ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުރި ޓްރާންސްފޯމަރަކަށް ގެއްލުންދީ، އޭގެން ވައްކަންކުރަން އުޅުނު މީހަކު ހައްޔަރުކޮށް ފުލުހުންނާ މިރޭ ހަވާލު ކޮށްފިއެވެ.
ޓްރާންސްފޯމަރުން މި މީހާ ވައްކަން ކުރަން އުޅުމުން އެކަން ހުއްޓުވީ ސްޓެލްކޯ މުވައްޒަފެކެވެ. ސްޓެލްކޯ މުވައްޒަފަށް އެމީހާ ރެންޗަކުން ހަމަލާ ދިނުމުގެ ސަބަބުން އަނގަމައްޗާއި ބުމަ ކައިރިއަށް ވަނީ ޒަޚަމްތަކެއް ލިބިފައެވެ.
ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުޅުމާލޭގެ ޓްރާންސްފޯމަރަކަށް ގެއްލުންދީ އޭގެން ވައްކަން ކުރަން އުޅުނު މީހަކު ސްޓެލްކޯގެ މުވައްޒަފުން އަތުލައިގަނެފައިވާ ކަމަށެވެ. އަދި މި މީހާ ވަނީ އެތަނަށް އެޓެންޑްވި މުވައްޒަފުގެ ގައިގައި ރެންޗަކުން ޖަހާ މާރާމާރީ ހިންގާފައި ކަމަށެވެ. އަދި ޓްރާންސްފޯމަރުން ވައްކަން ކުރަން އުޅުނު މީހާ، ޓްރާންސްފޯމަރަށް ގެއްލުން ދިނުމުގެ ސަބަބުން އެމްޕީއެލް ފްލެޓްތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށް އެމްޑީ ފަހުމީގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
މީގެ ދެތިން ދުވަސް ކުރިންވެސް ހުޅުމާލޭގައި ބަހައްޓާފައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރަކަށް ވަގުންގެ ގްރޫޕަކުން ވަނީ ގެއްލުން ދީފައެވެ.