ސިޔާސީ މައިދާނުގައި މިންތީގެ ހަމަހަމަކަން ކަށަވަރު ކޮށްދިނުމަށް ޕާޓީގެ އިސް މަޤާމުތަކުގައި ފިރިހެނުންނާއި އެއްހަމައެއްގައި އަންހެނުންނަށް ފުރުޞަތު ކަށަވަރު ކޮށްދިން ފުރަތަމަ ސިޔާސީ ޕާޓީއަކީ މޯލްޑިވް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) ކަމަށް އެޕާޓީން ބުނެފިއެވެ.

ބައިނަލްއަގުވާމީ އަންހެނުންގެދުވަހާ ގުޅިނގެން ނެރުނު ބަޔާނެއްގައި އެޕާޓީން ބުނެފައިވަނީ "މި ޕާޓީގެ އަސާސީ ގަވާއިދުގައި ޕާޓީގެ ހުރިހާ ގުނަވަނެއްގައި މިންތީގެ ހަމަހަމަކަން ޤާއިމު ކުރުމަކީ ލާޒިމް ކަމެއްގެ ގޮތުގައި ލިޔެ، ދަނީ އަމަލުކުރަމުން،" ކަމަށެވެ.

އުންމީދަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި އަންހެން ކެންޑިޑޭޓުންނަށް ފުރިހަމަ ކާމިޔާބީއެއް ލިބުން ކަމަށް ވެސް އެޕާޓީން ބުނެފައިވެއެވެ.

އޭގެ އިތުރުން ސިޔާސީ، އިޖުތިމާޢީ އަދި އިޤްތިޞާދީ މައިދާނުގައި އަންހެނުންގެ ބައިވެރިވުން ކަށަވަރުކޮށްދީ، ޤައުމުގެ މުހިއްމު ކަންކަން ނިންމުމުގައި ފިރިހެނުންނާއި އެއްހަމައެއްގައި އަންހެނުންނަށް ފުރުޞަތު ކަށަވަރުވެ، މިއަދަށް ވުރެ ފަހި މާދަމައެއް އެންމެހާ އަންހެނުންނަށް ލިބިގެންދިއުމަށް އެދޭ ކަމަށް ވެސް އެޕާޓީން ބުނެފައިވެއެވެ.