މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮނަރަބަލް ޠާރިޤް އިބްރާހީމް، ގްލޯބަލް އޯޝަން އެކައުންޓްސް ޕާޓްނަރޝިޕް (ޖީއޯއޭޕީ) ގެ ޓީމާ ބައްދަލުކުރައްވައި، އެ ޓީމުގެ މަސައްކަތްތަކުގެ ޕްރޮސެސްއާއި ނަތީޖާތަކާ ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި، ޖީއޯއޭޕީން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީއީއެފް) ގެ ފަންޑިންގ އެހީގެ ދަށުން ހިންގާ އެންދެރި ޕްރޮޖެކްޓް މެދުވެރިކޮށް ލ. އަތޮޅުގެ ވިނަގަނޑުތަކާއި، ކަނޑުފަތްތަކާއި އަދި މުރަކަތަކުގެ ޤުދުރަތީ ރައުސުމާލުގެ ހިސާބުތައް ނިންމާފައިވާކަން ފާހަގަކުރެވުނެވެ.
މިނިސްޓަރ ޠާރިޤް އިބްރާހީމް މި ބައްދަލުވުމުގައި ވިދާޅުވީ، "މި މަޝްރޫޢުގެ ނަތީޖާތަކަކީ ދިވެހިރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް" ކަމަށެވެ.
ޖީއޯއޭޕީގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވި އިސް އޮފިޝަލަކު ވިދާޅުވީ، "ލ. އަތޮޅުގައި ކުރެވުނު މި ދިރާސާއިން ލިބުނު މަޢުލޫމާތަކީ ރާއްޖޭގެ އެހެން އަތޮޅުތަކުގައިވެސް މިފަދަ ދިރާސާތައް ކުރުމަށް މަގުފަހިކޮށްދޭނެ އަގުހުރި މަޢުލޫމާތުތަކެއް" ކަމަށެވެ.
މި ބައްދަލުވުމުގައި، ކުރިއަށް އޮތްތަނުގައި މި މަޝްރޫޢު އިތުރަށް ފުޅާކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނެވެ. އަދި މިފަދަ ދިރާސާތަކުގެ ނަތީޖާތައް ސިޔާސަތު އެކުލަވާލުމުގައި ބޭނުންކުރެވޭނެ ގޮތްތަކާ ބެހޭގޮތުންވެސް ޚިޔާލު ބަދަލުކުރެވުނެވެ.