ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ތެލެސީމިއާ ކުދިންގެ ތެރެއިން ބޯންމެރޯ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވި 6 ކުއްޖަކު ފަރުވާ ފުރިހަމަކޮށް ރާއްޖެ އައިސްފިއެވެ.
ތެލެސީމިއާ ކުދިންނަށް ދެމެހެއްޓެނިވި ގޮތެއްގައި ހިލޭ ބޯންމެރޯ ހަދައިދިނުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.
ސިއްޙަތާއި ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މިދިޔަ އަހަރު 14 ކުދިން ރާއްޖެއިން ބޭރަށް ބޯންމެރޯ ހެދުމަށް ފޮނުވާފައިވާއިރު، އޭގެ ތެރެއިން 6 ކުދިން ވަނީ ފަރުވާ ފުރިހަމަކޮށް ރާއްޖެ އައިސްފައެވެ.
މި މުހިންމު މަރުޙަލާ ހާސިލުކުރުމަށް މަގުފަހިކޮށްދިން އިސްލާމީ ކަންކަމާއި ބެހޭ ވުޒާރާގެ ޒަކާތު ފަންޑަށް އެ ސިއްޙަތާއި ބެހޭ ވުޒާރާއިން ޝުކުރު އަދާކޮށްފައިވެއެވެ. ޒަކާތު ފަންޑުގެ ޚަރަދުގައި ކޮންމެ އަހަރަކު 10 ކުއްޖެއްގެ ބޯންމެރޯ ހެދުމަށް އިސްލާމީ ކަންކަމާއި ބެހޭ ވުޒާރާއާއި ސިއްހީ ވުޒާރާއިން ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ބޯންމެރޯ ހަދަން ކޮންމެ ކުއްޖަކަށް އެއް މިލިއަން ރުފިޔާއާ ހަމައަށް އެހީ ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.
ސިއްޙަތާއި ބެހޭ ވުޒާރާއިން މަޢުލޫމާތު ދޭ ގޮތުގައި، މިވަގުތު 22 ކުދިން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ވެއިޓިން ލިސްޓްގައި ތިބިއިރު، މިހާތަނަށް 7 ކުއްޖަކު ޓްރާންސްޕްލާންޓް ނިންމާފައިވެއެވެ. އަދި މިވަގުތު 7 ކުދިން ރާއްޖެއިން ބޭރުގައި ދަނީ ފަރުވާ ހޯދަމުންނެވެ. އެހެންނަމަވެސް، އެއް ކުއްޖަކު ވަނީ ނިޔާވެފައެވެ.
ރާއްޖެއިން ބޭރުގައި ތިބި ކުދިންގެ ތެރެއިން 3 ކުއްޖަކު އަންނަ މަހު ރާއްޖެ އަންނާނެ ކަމަށާއި، ބާކީ 4 ކުދިންގެ ފަރުވާ މިވަގުތު ދަނީ ކުރިއަށް ކަމަށް ސިއްޙަތާއި ބެހޭ ވުޒާރާއިން ހާމަކުރެއްވިއެވެ. އަދި މިއަހަރު އިތުރު 10 ކުދިން ބޯންމެރޯ ހެދުމަށް ބޭރަށް ފޮނުވާނެ ކަމަށް ވިދާޅުވިއެވެ.
ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާ ކުދިންގެ ތެރެއިން ގިނަ ކުދިން ފޮނުވަނީ އިންޑިއާގެ ހޮސްޕިޓަލްތަކަށާއި ތައިލެންޑަށެވެ.
ބޯންމެރޯ ޓްރާންސްޕްލާންޓަކީ ތެލެސީމިއާގެ ދާއިމީ ފަރުވާއެއް ކަމަށްވާތީ، މި ފަރުވާ ލިބުމުން ކުދިންނަށް އާންމު ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ތެލެސީމިއާއަކީ ރާއްޖޭގައި ވަރަށް އާންމު ބައްޔަކަށްވެފައި، ގާތްގަނޑަކަށް ކޮންމެ 5 މީހަކުން އެކަކީ މި ބަލީގެ ޖީން އުފުލާ މީހެއް ކަމަށް ދިރާސާތަކުން ދައްކައެވެ. އެހެންކަމުން، މި ފަދަ ޕްރޮގްރާމްތަކަކީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި ބެލެވެއެވެ.