ޖަވާދު ހީނގަތެވެ. "މި ފެންގަނޑަކީ ތިޔަ ބުނާ ކަހަލަ ގޮތަކަށް މީހަކު މަރާ ކުރިމަތި ކުރުވަފާނެ އެއްޗެއް. އެކަމަކު މިއީ ދިރުން ދޭވެސް އެއްޗެއް. ޑޭމް ހަދަނީވެސް އެ ބޭނުމުގައި. ފެންގަނޑު ބޮޑުގެ ބަޔަކަށް ގެއްލުމެއް ވުމުގެ ބަދަލުގައި ދަނޑުތަކަށް ފެން ލިބޭނޭ ގޮތްވެސް ހަދަން ވެގެން." ސަލްމާ އޭރުވެސް ހުރީ ވަލުގައި ބާރަށް ހިފަހައްޓައިގެންނެވެ. ޖަވާދު އޭނާގެ އަތުގައި ހިފައިގެން މަޑުމަޑުން ދުރަށް ގެނެސްފިއެވެ. "ސަލްމާ ތިޔަ ބިރު ގަންނަ ފެނަކީ، އަހަރެމެންނަށް ކަރަންޓު ގެނެސްދޭ ފެން. އަހަރެމެންގެ ގޭގޭގައި އެހެރަ ކަރަންޓަކީ މި ފެނުން އުފައްދާ ކަރަންޓު." "އެހެންތޯ؟ ކަރަންޓަކީވެސް ގެއްލުންވެސް ދޭ އެއްޗެއް. އޭގައި ޖެހިއްޖެއްޔާ ވާނީ މަރު." "ދުނިޔޭގެ ކޮންމެ އެއްޗަކީވެސް ގެއްލުން އެކުލެވޭ އެއްޗެއް. ކުޑަކުޑަ ހިންޏެއްވެސް މީހުންނަށް ދޭ ގެއްލުން ކުޑައެއް ނޫނެއްނު؟ ހަފައިގަތީމާ ހަމަ ތަދު ވެއެއްނު؟ އެކަމަކު އިންސާނުންނަކީ ގެއްލުން ދެނިވި އެއްޝެހިން ފައިދާ ނެރޭ ބައެއް." ސަލްމާ އަހައިލިއެވެ. "ހިނީގެ ސަބަބުން އަޅުގަނޑުމެންނަށް ކުރާ ފައިދާއަކީ ކޮބައިތޯ؟" "ޖަމާޢަތް ހަދައިގެން މަސައްކަތް ކުރުމާއި، ކާބޯތަކެތި ރައްކާކޮށް ހެދުމުގެ ފިލާވަޅަކީ ހިނީގެ ފަރާތުން ދަސްވާ ކަމެއް. އަހަރެމެން މި ކުރާ ކަމަކީވެސް އެކަހަލަ ކަމެއް. ފެން މި ހުންނަނީ ރައްކާ ކުރެވިފައި. ކޯރުގެ ދިޔަ ބޮޑުވެ ފެން ގިނަވީމާ ދަނޑުތަކަށް ފެން ހަމަހަމަޔަށް ލިބޭނޭ ގޮތް ހަދަނީ." ޖަވާދުގެ އޮފީހުގެ ކުރިމަތީގައި ވަރަށް ރީތި ބަގީޗާއެއް އޮތެވެ. އެ ބަގީޗާގައި ވަނީ އެކި ކުލަކުލައިގެ ރީތި މާތައް ފަރިވެ ފޮޅިފައެވެ. ދެމަފިރިން މަޑުމަޑުން ހިނގާފައި އައިސް ބަގީޗާ ތެރޭގައި ހުރި ސިމެންތި ގޮނޑިއެއްގައި އިށިނދެއްޖެއެވެ. ސަލްމާ ސުވާލު ކޮށްލިއެވެ. "ފަރުދާ ކަހާލައިގެން ތިބެވެސް މަސައްކަތް ކުރެވިދާނެތޯ؟" "ކީކޭ؟ ކޮން ފަރުދާއެއް؟" "އޭރު އަނެއް ގޮޅިއަށް ވަންނަވާފައި ފަރުދާ ކައްސަވައިލެއްވީމެއް ނޫންތޯ؟ އޭރު ކުރެއްވީ ކޮން ކަމެއްތޯ؟" ޖަވާދު ހިނިތުން ވެލައިފައި ބުންޏެވެ. "ސަރުކާރުގެ ކޮންމެ އޮފީހެއްގައިވެސް ބައެއް ކަންތައްތައް ފަރުދާގެ ފުރަގަހުގައި ކުރާނެ- ސަލްމާގެ އެކައުންޓަށް ޖަމާވާ ފައިސާއަކީ އެ ފަރުދާގެ ފުރަގަހުން އަންނަ ފައިސާ." ސަލްމާވެސް ހިނިތުންވެލިއެވެ. "އަޅުގަނޑަށް އެކަހަލަ ގޮތަކަށް ލަފާ ކުރެވުނު- އެކަމަކު އަޅުގަނޑުގެ ހިތަށް އަރާ ދެން ތިބި މީސްމީހުން ކަންތައް ކުރަނީ ކިހިނެއް ބާވައޭ. އެއީ ހައްތަހާވެސް ހާޖީންތޯ؟" ޖަވާދު ވަރަށް ބާރަށް ހީނގަތެވެ. "ނޫނޭ! އެހެންނެއް ނޫން. މީސްމީހުނާ ވާހަކަ ދައްކައި ކަންތައް ހަމަ ޖެއްސުމަކީ އަހަރެން ކުރާ ކަމެއް. އެ މީހުންނަށްވެސް އެ މީހުންގެ ބައި ލިބޭނެ." "އެ މީހުން ފައިސާ ދިންތޯ؟" "ނޫނޭ! މި ތާނގައި ފައިސާގެ މުޢާމަލާތެއް ހިންގާކަށް ނުވާނެނު؟ މިތާނގައި ސިފައިންނާއި، ތަން ބަލަހައްޓާ މީހުން ވަރަށް ފަރުވާތެރިވާނެ. އެއިން މީހަކަށް މި ކަހަލަ ކަމެއްގެ ޚަބަރެއް ވެލިޔަސް އަހަރެމެން އެންމެން އެކީގައި ޖަލަށް ވަންނަން ޖެހޭނެ. އަހަރެމެން އެ މީހުންނަށް އަންގަނީ އެހެން ކަމެއްގެ ވާހަކަ. އަހަރެމެން ބުނަނީ އެ މީސްމީހުން އަންނަނީ ކައިރި އަވަށްއަވަށުގެ ދަނޑުތަކަށް ފެން ލިބޭނޭ ގޮތަކާ މެދު ވާހަކަ ދައްކާށޭ." "މިއަދު އައި މީހުން އައީ ކީއްކުރަންތޯ؟" "އޭގެ ތެރެއިން އެކަކީ ކޮންޓްރެކްޓަށް މަސައްކަތް ކުރާ މީހެއް. އޭނާއަށް އޮންނަނީ ސަރުކާރުން މަސައްކަތެއް ހަވާލު ކޮށްފައި. އެއީ ލޯރިފަހަރުގައި ވެލި އުފުލުމުގެ މަސައްކަތް. މި ތަނުން އަހަރެމެން ފެން ދޫކުރާ ބާރު މިން އޭނާއަށް އެނގެން ޖެހޭ. އެހެން ނޫނީ މާ ގިނައިން ފެން ދޫކުރާ ދުވަސްވަރަކު އޭނާގެ މަސައްކަތް ކުރަން ފަށައިފިއްޔާ ލޯރިތައް އޮޔާ ދާގޮތް ވެދާނެ. އޭނާ ކޮމިޝަން ދިނީމާ އަހަރެމެން އޭނާ ބުނާ ދުވަހަކު ފެން ދުލެއް ނުކުރަން." "ދެން ހުރި މީހާ އަކީ ކީއްކުރާ މީހެއްތޯ؟" "މި ދިޔަ އަހަރު މާޗު މަހުގެ ތެރޭގައި ހަތަރު ޕްރޮވިންސްގެ ބޮޑު ވަޒީރުންނާއި، ފެނާ ބެހޭ ވަޒީރުން ބައްދަލު ކުރެއްވި. ތަޖުރިބާކާރުންނާ ބައްދަލު ކުރެއްވުމަށް ފަހު އެ ބޭފުޅުން ނިންމެވީ ހަތަރު ޕްރޮވިންސަށް ހަމަޔަށް ފެން ބެހިގެން ދާނެ ގޮތް ހަދަން. ކާނުތައް ކޮނެ، ކާނުތަކަށް ފެން ދޫކުރާނެ މިންވަރުވެސް ކަނޑައެޅި. ސަލްމާ ތިޔަ ކިޔާ އަނެއް މީހާ އައީ އެ ވާހަކަ ދައްކަން ވެގެން. ކާނުތަކަށް ދޫކުރަން ކަނޑައެޅި މިންވަރަށް އަހަރެމެން ފެން ދޫނުކުރާތީ އެކަން ނުކުރީ ކީއްވެގެންތޯ ބަލަން އައި މީހެއް އެއީ." ސަލްމާ ސުވާލު ކޮށްލިއެވެ. "ފެން ދޫނުކުރެއްވީ ކީއްވެގެންތޯ؟" "ފެން ނެތީމާ ދޫ ނުކުރީ." "ފެން އެ އެހެރީ ދިމާއަށް ފެންނާކަށްނު؟" "ފެން ހުރިތޯ، ނެތްތޯ ބަލާކަށް ވެރިންނެއް މި ތަނަކަށް ނާންނާނެ. މިތާނގައި މިހިރަ ފެނަކީ އަހަރެމެންގެ ބޭންކް ބެލަންސް އިތުރު ކުރަން ހުންނަ އެއްޗެއް. އެމީހާ މި ތަނުން އެ ދިޔައީ އުފަލުން ހުރެގެން. އަހަރެމެންވެސް އުފާ ކޮށް ދީފައި." ސަލްމާ ހީނގެންފައި ބުނެލިއެވެ. "އަދި މި އުޅެނީ ދައްކަން އުޅުނު ވާހަކަ ނުދެއްކިއެއްނޫންތޯ؟" "ކޮން ވާހަކައެއް؟" "އަޅުގަނޑުގެ ކޮއްކޮގެ ކާވެނީގެ ވާހަކަ؟" "ތިޔަ ކަމުގައި އަހަންނަށް ކުރެވޭނީ ކޮން ކަމެއް. ސަލްމާއަށް ފެންނަ ގޮތަކަށް ކުރިއަށް ގެންދޭ." "ޖަވާދުގެ މަޝްވަރާ ބޭނުންވާނެއެއް ނޫންތޯ؟ އަޅުގަނޑު ގޭ މީހުން ގާތު އަބަދުވެސް ބުނަން ޖަވާދުގެ ވިސްނުން ވަރަށް ތޫނު ވާނެޔޭ. ބޮޑެތި މައްސަލަތައް ވަރަށް ފަސޭހައިން ޙައްލު ކުރައްވާނެއޭ." ވީ އުފަލެއްގެ ބޮޑު ކަމުން ޖަވާދަށް ހެވިއްޖެއެވެ. "އެންމެ ރަނގަޅު. އަކްބަރުގެ މައްސަލައަކީ ކޮބާ؟" "މައްސަލައަކީ އޭނާގެ ރަނގަޅު އަތްނބަކު ނެތުން. ޞަފޫރާއަކީ ބައެއްގެ ތެރެއަށް ނުކުމެ އަނބިމީހާއޭ ކިޔާފައި ދެއްކޭ ކަހަލަ އަންހެނެއް ނޫން. އެއީ މައްސަލަ އަކީ." "ތިޔައީ އަކްބަރުގެ ނަސީބު ދެރަކަމެއްނު؟" "އެހެން އަތްނބަކު ހޯދީމާ ނަސީބު ބަދަލު ވެދާނެއެއް ނޫންތޯ؟ އަޅުގަނޑު ގޮވައިގެން ޖަވާދުވެސް ތަންތަނަށް ދުރުވަމެއް ނޫންތޯ؟ އަދި ފަޚުރުވެރިކަމާއެކު އަޅުގަނޑު ތަޢާރަފްކޮށް ދެއްވަމެއް ނޫންތޯ؟ އަކްބަރުވެސް ބޭނުންވަނީ އެކަހަލަ ދިރިއުޅުމެއް." "އެހެންތަ؟ ތިޔައީ ނުބައި ވިސްނުމެއް ނޫން. އެއީ އޭނާއަށްވެސް ލިބިގެންވާ ޙައްޤެއްނު؟" "އަކްބަރު ބޭނުންވަނީ ޖަވާދުގެ ޅިޔަނަކަށް ވާން." "ތިޔަ ކިޔަނީ ކީކޭ؟ އޭނާއަކީ މިހާރުވެސް އަހަރެންގެ ޅިޔަނެއްނު؟" "އަޅުގަނޑު ބޭނުން ވަނީ ފީރޯޒާ އަޅުގަނޑުގެ ފަހަރިއަކަށް ހަދަން. އަކްބަރާ އޭނާޔާ ދެވަން." "ސަލްމާ ތިޔަހަރީ ހަމަ ހޭގައިތަ؟"(ނުނިމޭ)