ރ. އަނގޮޅިތީމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމެއް ބެހެއްޓުމަށްޓަކައި އެރަށު ކައުންސިލާއި ބީއެމްއެލްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ޑިރެކްޓަރ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިން، ބަދުރުއްދީން ޙަސަނެވެ. އަނގޮޅިތީމު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ފައިޞަލް ނަސީމެވެ.
މި އެއްބަސްވުމުގައި ސޮއިކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް މިވަގުތު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، އަނގޮޅިތީމުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.
މި އެއްބަސްވުމަކީ ރާއްޖޭގެ ހުރިހާ ރަށަކަށް އޭޓީއެމް ޚިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫޢުގެ ދަށުން ކުރެވުނު އެއްބަސްވުމެކެވެ. މި މަޝްރޫޢު ފެށިފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ސަރުކާރުން ވަނީ މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ނިންމާފައެވެ. މިހާރު ބީއެމްއެލްއިން ވަނީ ރާއްޖޭގެ 90 ރަށެއްގައި ޖުމްލަ 150 އޭޓީއެމް ބަހައްޓައި، އެ ޚިދުމަތް ފޯރުކޮށްދެމުންނެވެ.