ހުވަދު އަތޮޅު އުތުރުބުރީ މާމެންދޫގައި ސަރުކާރުން ގާއިމްކޮށްފައިވާ ވާރޭ ފެނުގެ ނިޒާމު ފެނަކަ ކޯޕަރޭޝަނާ މިއަދު ޙަވާލުކޮށްފިއެވެ.

އެ ނިޒާމް ފެނަކައާ ޙަވާލު ކުރެއްވީ އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ތިމާވެއްޓާބެހޭ ވަޒީރު ޑރ. ޙުސައިން ރަޝީދު ޙަސަނެވެ. ފެނަކައިގެ ފަރާތުން ޙަވާލުވެ ވަޑައިގެންނެވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދެވެ.

މިއީ ހޫނު މޫސުމުގައި ރާއްޖޭގެ ރަށްތައް ފެނަށް ޖެހޭ މައްސަލަ ހައްލު ކުރެއްވުމަށް ސަރުކާރުން ހިންގާ މަޝްރޫޢުގެ ދަށުން ގާއިމް ކުރެވިއް ނިޒާމެކެވެ.

މިއީ ގްރީން ކްލައިމެޓް ފަންޑާއި، ޔޫއެންޑީޕީއާއި ދިވެހި ސަރުކާރުގެ ގުޅިގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. މިމަޝްރޫއަށް 4.9 މިލިޔަން ރުފިޔާ ވަނީ ޚަރަދު ވެފައެވެ. ސަރުކާރުން ވަނީ މުޅިރާއްޖޭގައި މި މަޝްރޫޢު ހިންގަން ނިންމައިފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ތިމާވެއްޓާ ބެހޭ ވަޒީރު ވިދާޅުވީ މާމެންދޫގައި އިރުގެ އަލިން ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި ސޯލާ ޖެހުމުގެ މަސައްކަތް މިއަހަރު ފެށޭނެ ކަމަށެވެ. އަދި އެރަށަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލައަށް ހައްލެއް ހޯދައި ދިނުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް ވެސް ވިދާޅުވިއެވެ.

މާމެންދޫގެ އިތުރުން މިއަދުވަނީ އެއަތޮޅު ނިލަންދުއާއި ކޮނޑޭގައި ގާއިމްކޮށްފައިވާ ވާރޭ ފެނުގެ ނިޒާމް ވެސް ފެނަކައާ ހަވާލުކޮށްފައެވެ.