ވަރަށް ގިނަ އިރު ވާންދެން ހިމޭންކަން ވެރިވެފައި އޮތެވެ. އެޔަށް ފަހު ސަލްމާ ބުންޏެވެ. "ޞަފޫރާ އަކީ ރަންޑީ ބާޒާރުގައި ނަށާ ޢާއިލާއެއްގެ ކުއްޖެއް." ޖަވާދު ޙައިރާން ވެފައި ސުވާލުކޮށްލިއެވެ. "ކޮން ޞަފޫރާއެއް؟" "އަކްބަރުގެ އަންހެނުން. އެއީ އަޅުގަނޑުމެންގެ ބޮޑު ބޭބެގެ ދަރިއެއް. ބޮޑު ބޭބެ މިހާރު ނިޔާ ވެއްޖެ. ބޮޑު ބޭބެ، ޞަފޫރާގެ މަންމަ ގެނައީ ރަންޑީ ބާޒާރުން. ގެނެސް ހަވޭލީގައި ގެންގުޅުނީ." "ގެންގުޅުނީއޭ ތިޔަ ބުނީ ކީއްވެގެން؟ ތިމާގެ މީހަކަށް ހަދައިގެން ގެންގުޅުނީތަ؟" "އެޔެއް އަޅުގަނޑަކަށް ނޭނގޭ. ބޮޑު ބޭބެ ބުނީ އޭނާ ގެނައީ އިނދެގެންނޭ. ކޮންމެ ގޮތެއް ވިޔަސް ޞަފޫރާ އުފަންވީ ހަވާލީއަށް. އޭގެ ދިހަ ވަރަކަށް އަހަރު ފަހުން އޭނާގެ މަންމަ މަރުވެއްޖެ. އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކު ޞަފޫރާ އަކާ ވާހަކައެއް ނުދައްކާ." ޖަވާދު ބޯ ޖަހައިލިއެވެ. "ރަނގަޅު ވާހަކައެއް- އެކަހަލަ ކުއްޖަކާ އެކަކުވެސް ވާހަކައެއް ނުދައްކާނެ-" "ޞަފޫރާ އެކަހެރިވެފައި އިންނަ ތަން ފެނުނީމާ ބޮޑުބޭބެ ހެދި ގޮތަކީ ހުރިހައި މުދަލެއް އޭނާގެ ނަން މައްޗަށް ބަދަލު ކޮށްލީ. ވަޞިއްޔަތުގައި ލިޔެފައި އޮތް ގޮތުން، ޞަފޫރާ ޢާއިލާއިން ބޭރު މީހަކާ އިނދެފިއްޔާ މުދަލުން ލިބޭނީ ކަނޑައެޅިފައިވާ ވަކި މިންވަރެއް. ބާކީ ހުރި އެއްޗެއް ލިބޭނީ ސަރުކާރަށް. ޢާއިލާގެ މީހަކާ އިނދެފިއްޔާ މުދާ ހުންނާނީ ޢައިލާގައި ނޫންތޯ؟" "ސަލްމާގެ ބޮޑު ބޭބެއަކީ ވަރަށް ޗާލާކު މީހެއްތާ!" "އަޅުގަނޑުމެންނަކީ ވެސް މޮޔައިންނެއް ނޫނީމު. ޞަފޫރާ އަކްބަރާ ދެވައިގެން އަޅުގަނޑުމެން މި ތިބީ މުދާގަނޑު ޢައިލާއިން ބޭރަށް ދިޔަ ނުދީ ހިފަހައްޓައިގެން. އަނެއްކޮޅުން ޞަފޫރާއަކީ ޢައިލާގެ މީހެއް ކަމަކަށް ވެސް އަޅުގަނޑުމެން އަދިވެސް ގަބޫލެއް ނުކުރަން. އޭނާގެ މަންއަކީ ކާކުކަން ދުނިޔެއަށް ބުނެދޭން އަޅުގަނޑުމެންނަށް ކެރޭނީ ކިހިނެއްތޯ؟" "އާނ! ކަންތައް ތިޔަ ކުރި ގޮތުން ބޮޑުބޭބެގެ މުދާގަނޑު ލިބިއްޖެ. ގިނަ ފަހަރަށް މުދާ އިތުރުވެފައި ހުންނަނީ ތިޔަ ކަހަލަ ކޮންމެވެސް ކަމެއް ކޮށްގެން." މަންގަލާ ޑޭމްގެ އޮފީހާ ހަމައަށް ދެވިއްޖެ އެވެ. ޕިޔޯނަކު އައިސް ސަލާންކޮށްފައި ސަލްމާ ފައިބާން ކާރުގެ ދޮރު ހުޅުވައި ދީފިއެވެ. ސަލްމާ ފައިބައިގެން ޖަވާދާއެކީ ހިނގައިގެންފި އެވެ. ދިމާވާ ކޮންމެ މީހަކު އެ ދެމީހުންނަށް ސަލާންކުރި އެވެ. މިހައި ގިނަ ބަޔަކު އެކަކަށް ސަލާން ކުރާތަން މީގެ ކުރިން ދުވަހަކު ވެސް ސަލްމާ ދެކެފައެއް ނެތެވެ. ދަނޑަށް ނުކުމެ އުޅޭ ދުވަސް ދުވަހު ބައްޕަޔާއި ކޮއްކޮއަށް ސަލާންކުރާ މީހުން ވަރަށް ގިނައިން ފެނެއެވެ. އެހެންނަމަވެސް ފިރިމީހާއަށް ގިނަ ބަޔަކު ސަލާންކުރާ ތަން ފެނުނީމާ ކުރެވެނީ މުޅީން ތަފާތު އިޙްސާސެކެވެ. އޭނާ ރަންޏެއްގެ ބޮޑާ ކަމާއެކު އެއިން އެއްވެސް މީހެއްގެ ސަލާމަކަށް ޖަވާބެއް ދިނުމަކާ ނުލައި ގޮސް އޮފީހަށް ވަދެއްޖެ އެވެ. ޖަވާދު އެ ތާނގައި މަސައްކަތްކުރާ ކުދި ބޮޑު އޮފްސަރުންނަށް އޭނާގެ އަނބިމީހާ ތަޢާރުފުކޮށްދިނެވެ. އެ ތަނުން ކޮންމްވެސް އެކަކު ޖަވާދާ ދިމާއަށް ބަލައިލައިފައި އިޝާރާތެއް ކޮށްލި އެވެ. ޖަވާދު އަވަސްއަވަހަށް ބުނެލިއެވެ. "ޔޭސް ސަރ! ހަމަ މިހާރު އަޅުގަނޑު މި ބަލަނީ." ދެން އޭނާ ސަލްމާއާ ދިމާއަށް ބުނެލިއެވެ. "ސަލްމާ ރާނީ! މި ތާނގައި މި މީހުނާ ވާހަކަ ދައްކަން މަޑުކޮށްލާ! އަހަރެން ކުޑަ މަސައްކަތެއް ނިންމައިލައިފައި އެބަ އަންނަން." އެހެން މީހަކު ބުނެލިއެވެ. "ޖަވާދު އަވަހަށް ގޮސްފައި އާދޭ! އަހަރެމެން ފަހަރީގެ ކަންތައް ބަލަހައްޓާނަން." ދެން ސަލްމާ އާ ސުވާލު ކޮށްލިއެވެ. "ފަހަރީ! ކޯޗެއް ގެންނާނީ؟ ފިނި ބުއިމެއްތަ؟ ނޫނީ ސައިތަ؟" ޖަވާދު ހިނގައްޖެއެވެ. ސައި ގެންނާށޭ ބުނެފައި ސަލްމާ އޭނާގެ ފިރިމީހާއާ ދިމާއަށް ބަލަން ފަށައިފި އެވެ. އޭނާ ދިޔައީ ޖެހިގެން ހުރި ގޮޅިއަށެވެ. ދެގޮޅި ދޭތެރޭގައި ޖަހާފައި ހުރި ސާފު ބިއްލޫރިގަނޑުން އެތަން ފެނެއެވެ. އޭނާ ވަނުމާއެކު އެތާނގައި ތިބި ދެތިން މީހަކު ތެދުވެ، އޭނާއަށް ސަލާންކޮށްލި އެވެ. ޖަވާދު ރަސްކަލެއްހެން ގޮސް އެތާނގައި ހުރި އެންމެ ބޮޑު ގޮނޑީގައި އިށީނދެއްޖެ އެވެ. ސަލްމާއަށް އެ ކަންތައްތައް ފެންނަނީ އާދަޔާ ޚިލާފު ކަންތައްތަކެއްގެ ގޮތުގައެވެ. އެހެންނަމަވެސް ވަރަށް އުފާވާ ކަންތައްތަކެއް ކަމުގައިވެސް އެކަންތައް ވެއްޖެއެވެ. ހިކަންޖަކަށް ވެގެން އެއް ކަނެއްގައި ހުރުމުގެ ބަދަލުގައި ބޮޑު މީހެއްގެ ސިފައިގައި ފިރިމީހާ ހުއްޓައި މި ފެންނަނީ އަލަށެވެ. ބައްޕަގެ ކުރިމަތީގައި އިސް އުފުލައި ބަލައިލާކަށް ވެސް ޖަވާދަކަށް ނުކެރެއެވެ. އެ ގޮޅީގައި ތިބި މީހުންނާ ދިމާއަށް އޭނާ ރުޅި އައިސްގެން ކޮންމެވެސް އެއްޗެކޭ ބުނެލީކަން އެނގެއެވެ. އަޑު ނީވުނު ނަމަވެސް އޭނާގެ ކުރިމަތީގައި އެހެން މީހުން ކުޑަވެގެން ތިބީމާ ކޮންމެވެސް ކަމަކާ ނުރުހިގެން އުޅެނީކަން އެނގެއެވެ. އެ މީހުންނަކީ ބިންވެރިންކަން އެނގެއެވެ. އެކަމަކުވެސް ޖަވާދުގެ ކުރިމަތީގައި އެ މީހުން ތިބީ އާދައިގެ މީހުންނަށް ވެފައެވެ. އެމީހުން ވާހަކަ ދައްކަނީ އެވެ. ޖަވާދު އިރުކޮޅަކު އަޑު އަހަން ހުރެފައި ބޯ ޖަހައިލި އެވެ. އަދި ގޮނޑިން ތެދުވެގެން އައިސް ބިއްލޫރިގަނޑުގައި ހުރި ފަރުދާ ދަމައިލިއެވެ. އެޔާއެކު އެ ކޮޓަރީގައި ހިނގާ ކަންތައްތައް ނުފެންނަ ގޮތް ވެއްޖެ އެވެ. ސަލްމާ އެހެން މީހުނާ ވާހަކަދައްކާން ފަށައިފި އެވެ. އެކަމަކު ސިކުނޑި އޮތީ ފިރިމީހާ ހުރި ގޮޅީގައެވެ. އެތާނގައި އެ ހިނގަނީ ކޮން ކަހަލަ ސިއްރު ބައްދަލުވުމެއް ބާވައޭ ހިތަށް އެރި އެވެ. ބައި ގަޑި އިރެއްހައި ފަހުން ޖަވާދު އައިސް އެ ގޮޅިއަށް ވަދެއްޖެއެވެ. އޭނާގެ މޫނުމަތީން ފެންނަނީ ވެރިކުލައެވެ. އެހެންނަމަވެސް އަނބިމީހާ ފެނުމާއެކު މަޑު ކަފަކޮޅަކަށް ވެއްޖެއެވެ. "ސޮރީ، ސަލްމާ ރާނީ! މަސައްކަތް ހުރި ގޮތުން ދާން ޖެހުނީ. ހިނގާ ޑޭމް ބަލައިލާން." ސަލްމާ ހިނިތުން ވެލައިފައި ތެދުވެއްޖެ އެވެ. އޮފީހުން ބޭރަށް ނުކުމެފައި ސަލްމާ ބުނެލިއެވެ. "އަޅުގަނޑާ މެދު އެވަރަށް ނުވިސްނަވާ! މަސައްކަތް ކުރިއަށް ގެންދަވާ!" "މަސައްކަތްވެސް މިދަނީ ކުރެވެމުންނެއްނު؟ ސަލްމާ އާ އެކީގައި އުޅެވުނީމާ ލިބޭ އުފާ މާ ބޮޑު. އޮފްސަރުންނާއެކު އެ މީހުންގެ އަނބިން ވެސް އޮފީހަށް އަންނަން ޖެހޭ ގޮތަށް ޤާނޫނެއް ހަދަންވީ. އޭރުން އޮފްސަރުންގެ މޫޑު ރަނގަޅުވެ، މަސައްކަތް ހަލުވި ވެގެން ދާނެ." ސަލްމާ ހީނގަތެވެ. "އޭރުން މަޑުމަޑުން ގޮސް ނިދާ ކޮޓަރި ވެސް އޮފީހަށް ބަދަލު ވެދާނެ."(ނުނިމޭ)
ލޭ ބޯ ފަނި (6)
29 December 2024, 11:04