ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫގައި އައުޓްޑޯ ޖިމް އެޅޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ދެއްވައިފިއެވެ. އެމަނިކުފާނު މި ޔަގީންކަން ދެއްވީ މިއަދު ހެނދުނު ގއ ދެއްވަދޫ ކައުންސިލް އިދާރާގައި ކުރިއަށް ދިޔަ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލުން އައުޓްޑޯ ޖިމް އެޅުމަށް ބޭނުންވާކަމުގައި ފާހަގަކުރެއްވުމުންނެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލަރުން ވަނީ ރަށްގިރުމުގެ މައްސަލައަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތް މިހާރު ހުއްޓިފައިވާކަން ފާހަގަކުރައްވައި އެކަމަށް ޙައްލެއް ބޭނުންވާކަމުގައި ވިދާޅުވެފައެވެ. އަދި ރައްޔިތުންނަށް ކުރިމަތިވާ ކަންބޮޑުވުންތަކަށް ޙައްލު ހޯދުމަށްޓަކައި ރަށުގެ ސިއްހީ މަރުކަޒަށް ޒަމާނީ ވަސީލަތްތައް އިތުރުކޮށް، ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ބިމުގެ ދަތިކަމަށް ޙައްލު ބޭނުންވާކަމަށާއި އިތުރަށް އާމްދަނީ ހޯދުމަށްޓަކައި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އަންހެނުންގެ ތަތައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީގެ މެންބަރުން ވަނީ ވޮލީކޯޓެއް ގާއިމުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައިދެއްވާނެކަމަށެވެ. އަދި މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ މާމެންދޫގެ ތަރައްގީއަށް ކުރިއަށްގެންދާ މަޝްރޫޢުތަކާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހައްލުކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ކައުންސިލާއި ހިއްސާކުރައްވާފައެވެ.