ފެނަކަ ކޯޕަރޭޝަނަށް ފަންނީ މުވައްޒަފުންގެ ދަތިކަން މިވަގުތު ކުރިމަތިވެފައި ނުވިޔަސް ޖެނުއިން ސްޕެއަރޕާޓްސް ލިބުމުގައި ވަރަށް ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށް އެކުންފުނީގެ މޭނޭޖިންޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

"ރާއްޖެ މިއަދު" ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މިހާރު ދިމާވާ ހަމައެކަނި މައްސަލައަކީ އިންޖިންތަކަށް ދިމާވާ މައްސަލަތައް ހައްލު ކުރުމަށް ބޭނުންވާ ޖެނުއިން ސްޕެއަރ ލިބުމުގެ މައްސަލަ ކަމަށެވެ.

"ހަމައެކަނި ދިމާވާ މައްސަލައަކީ އަޅުގަނޑުމެންގެ އިންޖީންތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ހޯދާ ޖެނުއިން ސްޕެއަރ ޕާޓުސް ނުލިބުމުގެ ދަތިކަން. ކުރިއަށް އޮތްތަނުގައި އެކަމަށް ވެސް ޙައްލެއް ލިބިގެންދާނެ،" އޭނާ ވިދާޅުވިއެވެ.

ކުންފުނީގައި މިހާރު ތިބި ފަންނީ މުވައްޒަފުންނަށް ބަލާއިރު ފަންނީ ގޮތުން ދިމާވާ މައްސަލައެއް ހައްލު ކުރުމަށް އެއްވެސް ދަތިކަމެއް އެކުންފުންޏަށް މިވަގު ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. "ސަބަބަކީ އަޅުގަނޑުމެންގެ މި ޓީމުގައި ހިމެނޭ ޔުނިވަރސިޓީ ގުރެޖުއޭޓުން، ޒުވާން ބޭފުޅުން،" އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ އެހެން ކުންފުނިތަކާ އަޅާބަލާއިރު ފެނަކަ ކުންފުނީގެ މެނޭޖުމެންޓުގައި އެހެން ކުންފުނިތަކުގައި ނުތިބޭހާ އަދަދަކަށް ޓެކްނިކަލް މީހުން ތިބޭނެ ކަމަށް ވެސް ސަޢީދު ވިދާޅުވިއެވެ. އޭގެ ތެރޭގައި މެކޭނިކަލް އިންޖިނިއަރުންނާއި، އިލެކްޓްރިކަލް އިންޖިނިއަރުންނާއި، އެންވަޔަރަންމެލްޓަލް އިންޖިނިއަރުންނާއި "މިހެން ގޮސް އަޅުގަނޑުމެން ޚިދުމަތްދޭ ކޮންމެ ދާއިރާއެއްގައި ވެސް ފަންނީ ބޭފުޅުން ތިއްބަވާނެ. އެހެންވީމާ މިވަގުތު އަޅުގަނޑުމެންނަށް ފަންނީ ގޮތުން އެއްވެސް މައްސަލައެއް ދިމާނުވޭ،" ސަޢުދު ވިދާޅުވިއެވެ.