށްފައި ކަމަށެވެ. އެފަދަ ބާރެއް ބޭނުން ނުކޮށް ވެސް މީހުން ހައްޔަރު ކުރުމުގެ ހުނަރާއި ގާބިލްކަން ދިވެހި ފުލުހުންގެ ހުންނާނެ ކަމަށް އެމީހުން ބުންޏެވެ. މީހުން ހައްޔަރު ކުރުމުގައި ފުލުހުންވަނީ ބައެއް މީހުންނަށް އަނިޔާކޮށްފައި ކަމަށް ވެސް އެމީހުން ބުންޏެވެ. މިކަމާ ބެހޭ ގޮތުން ފުލުހުން އަދި ވަކިއެއްޗެއް ވިދާޅެއް ނުވެއެވެ.
ޕީޕީއެމްގެ ނާއިބު ރައީސް އަޙުމަދު ޝިޔާމް ކުރިން ވިދޅުވެފައިވަނީ ކޮވިޑް ފެތުރޭތީ ގައިދުރުކުރަން އެޗުޕީއޭއިން އަންގާފައިވާ އެންގުމަށް މުޒާހަރާގެ ބައިވެރިން ތަބާވާ ކަމަށެވެ. ނަމަވެސް މީހުން ފައްސައި އެއްތަނަކަށް ޖަމާކޮށް އެކަކުއަނެކެއްގެ ގައިގައި ޖެހި ފިތެނީ ފުލުހުން އެކަން އެގޮތަށް ކުރައްވާތީ ކަމަށެވެ. އެހެންވީމާ އެއީ ބަލައިގަނެވޭނޭ ކަމެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ. އަދި މުޒާހަރާ ފެށުމުގެ ކުރިން ވެސް މަގުތައް ބަންދުކޮށް މީހުން ހުއްޓުވައި އަނބުރާ ފޮނުވައިލާ މައްސަލަ ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
މިދިޔަ ހަފްތާގެ ހުކުރު ދުވަހު ވެސް ވަނީ މުޒާހަރާ ކޮށްފައެވެ. މުޒާހަރާއަށް ނުކުންނަނީ ރަތް ހެދުމުގައި ގައުމީ ދިދަ ހިފައިގެންނެވެ. މިދިޔަ ހަފްތާގެ މުޒާހަރާއިން ވަނީ 30 މީހުން ހައްޔަރު ކޮށްފައެވެ. އެހެންނަމަވެސް ފަހުން ވަނީ ދޫކޮށްލައިފައެވެ.