ޒަމާންވީ ވާދަވެރި ރެއާލްމެޑްރިޑުގެ މައްޗަށް 5-2 ގެ ބޮޑު ތަފާތަކުން ކުރި ހޯދައި ސްޕެނިޝް ކޮޕާ ޑެލްރޭގެ ޗެމްޕިއަންކަން ބާސެލޯނާ ރޭ ހޯދައިފިއެވެ.
ސައުދީއަރަބިއްޔާގެ ކިންގ ފަހްދު އަބްދުﷲ ސްޓޭޑިއަމްގައި ގިނަ އަދަދެއްގެ ސަޕޯޓަރުން ކުރިމަތީ ކުޅުނު މިމެޗުގެ ކުރީކޮޅު ކިލިއަން އެމްބައްޕޭ ކާމިޔާބުކޮށްދިން ރީތި ލަނޑަކުން ރެއާލްއިން ލީޑް ނަގައި އިތުބާރު ބޮޮޑުކުރިއެވެ. އެކަމަކު ރެއާލްގެ 2 ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ތިރިތިރިން ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން ޒުވާން އުއްމީދީ ވިންގަރ ލަމީން ޔަމާލްގެ ލަނޑުން ބާސެލޯނާއިން 22 ވަނަ މިނެޓުގައި އެއްވަރު ކުރީއެވެ. އެއަށްފަހު ރެއާލް ކުޅުންތެރިންނަށް ދެން ފެނުނީ ބިރުވެރި ހުވަފެނެއްފަދަ މަންޒަރުތަކެވެ. ލެވަންޑޮސްކީ އާއި ރަފީނިއާ އަދި ބަލްޑޭގެ ލަނޑުތަކުން 48 މިނެޓު ހިނގިއިރު ބާސެލޯނާ އޮތީ 5-1 އިން ކުރީގައެވެ. މީގެ ތެރެއިން 2 ލަނޑު ކާމިޔާބުކޮށްދިނީ މުޅި މެޗުގައިވެސް އެންމެ މޮޅަށް ކުޅުނު ރަފީނިއާއެވެ.
ރެއާލްގެ ރައީސް ފްލެރެންޓީނޯ ޕެރޭޒް ކުޅިބަލަން ދަނޑުގައި އިންނެވި މެޗުން، މިއަށްވުރެވެސް ބޮޑު ތަފާތަކުން ބަލިނުވެ ރެއާލް ސަލާމަތްވުމުގައި އެންމެ ބޮޑު ދައުރެއް ކުޅުނީ ރެފްރީއެވެ. އެއީ އެމްބައްޕޭ އަތުން ބޯޅަ އަތުލަން އުޅުމުގެ ތެރޭގައި ބާސެލޯނާގެ ކީޕަރު ވޮޖްލެޗް ސެޒްނީ ފައިގައި ޖެހިފައި އެމްބައްޕޭ ވެއްޓުމުން، ސެޒްނީއަށް ރަތްކާޑް ދައްކާ ދަނޑުން ފޮނުވާލައިގެންނެވެ. ރެއާލްއިން ދެވަނަ ލަނޑެއް ޖެހީ 60 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ރޮޑްރީގޯއެވެ.
މިއީ ބާސެލޯނާއިން ސްޕެނިޝް ސްުޕަރ ކަޕް ކާމިޔާބު ކުރި 15 ވަނަ ފަހަރެވެ. ރެއާލްއަށް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދިފައި ވަނީ 13 ފަހަރުއެވެ.