ޔަމަނުގެ ބޮޑުބައެއްގައި ވެރިކަންކުރާ ހޫޘީން، ސައުދީ އަރަބިއްޔާއަށް ޑްރޯންއާއި މިސައިލްގެ "ވާރޭ" އޮއްސާލައިފިއެވެ.

ހޫޘީ ހަނގުރާމަވެރިން ޑްރޯންއާއި މިސައިލްތައް އޮއްސާލީ ސައުދީ އަރަބިއްޔާގެ ތެލުގެ ސިނާއަތުގެ "ހިތަށެވެ".

އާދީއްތަދުވަހުގެ ހަމަލާތައް އަމާޒުކޮށްފައިވަނީ، ސައުދީ އަރަބިއްޔާގެ ސަރުކާރުގެ މައި ތެޔޮ ކުންފުނި އަރާމްކޯގެ ރަސް ތަނައުރާގައި ހުންނަ ތެޔޮ ކާރުޚާނާތަކަށެވެ.

ސައުދީ އަރަބިއްޔާއިން ބުނެފައިވަނީ، މިއީ ސީދާ ދުނިޔޭގެ ހަކަތައިގެ ސަޕްލައިގެ ހަމަޖެހުމަށް ހުރަސްއަޅައި، ސަލާމަތަށް ނުރައްކާ ކުރުމުގެ ގޮތުން ހޫޘީން ދިން ހަމަލާތަކެއް ކަމަށެވެ.

ސައުދީގެ ތަންތަނަށް ހަމަލާތަކެއް ދިން ކަމަށް ހޫޘީންވެސް ވަނީ ހާމަކޮށްފައެވެ.

އެމީހުން ބުނެފައިވަނީ، އާދީއްތަ ދުވަހު ހަމަލާތައް ދީފައިވަނީ، ސައުދީ އަރަބިއްޔާގެ ސިޓީތައް ކަމަށްވާ ދައްމާމް، އަސީރު އަދި ޖަޒާންގައި ހުރި އަސްކަރީ އަމާޒުތަކަށް ކަމަށެވެ. ތެޔޮ ކާރުޚާނާއަކަށް ހަމަލާދިން ކަމެއް ހޫޘީން ނުބުނެއެވެ.

ނަމަވެސް، ސައުދީ އެނަޖީ މިނިސްޓްރީން ބުނެފައިވަނީ، ރަސް ތަނައުރާގައި ހުންނަ ތެޔޮ ރައްކާކުރާ ތަނަށް ހަމަލާ ދީފައިވާ ކަމަށެވެ.

ރަސް ތަނައުރާއަކީ، ތެޔޮ ސާފުކުރާ ކާރުޚާނާއެއްގެ އިތުރުން، ދުނިޔޭގެ އެންމެބޮޑު އެއް ތެޔޮ ބަނދަރުވެސް އޮންނަ ރަށެވެ.

ތެޔޮ ރައްކާކުރާ ތަނަށް ހަމަލާދިނީ ޑްރޯން ބޭނުންކޮށްގެން ކަމަށާއި، މި ހަމަލާގައި މީހަކަށް އަދި ތަނަކަށްވެސް ގެއްލުން ނުވާކަމަށް ސައުދީ އެނަޖީ މިނިސްޓްރީން ބުނެފައި ވެއެވެ.

މިސައިލް އައީ ކަނޑުން ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

މީގެއިތުރުން، ބެލިސްޓިކް މިސައިލެއް ގޮވައި، އޭގެ ބައިތައް ދަހްރާންގައި ހުންނަ އަރާމްކޯގެ ރެސިޑެންޝަލް ސަރަހައްދަކަށް ވެއްޓިފައިވާ ކަމަށްވެސް އެނަޖީ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

ހޫޘީންގެ މިލިޓަރީ ތަރުޖަމާނު ޔަހްޔާ ބުނެފައިވަނީ، އެމީހުންގެ 14 ޑްރޯންއާއި، 8 ބެލިސްޓިކް މިސައިލް ސައުދީ އަރަބިއްޔާގެ ތެރެއަށ ފޮނުވާލި ކަމަށެވެ.

މިއީ، ސައުދީއާ ދެކޮޅަށް ފެށި ފުޅާ އޮޕަރޭޝަނެއްގެ ދަށުން ދެވުނު ހަމަލާތަކެއް ކަމަށްވެސް ބުނެފައި ވެއެވެ.

ސައުދީ އަރަބިއްޔާގެ އިރުމަތީގެ ރަށްތައް ކަމަށްވާ ދަހްރާން، ދައްމާމް، ޚޫބަރަށް ހޫޘީން އިތުރު ހަމަލާތަކެއް ދޭން އުޅޭކަމުގެ ރިޕޯޓްތައް ފެތުރިފައިވާތީ، ރައްކާތެރި ފިޔަވަޅު އަޅައިގެން އުޅުމަށް އެމެރިކާ ފަދަ ގައުމުތަކުން، އެހިސާބުގައި ދިރިއުޅޭ އެގައުމުތަކުގެ ރައްޔިތުންނަށްވަނީ އަންގާފައެވެ.