2025 ވަނަ އަހަރަކީ އަމަލީ ތަރައްގީގެ އަހަރަށް ވާ ހިނދު، ހުވަދު އަތޮޅު ދެކުނުބުރީ ވާދޫގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގެވުމުގައި، މިވަގުތު އެންމެ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާނީ އެ ރަށުގެ ތައުލީމީ ދާއިރާއަށް ބޭނުންވެފައިވާ މަޝްރޫއުތައް ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ރައީސް މި ޔަގީންކަންދެއްވީ، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ އަޑު އައްސަވައި، ރައްޔިތުން ބޭނުންވާ ކަންކަން އޮޅުންފިލުއްވުމަށް އެ މަނިކުފާނު ފަށްޓަވައިގެން ކުރިއަށް ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ވާދޫއަށް އިއްޔެ ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ދިވެހިރާއްޖޭގައި އިލްމުފެތުރި ފުޅާވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އަލްފަގީހުލް ހާފިޒު މުހައްމަދު ޖަމާލުއްދީނުލް މަހުލީ ނުވަތަ "ވާދޫ ދަންނަކަލޭފާނު"ގެ ނަންފުޅުން ނަން ދެވިފައިވާ ވާދޫގެ ޖަމާލުއްދީން ސްކޫލުގެ ހޯލުގައި، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުކުރިއަށް ގެންދަވަމުން ރައީސް ވަނީ، ރަށުގެ ތަޢުލީމު ކުރިއެރުވުމަށްޓަކައި، ރަށުގެ ރައްޔިތުން ކުރައްވަމުން ގެންދަވާ އުންމީދުތައް ފުރިހަމަކޮށްދެއްވާނެ ކަމުގެ ޔަގީންކަން، އެ ރައްޔިތުންނަށް ދެއްވާފައެވެ.
ވާދޫގެ ޖަމާލުއްދީން ސްކޫލަކީ ގދ. ވާދޫއަށް ހާއްސަ ތަނެއް ކަމަށް ވިދާޅުވެ، ހަމަ އެފަދައިން ގދ. ވާދޫއަކީ ތައުލީމީ ރަށެއްގެ ގޮތުގައި ސިފަކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، ފަޚުރުވެރި މާޒީއެއް އޮތް "ވާދޫ ދަންނަކަލޭފާނު"ގެ ރަށަށް، ސަރުކާރުތަކުން އަހައްމިއްޔަތުކަން ދެއްވަންޖެހޭކަން ފާހަކުރައްވާފައެވެ. ވަކިން ހާއްސަކޮށް، ރަށުގެ ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް އަހައްމިއްޔަތުކަން ދެއްވަންޖެހޭނެކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން، ވާދޫ ޖަމާލުއްދީން ސްކޫލަށް ބޭނުންވާ އުމްރާނީ ތަރައްގީގެ ކަންކަން މިއަހަރުގެ ވީހާވެސް ކުރީކޮޅު، ޢަމަލީ ގޮތުން ފަށްޓަވައި ދެއްވާނެ ކަމުގެ ޔަގީންކަން، ރައީސް ވަނީ އެ ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ. އުމްރާނީ ތަރައްގީގެ އިތުރުންވެސް، ސްކޫލަށް ބޭނުންޖެހިފައިވާ އެހެންކަންކަން ކުރުމުގައި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
މި މޭރުމުން ވާހަކަފުޅުކުރިއަށް ގެންދަވަމުން ރައީސް ވަނީ އުމްރާނީ ތަރައްގީގެ ރޮނގުން ވާދޫއަށް ދިމާވެފައިވާ ރަށުގެ މަގުތަކުގެ ދަތިކަމުގެ މައްސަލައަށްވެސް އަވަސް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ސްކޫލު މަޝްރޫއަށް ފަހު އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން މި އަހަރުގެ ބަޖެޓުން ވާދޫގެ ތަރައްގީއަށް ދެން ހަރަދު ކުރައްވާނީ، އެ ރަށުގެ މަގުތަކަކީ ރައްޔިތުންނަށް ފަސޭހައިން ބޭނުންކުރެވޭނެ މަގުތަކަކަށް ހެއްދެވުމުގެ މަޝްރޫއަށް ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ. ހަމަ މި ފަދައިން ސިއްހީ ދާއިރާއަށް ބޭނުންޖެހިފައިވާ ތަރައްގީވެސް ހޯއްދަވައިދެއްވާނެކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރައްޔިތުންނަށް އިގުތިސާދީ ބާރުވެރިކަން ހޯއްދަވައިދެއްވުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބެމުންދާނެކަމުގެ ފުރިހަމަ ޔަގީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ. އަދި މުޅި ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ޙައްލުކުރުމުގެ ތެރެއިން، ވާދޫގައި ހިންގަން ފަށައި، ހުއްޓިފައިވާ މަޝްރޫޢު ނިންމަވައި، އަމަލީ ގޮތުން އޮޕަރޭޝަންތައް ފެށޭވަރުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިހިނގާ 2025 ވަނަ އަހަރާއި، 2026 ވަނަ އަހަރަކީ ރިޔާސީ ކެމްޕޭނާއި މެނިފެސްޓޯގައި ވެވަޑައިގެންފައިވާ ވައުދުފުޅުތައް އަމަލީ ގޮތުން ފުއްދަވަން ފައްޓަވާ، އަދި ގިނަ މަޝްރޫއުތަކެއްގެ ނަތީޖާ ނެރެދެއްވާނެ 2 އަހަރު ކަމުގައި ރައީސް ވިދާޅުވިއެވެ.
އުމްރާނީ ތަރައްގީއާއެކު އަޅުގަނޑުމެންގެ މުޖުތަމަޢަކީ ހެޔޮކަންކަމަށް ޢަމުރުކޮށް، ނުބައިކަންކަން ނަހީކުރާ ބައެއް ކަމުގައިވެ، ލޯކުރިމަތީގައި ގޯސްކަމެއް ހިންގާނަމަ އެކަމަށް ނޫނެކޭ ބުނަން ކެރޭ ބަޔަކަށް ވާންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. ގދ. ވާދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން، ރަށާއި ގައުމުގެ ތަރައްގީއަށް މަސައްކަތްކުރުމުގައި، ހުރިހާ ރައްޔިތުންވެސް އެކުވެރިކަމާއެކު ކުރިއަށްވަޑައިގެން، އުންމީދު ކުރާ ތަރައްގީގެ މަސައްކަތްތައް ހަގީގަތަކަށް ހެއްދެވުމަކީ އަޒުމެއް ކަމުގައި ކަނޑައެޅުއްވުމަށް އެމަނިކުފަނު ވަނީ އިލްތިމާސްކުރައްވާފައެވެ.