ރާއްޖެ - ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ބުދަ ދުވަހުން ފެށިގެން ފެށިގެން އަމަލުކުރަން ފަށަން ހަމަޖެހިިފައިވާކަމަށް އިގްތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެެއްޖެއެވެ.
މިކަން ހާމަކުރެއްވީ ޗައިނާގެ މިނިސްޓަރ އޮފް ކޮމާސް ވަންގ ވެންޓާއޯ އަދި ވަޒީރު މުޙައްމަދު ސައީދު އޮންލައިންކޮށް މިއަދު ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
"ރާއްޖޭގެ ވިޔަފާރީގެ ތާރީޙުގައިވެސް ވިޔަފާރީގެ ދާއިރާއިން ކުރިން ނުލިބޭފަދަ ކުރިއެރުންތައް ހޯދުމުގެ ފުރުސަތު މިހާރު ލިބިގެން މިދަނީ، ދުނިޔޭގެ އެންމެ ބޮޑު މާރކެޓާއި އެކު،" ވަޒީރު ސައީދު ވިދާޅުވިއެވެ.
ވަޒީރު ސައީދު ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ޗައިނާއިން ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަގު ހެޔޮވެ، އެޤައުމުގައި ހުރި ވިޔަފާރީގެ ފުރުސަތުތަކުގެ ބޭނުން ހިފުމަށް ދިވެހި ވިޔަފާރިވެރިންނަށް ފަހިވެގެންދާނެކަމަށެވެ. އަދި ކުރިމަގުގައި ވިޔަފާރީގެ ގިނަ ފުރުސަތުތެއް ދިވަހިންނަށް ލިބިގެންދާނެކަމަށް ސައީދު ވިދާޅުވިއެވެ.
މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ޗައިނާއާއެކު ރާއްޖެއިން ސޮއިކުރީ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި 2014 ވަނަ އަހަރުއެވެ. އަދި އެއްބަސްވުމަށް އަމަލުކުރަން ފަށަން 2017 ވަނަ އަހަރު މަޖިލީހުން ރުހުންދިނެވެ. އެކަމަކު 2018 ވަނަ އަހަރު ރައީސް ޔާމީނުގެ ވެރިކަން ވެއްޓުމާއެކު މި އެއްބަސްބުމަށް އަމަލުކުރަން ފަށަން ފަސްވެގެންދިޔައީއެވެ.