ކައުންސިލްތަކުން އިސްނަގައިގެން ރަށުގެ ތަރައްގީއަށް މަސައްކަތްކުރުމަކީ ވަރަށްބޮޑަށް ބަލައިގަންނަކަމެއްކަމަށާއި، ވާދޫ ކައުސިލުން ރަށުގެ ތަރައްގީއަށް ކުރައްވާ މަސައްކަތްތަކަށް ތައުރީފުކުރައްވާ އެގޮތުގައި މަސައްކަތްތައް ކުރިއަށްގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
ރައީސް ވާދޫ ކައުންސިލްގެ މަސައްކަތްތަކަށް ތައުރީފުކުރައްވާމައި އެގޮތުގައި ކުރިއަށް ދިއުމަށް އެދިވަޑައިގެންނެވީ މިއަދު އެމަނިކުފާނު ރ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެރަށުގެ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީއާއި ރަށުގެ މުއައްސަސާތަކުގެ އިސްވެރިނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވާދޫ ކައުންސިލް އިދާރާގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލުން ވަނީ އެބޭފުޅުން ރަށުގެ ތަރައްގީއަށް ކުރައްވާ މަސައްކަތްތައް ތަފްސީލުކޮށް ވިދާޅުވެދެއްވާފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި އެބޭފުޅުން ވަނީ ރަށުގެ މުސްތަގުބަލަށްޓަކައި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއު ކުރިއަށްދާ ގޮތް ހިއްސާކުރައްވައި އެމަސައްކަތް ފުރިހަމަ ކުރުމަށް ބޭނުންވާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ރަށް ގިރުމުގެ މައްސަލައަށް އަވަސް ހައްލެއް ބޭނުންވާކަމަށާއި، ރަށުގެ ސިއްހީ މަރުކަޒަށް ބޭނުންވާ ހިދުމަތްތަކާއި، ރަށުގެ ޒުވާނުންނަށް ހާއްސަކޮށް ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ކަންކަން ކައުންސިލުން ހިއްސާކުރެއްވިއެވެ. މީގެ އިތުރުންވެސް ރަށަށް އަރައި ފޭބުމުގައި ހުރި ދަތިކަން ފާހަގަކުރައްވައި ބަނދަރުގެ މަސައްކަތް އަވަހަށް ފުރިހަމަކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަމަށެވެ. އަދި ވާދޫގައި މިހާރު ކުރިއަށްދާ ސޯލާ ޕްރޮޖެކްޓް ނިމޭއިރު މުޅި ރަށުގެ ކަރަންޓުގެ މައްސަލައަށް ޖުމްލަގޮތެއްގައި ފުރިހަމަ ހައްލެއް ލިބިގެންދިއުމަށް ބޭނުންވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ވާދޫގެ ތަރައްގީއަށް ކުރިޔަށްގެންދާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރައްވާފައެވެ.