ޖަރުމަނުގެ އޭވިއޭޝަން އެސޯސިއޭޝަން އިން އާންމުކުރި އިބްތިދާއީ މައުލޫމާތާ ހަވާލާދީ ޖަރުމަނުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި 2024 ވަނަ އަހަރު ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ.

ސިވިލް އޭވިއޭޝަން އެކްސިޑެންޓްތަކުގައި މިއަހަރު 334 މީހުންގެ ފުރާނަ ވަނީ ގެއްލިފަ އެވެ.

މަރުވި މީހުންގެ ތެރޭގައި ފަސިންޖަރުންނާއި ފަޅުވެރިންނާއި ބިންމަތީގައި ތިބި ހަތް މީހަކު ހިމެނޭ ކަމަށް ވެސް ބުނެ އެވެ.

2023 ވަނަ އަހަރު ރެކޯޑްކުރެވުނު ވައިގެ ދަތުރުފަތުރުގެ މަރުގެ ހާދިސާގެ އަދަދަކީ، 80 މީހުންނެވެ.

މިއަދަދުތައް ހިސާބުކޮށްފައި ވަނީ 14 މީހުންނަށް ވުރެން ގިނައިން އިށީދެވޭ ބޯޓުތަކުން ފެށިގެން ބޮޑެތި ބޯޓުތަކާ ހަމައަށެވެ. ނަމަވެސް އަސްކަރީ މަތިންދާބޯޓުގެ ހާދިސާތައް މި ތަފާސްހިސާބަށް ވައްދާފައެއް ނުވެއެވެ.