ބޮލީވުޑްގެ ތަރި ރަންބީރު ކަޕޫރު ކޮވިޑް 19 އަށް ފައްސިވެއްޖެއެވެ. ރަނބީރުގެ މަންމަ ނީތޫ ސިންގ ވަނީ މިކަން ސޯޝަލް މީޑިއާއަށް ޔަޤީން ކޮށްދީފިއެވެ.

ރަންބީރު ކޮވިޑަށް ފައްސިވިކަން ހާމަކުރަމުން ނީތޫ ބުނެފައިވަނީ މިކަމާ ކަންބޮޑުވުން ފާޅުކޮށް ހެޔޮއެދުންތައް ފާޅުކުރި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.

ރަންބީރުގެ މަންމަ ބުނެފައިވަނީ ކޮވިޑަށް ފައްސިވިޔަސް އޭނާގެ ހާލު ރަނގަޅު ކަމަށެވެ. ރަންބީރު މިހާރު ހުރީ އުސޫލުގެ ތެރެއިން ހޯމް ކަރަންޓީނުގައެވެ. މަޑުމަޑުން ބަލި ފަސޭހަވަމުން އަންނަ ކަމަށް ވެސް ނީތޫ ބުނެފައިވެއެވެ.

ރަންބީރު ކަޕޫރުގެ ކުރިއަށް ހުރި ފިލްމު ތަކުގެ ތެރޭގައި ފިލްމު "ބްރަހަމްސްޓަރ" ހިމެނެއެވެ. މި ފިލްމުގައި އަމީތާ ބަޗަން، އާލިޔާ ބަޓް އަދި މޯނީ ރޯއީ މުހިއްމު ރޯލުތަކުން ފެނިގެން ދާނެއެވެ. މީގެ އިތުރަށް ސަންޖޭދަތާއި ވާނީ ކަޕޫރާއެކު "ޝަމްސޭރާ" ގައިވެސް ރަންބީރު މަސައްކަތް ކުރަމުން ގެންދެއެވެ.

އަދި ފިލް މުގެ ނަން ހާމަކޮށްފައި ނުވާ "ލަވް ރާޖަން" ގެ ފިލްމެއްގައި ޝަރުދާ ކަޕޫރާ އެކު ފެނިގެން ދާނެއެވެ. މި ފިލްމުވެސް ވަނީ މިހާރު ބެލުންތެރިންނާ ހަމައަށް އަންނަން މަގުމަތީގައެވެ. މި އީ ރަންބީރާއި ޝަރުދާ ކަޕޫރު އެކުގައި ބެލުންތެރިންނަށް ފެންނާނޭ ފުރަތަމަ ފިލްމެވެ.