ފުރަންޓްލައިންގައި ގިނަ އަންހެނުން ހަރަކާތްތެރިވި ނަމަވެސް ސިޔާސަތު ކަނޑައެޅުމާއި، ގޮތް ނިންމާ ފެންވަރުގެ މަގާމުތަކުގައި އަންހެނުންގެ ނިސްބަތް އަދިވެސް ވަރަށް މަދުކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ބުނެފިއެވެ.

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅިގެން އެޕާޓީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ނިމިދިޔަ އަހަރަކީ ދަތި އުނދަގޫ އަހަރެއް ކަމަށެވެ. އެހެންނަމަވެސް، މިއަހަރު މިވަނީ ވެކްސިންއާއެކު ކޯވިޑް ބަލިމަޑުކަމުން އަރައިގަތުމަށް ކުރެވޭ މަސައްކަތަށް އާ އުންމީދުތަކެއް ލިބިފައި ކަމަށެވެ.

ކޯވިޑް ބަލިމަޑުކަމާއި މުޅި ދުނިޔެ ހަނގުރާމަ ކުރަމުންދާ މިހައްސާސް ހާލަތުގައި، އަންހެނުންގެ ދައުރު ހުރިހާ ދާއިރާއަކުން ފާހަގަކޮށްލޭވޭ ކަމަށް ވެސް ބުނެފައިވެއެވެ. މި ބަލިމަޑު ކަމުގެތެރޭގައި އަންހެނުން ގެންދަނީ ވަރުބަލިކަމެއްނެތި ޤައުމާއި ރައްޔިތުންނާއި އާއިލާތަކުގެ ހައްޤުގައި ރެއާއި ދުވާލު ބުރަކޮށް މަސައްކަތް ކުރައްވަމުންނެވެ.

"މިއަދު މިފެނިގެންދަނީ ރާއްޖޭގައިވެސް ޤާބިލު، ހިތްވަރުގަދަ އަންހެން ބޭފުޅުން ފްރަންޓްލައިންގައާއި، ސިއްޙީ އަދި ނަފްސާނީ ޚިދުމަތުގައި ލާމަސީލު މަސައްކަތް ތަކެއް ކުރައްވަމުން ގެންދަވާ މަންޒަރެވެ. އެބޭފުޅުންގެ މިޤުރުބާނީ ތާރީޚުގައި ރަންއަކުރުން ލިއެވިގެންދާނެއެވެ."

ކަންކަން ނިންމޭ ފެންވަރުގެ މަގާމްތަކުގައި އަދިވެސް އަންހެނުން މަދުވުމަކީ ހިތާމަކުރާ ކަމެއް ކަމަށާއި ހުރިހާ ދާއިރާއަކުންވެސް ފުރިހަމަ ނަތީޖާ ނެރެވޭނީ އަންހެނުންނާއި ފިރިހެނުންގެ ޚިޔާލާއި މަޝްވަރާ ހޯދައި، މިންތީގެ ހަމަހަމަކަން ޤާއިމު ކުރެވިގެން ކަމަށް ވެސް އެންއާރުއެމުން ބުނެފައިވެއެވެ.

އަންހެނުންގެ ހައްޤުތައް ރައްކާތެރިކޮށްދީ ހަމަހަމަ ފުރުޞަތު ކަށަވަރު ކޮށްދިނުމަށް ކުރެވޭ މަސައްކަތުގައި އަންހެނުންނެކޭ އެއްފަދައިން ފިރިހެނުންގެ ބައިވެރިވުން އޮންނަންވާނެ ކަމުގައި ވެސް އެޕާޓީން ބުނެފައިވެއެވެ. "ސަރުކާރުން ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، ސިޔާސަތު ކަނޑައަޅާ މަޤާމުތަކުގައި އަންހެނުންގެ ނިސްބަތް އިތުރުކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކޮށް މި ފުރުޞަތުގައި ޝުކުރު ދަންނަވަމެވެ. އެގޮތުން ލޯކަލް ކައުންސިލު އިންތިޚާބުގައި އަންހެނުންނަށް 33% ގޮނޑި ހާއްސަ ކުރެއްވުމަށް ނިންމެވި ނިންމެވުން ފާހަގަ ކުރެވެއެވެ." އެ ބަޔާނުގައި ވެއެވެ.