ރ. އުނގޫފަރު ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

އުނގޫފާރު ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި އެ ހޮސްޕިޓަލްގެ ބިންގާ އަޅުއްވައިދެއްވީ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަނީސާ އަޙްމަދާއި ހެލްތް މިނިސްޓަރ އަޙްމަދު ނަސީމެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވީ ރ.އަތޮޅަކީ އާބާދީގައި ސައުވީސް ހާހަށްވުރެ ގިނަ މިހުން ދިރިއުޅޭ އަތޮޅަކަށްވެފައި އުގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ކޮންމެ ދުވަހަކުވެސް އެތަށް ބަޔަކު ޚިދުމަތް ހޯދުމަށް ދާކަމަށެވެ. މިނިސްޓަރ ވިދާޅުވީ އާ ޢިމާރާތާއެކު، އިތުރު ބޮޑެތި ޚިދުމަތްތައް ހޮސްޕިޓަލްގައި ފުޅާވެގެން އަންނާނެކަމަށެވެ.

ހޮސްޕިޓަލަށް އިތުރުކުރާ އިމާރާތަކީ 3 ބުރީގެ ޢިމާރާތެކެވެ. މިނިސްޓަރ ވިދާޅުވީ މިޢިމާރާތް ޚާއްސަކުރާނީ، ޕްރައިވެޓް ރޫމްތައް ހެދުމާއި ސިއްޙީ ތަޙްލީލުތައް ހެދޭނެ ނިޒާމު ޤާއިމުކުރުމާއި އޮޕަރޭޝަން ތިއޭޓަރު ޤާއިމުކުރުމަށްކަމަށެވެ

އުނގޫފާރު ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްޤިކުރުމުގެ މަސައްކަތުގެ ދަށުން، އެ ހޮސްޕިޓަލްގައި އަޅާ އެކްސްޓޭންޝަން ޢިމާރާތުގެ މަސައްކަތް ކުންފުންޏަކާ ޙަވާލުކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހުއެވެ. މި މަސައްކަތް ޙަވާލުކޮށްފައިވަނީ ހަތް މަސް ދުވަހުން ނިންމުމަށެވެ.