ފެނަކަ ކޯޕަރޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ޚިދުމަތުގައި ގިނަދުވަސްވީ މީހުންނަށް އެމްކިޔު ގަބޫލުކުރާ ފެންވަރުގެ ސެޓުފިކެޓެއް ދިނުމަކީ އަމާޒެއް ކަމަށް ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސައީދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެމަސައްކަތް މިއަހަރު ތެރޭގައި ފެށިގެންދާނެ ކަމަށެވެ. އެކަން ކުރައްވާނީ ފެނަކަ އިންސްޓިޓިއުޓުގެ ފުނަރު ޕްރޮގްރާމް މެދުވެރިކޮށް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އެއް މަގުސަދު ކުންފުނީގައި ވިހި ފަންސަވީސް އަހަރުވެފައި ތިބި ބޭފުޅުން. އެބޭފުޅުންނަކީ އެބޭފުޅުން އަމަލީ މައިދާނުގައި މަސައްކަތްކޮށްގެން އެލެވެލްއަށް އައިސްފައި ތިބި ބޭފުޅުން. އެހެންވުމާއެކު އަޅުގަނޑުމެންގެ ވަރަށްބޮޑު އަމާޒެއް އެބޭފުޅުންނަށް ވެސް އެމްކިޔު ގަބޫލުކުރާ ސެޓުފިކެޓެއް ދިނުން،" ސަޢީދު ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވީ ފެނަކަ އިންސްޓިޓިއުޓަކީ ވަސީލަތްތައްހުރި ތަނެއް ކަމަށެވެ. އެފަދަ ވަސީލަތްތަކެއްހުރި އިންސްޓިޓިއުޓެއް ވަރަށްމަދުވާނެ ކަމަށް ވެސް ވިދާޅުވިއެވެ. "ފެނަކަ ތެރޭގައި އެބަހުރި ވަރަށް ބައިވަރު ޓެކްނިކަލް ވަސީލަތްތަކެއް. އެހެންވީމާ އެވަސީލަތްތަކުގެ ޒަރިއްޔާއިން މުވައްޒަފުން ތަމްރީން ކުރުމަށް އަޅުގަނޑުމެންނަށް ފެނުނީ، އަޅުގަނޑުމެންގެ އަމިއްލަ އިންސްޓިޓިއުޓެއް ފެނަކަތެރޭގައި ގާއިމް ކުރަން. އެގޮތުން އަޅުގަނޑުމެން އެތަން (އިންސްޓިޓިއުޓު) ގާއިމް ކޮށް މިމަހުވަނީ ފުނަރު ޕްރޮގްރާމް ފަށައިފައި،" ސަޢީދު ވިދާޅުވިއެވެ.

އެ ޕްރޮގްރާމް ފެށީ 50 މީހުންނާއެކުގައެވެ. ކުރިމަގުގައި އެތަނުން ތަމްރީން ކުރެވޭ މުވައްޒަފުންނަކީ ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑު ގަބޫލުކުރާ ފެންވަރުގެ ސެޓުފިކެޓެއް އޮންނަ މީހަކަށް ވާނެ ކަމަށް ވެސް ސަޢީދު ވިދާޅުވިއެވެ.