އިޓާލިއަން ސުޕަ ކަޕުގެ ފައިނަލުގައި ވާދަވެރި އިންޓަރ މިލާނުގެ މައްޗަށް ފަހަތުން އަރައި 3-2 އިން ކުރި ހޯދައި އޭސީ މިލާނުން ރޭ ޗެމްޕިއަންކަން ހޯދައިފިއެވެ.
މެޗުގައި އިންޓަމިލާނުން ލީޑް ނެގީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކެޕްޓަން ލައުޓާރޯ މާޓިނޭޒްގެ ލަނޑުންނެވެ. އިންޓައިން ލީޑް ފުޅާކުރީ ދެވަނަ ހާފް ފަށައިގެން ދެވަނަ މިނެޓުގައި އިރާނުުގެ ފޯވާޑް މަހެދީ ޓަރޭމީ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
އިންޓަމިލާނުން ދެލަނޑު ލީޑެއް ނެގުމާއެކު ޗެމްޕިއަންކަން އިންޓައިން ކަށަވަރު ކުރީކަމަށް ބެލެވުނެވެ. އެކަމަކު 52 ވަނަ މިނެޓުގައި ތިއޯ ހެނާންޑޭޒްގެ ލަނޑުން މިލާނުން ފަރަގު ކުޑަކޮށް ހިތްވަރު ހޯދިއެވެ. މެޗުގެ ފަހު 10 މިނެޓަށް ދިޔައިރުވެސް ކުރީގައި އޮތީ އިންޓައެވެ. މިލާނުން އެޓީމު ކޮޅަށް ނަތީޖާ އަނބުރާލީ އެމެރިކާގެ ކްރިސްޓިއަން ޕުލިސިޗާއި އިނގިރޭސިވިލާތުގެ ޓަމީ އަބްރަހަމްގެ ލަނޑުންނެވެ. މީގެ ތެރެއިން އަބްރަހަމް ލަނޑު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން އިތުރަށް ދެއްކި 3 މިނެޓު ތެރޭގައެވެ.
މިއީ މިދިޔަ 8 އަހަރު ތެރޭގައި މިލާނަށް އިޓާލިއަން ސުޕަރ ކަޕުގެ ޗެމްޕިއަންކަން ހޯދުނު ފުރަތަމަ ފަހަރެވެ. އިޓާލިއަން ސްޕަރ ކަޕުގެ އެންމެ ކާމިޔާބު ކްލަބަކީ 9 ފަހަރު ތަށި ހޯދާފައިވާ ޔުވެންޓަސްއެވެ. އިންޓަ އާއި މިލާނުން 8 ފަހަރު މި ތަށި ކާމިޔާބު ކޮށްފައިވެއެވެ.