ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުދަލާއި ޚިދުމަތް ހޯދުމުގައި ޢަމަލުކުރާ ޤަވާއިދު އިސްލާހު ކުރީ ވަގުތާއި ހާލަތަށްބަލައި މެދުނުކެނޑި ރައްޔިތުންނަށް އަސާސީ ހިދުމަތް ފޯރުކޮށްދިނުމުގައި ކުރަންޖެހޭ މުޢާމަލާތްތައް އިދާރީ ހުރަސްތަކެއްނެތި ކުރުމަށް ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އެ ކުންފުނީގެ ގަވާއިދުތައް އިސްލާހު ކޮށްފައިވާ ކަމަށް ބުނެ ރާއްޖޭގެ އޮންލައިން ނޫހެއްގައި ލިޔެފައިވާ ރިޕޯޓަކަށް ރައްދު ދެއްވައި ފެނަކައިން ވިދާޅުވީ ގަވާއިދުތައް އިސްލާހު ކުރީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ފަސޭހައިން މުދަލާއި ޚިދުމަތް ހޯދުމުގެ ބޭނުމުގައި ކަމަށެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުދަލާއި ޚިދުމަތް ހޯދުމުގައި ޢަމަލުކުރާ ޤަވާއިދު 2015 ގައި 3001 ރުފިޔާއިން 225،000 ރުފިޔާއާ ދެމެދުގެ މުޢާމަލާތެއްނަމަ އެ މުދަލެއް ނުވަތަ ޚިދުމަތެއް ފޯރުކޮށްދޭ ތިން ފަރާތެއްގެ ކޯޓޭޝަން ހޯދުމަށް އޮތްއޮތުން، 26 ޖޫން 2018 ގައި މަތިކުރަން ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވެ އެވެ. އެގޮތުން ޑިރެކްޓަރުންގެ ބޯޑުން ނިންމީ ކޯޓޭޝަން ހޯދަންޖެހޭ އަދަދު 10،000،000 ރުފިޔާއަށް މަތި ކުރުމަށެވެ. ނަމަވެސް އެ ނިންމުން 2018 ޑިސެމްބަރުގައި ފެނަކަ މެނޭޖްމަންޓާއި އަލަށް ހަވާލުވި ޑިރެކްޓަރުންގެ ބޯޑުންވަނީ އިސްލާހުކުރައްވާފައެވެ.

"ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުދަލާއި ޚިދުމަތް ހޯދުމުގައި ޢަމަލުކުރާ ޤަވާއިދުގައި ރާއްޖޭން ބޭރުން މުދަލާއި ޚިދުމަތް ހޯދުމުގައި ޢާންމު ބިޑު އުސޫލުން އިޢުލާންނުކޮށް ކުރިއަށް ގެންދެވޭ ގޮތަށް އޮންނަ އޮތުން ބަދަލުކޮށްފައި ނުވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ފާހަގަކޮށްފައިވާއިރު، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުދަލާއި ޚިދުމަތް ހޯދުމުގައި ޢަމަލުކުރާ ޤަވާއިދު 2015 ގެ 3.6 ވަނަ މާއްދާގައި، ރާއްޖެއިން ބޭރުން މުދަލާއި ޚިދުމަތެއް ހޯދާއިރު މަދުވެގެން ފަސް ފަރާތަކަށް ކޯޓޭޝަން ހޯދަން ފޮނުވާންވާނެކަމަށް ބަޔާންކޮށް، މަދުވެގެން ތން ފަރާތެއްގެ ކޯޓޭޝަން ލިބުމުން 10،000،000 ރުފިޔާގެ މުޢާމަލާތް އޭރަކު ކުންފުނި ހިންގެވުމާއި ހަވާލުވެހުރި ފަރާތެއްގެ ހުއްދައާއި އެކު ކުރިއަށް ބަޔާންކޮށްފައި އޮތް އޮތުން، 01 އޮގަސްޓް 2019 ގައި 2018 ޑިސެމްބާރގައި އަލަށް އެކުލަވާލެވުނު ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މިހާރުގެ ޑިރެކްޓަރުންގެ ބޯޑުން ވާނީ ބަދަލުގެނެސްފައެވެ،" ފެނަކައިން ވިދާޅުވި އެވެ.

އެގޮތުން އެކަމަށް ގެނެވިފައިވާ ބަދަލުތަކުގެ ތެރޭގައި 225،000 ރުފިޔާއިން ފެށިގެން 5،000،000 ރުފިޔާގެ މުޢާމަލާތެއްނަމަ އެ މުޢާމަލާތެއް ކުރިއަށް ގެންދާނީ ޑައިރެކްޓް ޕާރޗޭސް ކޮމިޓީއިން އިވެލުއޭޓްކޮށް ފާސް ކުރެވިގެންކަމާއި، އަދި 5،000،000 ރުފިޔާއިން ފެށިގެން މަތީ މުޢާމަލާތެއް ނަމަ އެ މުޢާމަލާތެއް ކުރިއަށް ގެންދާނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ހުއްދަ ލިބިގެންކަމުގައި ވާނީ މުދަލާއި ޚިދުމަތް ހޯދުމުގައި އަމަލުކުރާގެ ގޮތުގެ ޤަވާއިދު އިސްލާހުކުރެވިފައެވެ.

"އިސްވެ ބަޔާންކުރެވުނު ކަންކަމުގެ އިތުރުންވެސް، މި ކުންފުންޏަށް ތުހުމަތު ކުރެވޭ ގޮތަށް އެހެން ފަރާތަކާ ޙަވާލާދެއްވާފައި ވިޔަސް ލިޔުއްވުމުގެ ކުރިން، ކަމާގުޅޭ ތަފްޞީލް މި ކުންފުނިން ހޯއްދެވުމަށްފަހު، ކަމުގެ ޙަގީގަތް ކިޔުންތެރިންނަށް ސާފުވާނެ އުޞޫލަކުން މަޢުލޫމާތު ޢާންމު ކުރެއްވުމަށް މި ކުންފުނިން އިލްތިމާސް ކުރަމެވެ،" ފެނަކައިން ވިދާޅުވި އެވެ.

ފެނަކައިން ވިދާޅުވީ އަދި އެއްވެސް ނޫހަކުން މަޢުލޫމާތެއް ހޯދަން އެދިގެން، އެއްބާރުލުން ނުދީ، ކަންކަން ސިއްރުކުރުމަކީ އެ ކުންފުނީގެ އަދުގެ މެނޭޖްމަންޓުން ގެންގުޅޭ އުޞޫލުތަކާ ބީރައްޓެހި ގޮތެއްކަން ތަކުރާރުކޮށް ފާހަގަކުރާ ކަމަށެވެ.