އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް (އެފްއާރުއެސް) އިން މިއަދު ސަލާހުއްދީން ސްކޫލުގެ ކެޑޭޓު ކޭމްޕުގެ ކެޑޭޓުންނަށް ފަޔަރ އެވެއަރނަސް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
ސަލާހުއްދީން ސްކޫލުގައި ބޭއްވުނު މި ސެޝަންގައި، އަލިފާނުގެ ނުރައްކަލާ ގުޅޭ މުހިންމު މަޢުލޫމާތުތަކެއް ކެޑޭޓުންނާ ހިއްސާކުރެވުނެވެ. މީގެ ތެރޭގައި އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތު ހިމެނެއެވެ. އަދި އަލިފާންނިވިއާއި ފަޔަރ ބްލޭންކެޓް ބޭނުންކުރާނެ ގޮތުގެ މުހިންމު މަޢުލޫމާތުތައްވެސް ވަނީ ކިޔައިދެވިފައެވެ.
ސެޝަންގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ޢަމަލުކުރަންވީ ގޮތުގެ މަޢުލޫމާތު ދިނުމުގެ އިތުރުން، ފަޔަރ ބްލޭންކެޓާއި އަލިފާންނިވި ބޭނުންކޮށްގެން އަލިފާން ނިއްވާނެ ގޮތް ޢަމަލީގޮތުން ދައްކައިދެވުނެވެ. މިގޮތުން، ކެޑޭޓުންނަށް އަލިފާން ނިއްވުމުގެ އަސާސީ ހުނަރުތައް ދަސްކޮށްދެވުނެވެ.
އެމްއެންޑީއެފްގެ މަޢުލޫމާތު ދޭގޮތުގައި، މި ސެޝަންގައި ޖުމްލަ 136 ކެޑޭޓުން ބައިވެރިވިއެވެ. މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ މާލެ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުންނެވެ.
މިފަދަ ސެޝަންތަކުން ސްކޫލް ކުދިންނަށް އަލިފާނުގެ ނުރައްކަލާ ބެހޭ މުހިންމު މަޢުލޫމާތުތަކެއް ލިބި، އަލިފާނުގެ ހާދިސާތަކާ ކުރިމަތިލާން ތައްޔާރުވުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.