ސްޕޯޓްސް ފިޝިންގއަށް އެޅި ކަނދުފަތިތައް ނުވަތަ ވަދު ބޮއެތައް ކައިރިން ދޮށީގެ މަސްވެރިކަން ކުރެވޭ ގޮތަށް މަސްވެރިކަމާއި ބެހޭ އާންމު ޤަވާއިދު އިސްލާހުކޮށްފިއެވެ.
ސްޕޯޓްސް ފިޝިންގ ކަނދުފަތިތައް ކައިރިން މީގެ ކުރިން ދޮށީގެ މަސްވެރިކަން ކުރުމުގެ ހުއްދަ އޮތީ 1 މޭލު ދުރުންނެވެ. އެކަމަކު ކުރިންވެސް ގަވައިދުގައި އެއްގޮތަށް ބޮޑު ކަންނެލީގެ މަސްވެރިކަން ކުރެވޭނީ ސްޕޯޓްސް ފިޝިންގ ކަނދުފައްޗާ 1 މޭލު ދުރުންނެވެ.
މަސްވެރިކަމާ ބެހޭ އާންމު ގަވައިދަށް ބަދަލު ގެނެވުނުމަމަވެސް އޮއިވާލި ނުވަތަ މަސް ކަނދުފަތިތަކުގައި ކައިރީގައި ހިންގޭނެ ހަރަކާތްތަކަށް ބަދަލު ގެނެސްފައި ނުވެއެވެ. އެ ކަނދުފަތިތައް ކައިރިން 3 މޭލު ސަރަހައްދެއްގައި ކުރެވޭނީ ދޮށީގެ މަސްވެރިކަން އެކަންޏެވެ. މީގެއިތުރުން މި ޤަވާއިދުގެ ދަށުން ކަނދުފައްޗަށް ގެއްލުންވާ ގޮތަށް އެއްވެސް ހަރަކާތެއް މި ސަރަހައްދުގައި ނުކުރެވޭކަމަށްވެސް ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
އޮއިވާލި މަސްވެރިކަމަށާއި ސްޕޯޓްސް ފިޝިންގއަށް އަޅާފައިވާ ކަނދުފަތިތަކުގެ ފެންވަރު ރަނގަޅުކަމަށް ފިޝަރީޒް މިނިސްޓްރީއިން މިހާރު ވަނީ މަސައްކަތް ފަށަފާފައެވެ. މަސްވެރިކަމާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް އިއްޔެ ވިދާޅުވީ ސަރުކާރުން މިވަގުތު މަސައްކަތް ކުރަމުން ދަނީ ކަނދުފަތިތަކުގެ ޑިޒައިނަށް ބަދަލުގެ ގެނެސް ކަނދުފަތިތައް އިތުރަށް ރަނގަޅު ކުރެވޭނެ ގޮތްތައް ބަލަމުން ކަމަށެވެ.