ގޭމިންގ ދުނިޔޭގެ ބޮޑު ނަމެއް ކަމުގައިވާ ނިންޓެންޑޯއިން އެ ކުންފުނީގެ އެންމެ އައު ކޮންސޯލް ތަޢާރަފުކޮށްފިއެވެ. މިއީ ގިނަ ދުވަސްތަކެއް ވަންދެން ގޭމުކުޅެން ޝައުގުވެރިވާ ފަރާތްތަކުން އިންތިޒާރުކުރަމުން އައި އިޢުލާނެކެވެ.
ނިންޓެންޑޯ ސްވިޗްގެ ސަކްސެސަރ ކަމުގައިވާ ނިންޓެންޑޯ ސްވިޗް 2 ބާޒާރަށް ނެރޭނީ މި އަހަރު ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އައު ޕްރޮމޯޝަނަލް ވީޑިއޯއެއްގައި ނިންޓެންޑޯއިން ދައްކާފައިވަނީ ކުރީގެ ސްވިޗަށްވުރެ ބޮޑު ވާރޝަނެކެވެ. މި ވީޑިއޯގައި ދައްކާފައިވާ ގޮތުން ސިސްޓަމްގެ ކޮންޓްރޯލަރުތައް ނުވަތަ "ޖޮއި-ކޮންތައް" މިހާރު ހަރުކުރެވެނީ މައި ޔުނިޓްގެ އަރިމައްޗަށެވެ.
ނިންޓެންޑޯ ސްވިޗް 2 ގައި ކުޅެވޭނީ ސްވިޗް 2 އަށް ޚާއްޞަ ގޭމްތަކާއި، ފިޒިކަލް އަދި ޑިޖިޓަލް ނިންޓެންޑޯ ސްވިޗް ގޭމްތަކެވެ. ނަމަވެސް ބައެއް ނިންޓެންޑޯ ސްވިޗް ގޭމްތައް ސްވިޗް 2 ގައި ނުކުޅެވުމުގެ ނުވަތަ ފުރިހަމައަށް ނުކުޅެވުމުގެ ފުރުސަތު އޮތް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މި އިޢުލާނުގައި ކޮންސޯލާ ބެހޭ ގިނަ މަޢުލޫމާތެއް ނުވަތަ ވަކި ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ. ސިސްޓަމާ ބެހޭ އިތުރު މަޢުލޫމާތު އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ނިންޓެންޑޯ ޑައިރެކްޓް އިވެންޓްގައި ލިބޭނެ ކަމަށް ނިންޓެންޑޯއިން ހާމަކުރިއެވެ. މީގެ އިތުރުން ކިޔޯޓޯގައި މައި އޮފީސް ހުންނަ މި ގޭމް ޑިވެލޮޕަރުން ބުނެފައިވަނީ "ނިންޓެންޑޯ ސްވިޗް 2 އެކްސްޕީރިއަންސް" އިވެންޓްތަކެއް ގިނަ ޤައުމުތަކެއްގައި ބާއްވާނެ ކަމަށެވެ. މި އިވެންޓްތަކުގައި ކުޅުންތެރިންނަށް އައު ސިސްޓަމް ބޭނުންކޮށްލުމުގެ ފުރުޞަތު ލިބޭނެއެވެ.
މި އިވެންޓްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ލޮސް އެންޖެލެސް، ނިއު ޔޯކް، ލަންޑަން އަދި ޕެރިސް ފަދަ ސިޓީތަކުގައި އޭޕްރީލް މަހުން ފެށިގެންނެވެ. މި އިވެންޓްތަކަށް ޓިކެޓް ރަޖިސްޓްރޭޝަން މިހާރު ހުޅުވާލެވިފައިވާނެކަމަށް ނިންޓެންޑޯއިން ބުނެފައިވެއެވެ.