ޕާކިސްތަންގެ ޚުއްރަމް ޑިސްޓްރިކްޓްގައި ބޯޑަރު ސަރަހައްދުގައި އަފްޣާނިސްތާން ސިފައިން ބަޑީގެ ހަމަލަ ދިނުމުން ޕާކިސްތާން ސިފައިންގެ މީހަކު މަރުވެ، 11 މީހަކަށް ހާނިއްކަ ވެއްޖެއެވެ.
ޕާކިސްތާނުން އަފްޣާނިސްތާނަށް ވައިގެ މަގުން ބޮން އެޅުމުން ދެ ގައުމުގެ ސަރަހައްދު ހޫނުވެފައި ވެއެވެ. އަފްޣާނިސްތާނުން ބަދަލު ހިފާނެ ކަމުގެ އިންޒާރުވެސް ދީފައި ވެއެވެ.
އަފްޣާނިސްތާނުގެ ސިފައިން ސަރަހައްދު ހުރަސްކޮށް ދިން ހަމަލަތައް އަމާޒުކޮށްފައި ވަނީ، ޣޮޒްގަރްހީ، މަތާ ސަންގަރު، ކޮޓް ރާގާ އަދި ތާރީ މެންގަލް ސަރަހައްދުގެ ބޯޑަރު ޕޯސްޓްތަކަށެވެ. ތާލިބާނުން ބުނާ ގޮތުގައި މި ހަމަލަތައް ދިނުމަށް ބޭނުންކޮށްފައި ވަނީ، ލުއި ހަތިޔާރާއި ބަރު ހަތިޔާރެވެ.
ޕާކިސްތާނުންވެސް ރައްދު ހަމަލަތަކެއް ދިން ކަމަށް މީޑިއާއިން ބުނެއެވެ. ތަފްސީލު ދިނުމަކާ ނުލައި ބުނެފައި ވަނީ، އަނެއް ފަރާތަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށެވެ. އަދި އަފްޣާން ސިފައިންގެ މީހަކު މަރުވި ކަމަށްވެސް ބުނެއެވެ.
ހުކުރު ދުވަހުގެ ރޭ ދަންވަރު ތަހުރީކޭ ތާލިބާނޭ ޕާކިސްތާންގެ ހަނގުރާމަވެރިން ވަނީ ޕާކިސްތާނުގެ ސަރަހައްދަށް ވަދެގަތުމަށްވެސް މަސައްކަތް ކޮށްފައެވެ. ނަމަވެސް އެ މަސައްކަތް ނާކާމިޔާބެއް ނުވި އެވެ.
މިހަމަލަތަކާ ދެކޮޅަށް ޕާކިސްތާނު ސިފައިން ދިން ރައްދު ހަމަލައިން، 15 އަށް ވުރެ ގިނަ ހަނގުރާމަވެރިން މަރުވެ އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް ޕާކިސްތާން މީޑިއާއިން ބުންޏެވެ.
ޕާކިސްތާނުން ވަނީ އަފްޣާނިސްތާނުގެ ސަރަހައްދުން ޓެރަރިސްޓް ހަމަލަތައް އަންނަމުންދާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޕާކިސްތާންގެ ޚައިބަރު ޕަޚްތުންޚްވާ އާއި ބަލޫޗިސްތާނަށް ޓެރަރިސްޓް ހަމަލަތައް އަމާޒު ވަނީ އަފްޣާނިސްތާނުން ކަމަށް ތަކުރާރުކޮށް ޕާކިސްތާނުން ބުނެއެވެ.
ޕާކިސްތާންގައި މަނާކޮށްފައިވާ ތަހްރީކޭ ތާލިބާނޭ ޕާކިސްތާން އިން ވަނީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ޕާކިސްތާނާ ދެކޮޅަށް ދޭ ހަމަލަތައް ވަރުގަދަ ކޮށްފައެވެ. މިމީހުން ބަނޑަހަ ޖަހައިގެން ތިބެނީ އަފްޣާނިސްތާންގައި ކަމަށް އިސްލާމްއާބާދުން ބުނެއެވެ.
ޕާކިސްތާން ސިފައިންގެ ޗީފް އޮފް ދަ އާމީ ސްޓާފް ޖެނެރަލް އާސިމް މުނީރު ވަނީ އަފްޣާނިސްތާނުގައި ހަނގުރާމަވެރިންނަށް ހިމާޔަތް ލިބޭކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އޭނާ ވިދާޅުވެފައި ވަނީ، ގާނޫނާ ޚިލާފު ޓީޓީޕީއާ އެކު އެއްވެސް މަޝްވަރާއެއް ނުކުރެވޭނެ ކަމަށެވެ.
ޕާކިސްތާނުގެ ބޯޑަރު ޕޯސްޓްތަކަށް ހަމަލާ ދީފައިވަނީ އަފްޣާނިސްތާނުގެ ޕަކްތިކާ ޕްރޮވިންސްގައި ހުންނަ ޓީޓީޕީގެ ކޭމްޕްތަކަށް ޕާކިސްތާނުގެ ޖެޓް ފައިޓަރުންތަކުން ހަމަލަދިންތާ ދުވަސްތަކެއް ފަހުންނެވެ. އެ ހަމަލާތަކުގައި ހަނގުރާމަވެރިންގެ ތެރެއިން އެތައް ބަޔަކު މަރުވެ، އަދި އިތުރު ބަޔަކު ޒަޚަމްވެފައިވާ ކަމަށް ބުނެއެވެ.