ދެކުނު ކޮރެއާގެ އުމުރު ކުރު މާޝަލް ލޯ އާ ގުޅޭ ގޮތުން ތަހުގީގަށް ބޭނުންވެފައިވާ މައުޒޫލު ރައީސް މިއަދު ހެނދުނު ހައްޔަރުކޮށްފިއެވެ.
ތަހުގީގު ކުރާ ފަރާތްތަކުން ރައީސް ޔޫން ސުކް ޔެއޯލް ހައްޔަރު ކުރީ، ބުދަ ދުވަހުގެ ހެނދުނު 10:33 ހާއިރުއެވެ.
ޔޫން އަކީ ކޮރެއާގެ ހައްޔަރު ކުރެވޭ ފުރަތަމަ ރައީސެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުގެ މާޝަލް ލޯ އިއުލާން ކުރިތާ 43 ދުވަސް ފަހުންނެވެ.
ޔޫން ގެންގޮސްފައި ވަނީ، ސޯލްގެ މެދުތެރޭގެ ހަނާމް-ޑޮންގްގައި ހުންނަ ރިޔާސީ ގަނޑުވަރުން، ގާފިލާއެއްގައި، ގިއޮންގީ ޕްރޮވިންސްގެ ގްވާންޗެއޮންގައި ހުންނަ ކޮރަޕްޝަން އިންވެސްޓިގޭޝަން އޮފީސް ފޯ ހައި ރޭންކިން އޮފިޝަލްސް (ސީއައިއޯ) ގެ މައި މަރުކަޒަށެވެ.
ރައީސް ހައްޔަރުކޮށްފައި ވަނީ ރިއާސީ ގަނޑުވަރުގެ ގޯތިތެރެއަށް ވަދެގެން ދިޔަތާ ގަޑިއެއްހާއިރު ފަހުންނެވެ.
މިއީ، ތަހުގީގު ކުރާ ފަރާތްތަކުން ރައީސް ހައްޔަރު ކުރުމަށް ކުރި ދެވަނަ މަސައްކަތެވެ. ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހު ކުރި ފުރަތަމަ މަސައްކަތް ނާކާމިޔާބުވީ ރިއާސީ ގާޑުންނާ ހަ ގަޑިއިރު ވަންދެން ކުރިމަތިލުމަށް ފަހުއެވެ.
3 ހާސް ފުލުހުންނާއެކު ރައީސް ހައްޔަރު ކުރުމަށް، ސޯލްގެ މެދުތެރޭގެ ހާނަމް-ޑޮންގްގައި ހުންނަ ރިޔާސީ ގަނޑުވަރަށް ގޮސްފައި ވަނީ، ކޮރެއާ ގަޑިން ފަތިހު 4:20 ހާއިރު އެވެ.
ގާތްގަނޑަކަށް ދެގަޑި އިރާ ބައި ވަންދެން ރިއާސީ ގާޑުންނާ ކުރިމަތި ލުމަށްފަހު، އިންވެސްޓިގޭޓަރުންނަށް ކުރިއަށް ދެވުނީ، ގާޑުން ހަދާފައި އޮތް ތިން ފަށަލައިގެ ވަގުތީ ބެރިކޭޑެއް ފޫއަޅުވާލުމުންނެވެ.
ރައީސާއި ސީއައިއޯ އިން ސުވާލު ކުރަން ފެށީ ހެނދުނު 11 ޖެހިއިރުއެވެ.
ހައްޔަރު ކުރުމުގެ ކުރިން ރެކޯޑް ކޮށްފައިވާ ވީޑިއޯ މެސެޖެއްގައި ރައީސް ވިދާޅުވީ މަސްލަހަތަށްޓަކައި ދޫދެއްވައި ތަހުގީގަށް އެއްބާރުލުން ދެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. ނަމަވެސް ހައްޔަރު ކުރުމަށް ނެރެފައިވާ އަމުރަކީ ސައްހަ އަމުރެއް ނޫން ކަމަށެވެ.
ބައެއް ފުލުހުން ގަނޑުވަރަށް ވަދެފައި ވަނީ ހަރުގަޑު ބަހައްޓައިގެންނާއި ބަސްތަކުގެ މައްޗަށް އަރައިގެންނެވެ.
ފުލުހުންނާއި އެކު ސިފައިންގެ ޔުނިޓެއްވެސް ބައިވެރިވިއެވެ.