އިންޑިއާގެ އިގްތިސާދީ އިސްލާހުތަކުގެ މޭސްތިރި ޑރ. މަންމޯހަން ސިންގް އުމުރުން 92 އަހަރުގައި ބުރާސްފަތި ދުވަހުގެ ރޭ ނިއުދިއްލީގައި އަވަހާރަވެއްޖެ އެވެ. ސިޔާސީ ދާއިރާގެ ލީޑަރުން ވަނީ ސިންގްގެ ނަޒާހަތްތެރިކަމާއި، ތޫނުފިލިކަމާއި، އިސްލާޙު ކުރުމުގެ ސިޔާސަތުތަކުގެ ހަނދާންތައް އައުކޮށް އޭނާއަށް ހިތުގެ އަޑިން ޝުކުރާއި ޝުއޫރުތައް ފާޅުކޮށް ފައެވެ.

މަޑުމައިތިރި މިޒާޖުގެ ޓެކްނޮކްރެޓެއް ކަމަށްވާ ސިންގްއަކީ، 10 އަހަރު ދުވަހު އިންޑިއާގެ ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅެކެވެ. އިންޑިއާގެ ޕާލަމެންޓްގެ މަތީގޭގައި ކޮންގްރެސް ޕާޓީގެ ލީޑަރަކަށް ވެވަޑައިގަތެވެ. އަދި ނަޒާހަތްތެރި ކަމުގެ މިސާލެއްގެ ގޮތުގައި މަޝްހޫރުކަން ހޯއްދެވި އެވެ. ސިންގް ވަނީ ބޮޑުވަޒީރުގެ މަގާމުން ވަކިވެވަޑައިގަތުމަށް ފަހު ލޯ ޕްރޮފައިލް ދިރިއުޅުމެއް އުޅުއްވާފައެވެ.

2014 ވަނަ އަހަރު ސިންގްގެ ފަހަތުން ވެރިކަމަށް ވަޑައިގެންނެވި ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވީ، ސިންގްއަކީ، ސާދާ އާއިލާއަކުން ވަޑައިގެން، "އިގްތިސާދީ ސިޔާސަތުގައި ވަރުގަދަ ހަނދާންތަނެއް" ދޫކޮށްލެއްވި އިންޑިއާގެ "އެންމެ ޝަރަފުވެރި ލީޑަރުންގެ" ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ބޮޑުވަޒީރުގެ ހައިސިއްޔަތުން އާންމުންގެ ދިރިއުޅުން ރަނގަޅު ކުރުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތްތަކެއް ކުރެއްވި،" އެކްސްގައި މޯދީގެ ތައުޒިޔާގައި ވިދާޅުވި އެވެ.

ލޯކް ސަބާގައި އިދިކޮޅު ލީޑަރު ރާހުލް ގާންދީ ވިދާޅުވީ ސިންގްގެ "އިގްތިސާދީ ދާއިރާގެ ފުން ވިސްނުމުން ގައުމަށް އިބުރަތްތަކެއް ލިބުނު" ކަމަށާއި" އޭނާ އިންޑިއާގައި ޒައާމަތީ ދައުރެއް އަދާ ކުރެއްވީ އިންތިހާއަށް ޙިކުމަތްތެރިކަމާއި ނަޒާހަތްތެރިކަމާއެކު" ގައި ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑަށް މަގުދައްކައި ދެއްވި ލީޑަރު އަޅުގަނޑުމެނަށް ގެއްލިއްޖެ. އަޅުގަނޑުމެންގެ ތެރެއިން އެތައް މިލިއަން ބަޔަކު ސިންގްގެ މަތިން ހަނދާން ކުރާނީ އިންތިހާއަށް ފަޚުރުވެރިކަމާއެކު" ގާންދީގެ ތައުޒިޔާ މެސެޖުގައި ލިޔުއްވާފައިވެ އެވެ.

ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގްގެ ޝަރަފުގައި އިންޑިއާ ސަރުކާރުން ވަނީ ހަތް ދުވަހަށް ހިތާމަ ފާޅުކުރުމަށް ނިންމައި އެކަން އިއުލާންކޮށްފަ އެވެ. ސިންގްއަށް ޝުކުރު އަދާކުރުމުގެ ގޮތުން މިއަދު ހެނދުނު ރާއްޖޭ ގަޑިން 11.30ގައި އިންޑިއާގެ ވަޒީރުންގެ މަޖިލިސް ބައްދަލުކުރާނެ އެވެ.

ސިންގްގެ ޖަނާޒާ ކުރިއަށް ގެންދާނީ އިންޑިއާގެ ދައުލަތުގެ ފުރިހަމަ ޝަރަފާއި އެކު ކަމަށް ސަރުކާރުން ބުނެފައި ވެއެވެ.