ގދ. އަތޮޅުގެ 9 ރަށަކަށް މޯލްޑީވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ކަޝަވަރުގެ ޓީމެއް ޒިޔާރަތްކުރަން ނިންވާފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
މި ދަތުރުގައި އެ ކުންފުނީގެ ޚިދުމަތްތަކާ ގުޅޭގޮތުން ކަސްޓަމަރުންނާ ބައްދަލުކޮށް، އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. އެކުންފުނިން މަޢުލޫމާތު ދީފައިވާ ގޮތުގައި މި ދަތުރު ކުރިއަށްދާނީ 22 ޖަނަވަރީން ފެށިގެން 28 ޖަނަވަރީއާ ހަމައަށެވެ. މި މުއްދަތުގެ ތެރޭގައި އެމްޓީސީސީ ކަޝަވަރުގެ ޓީމުން ޒިޔާރަތްކުރާނީ ގދ. ތިނަދޫ، ނަޑެއްލާ، ހޯޑެއްދޫ، މަޑަވެލި، ރަތަފަންދޫ، ފިޔޯރީ، ފަރެސްމާތޮޑާ، ވާދޫ އަދި ގައްދޫއަށެވެ.
މީގެ އިތުރުން، މި ދަތުރުގެ ތެރެއިން 23 ޖަނަވަރީ 2025 ވާ ދުވަހު ގދ. ތިނަދޫގައި ޓެކްނިކަލް އެވެއަރނެސް ޕްރޮގްރާމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމުގެ މަޤްޞަދަކީ ޔަންމާ އިންބޯޑް އަދި ސުޒުކީ އައުޓްބޯޑް އިންޖީނުތައް ބެލެހެއްޓުމުގައި ކަސްޓަމަރުންނަށް އިތުރު މަޢުލޫމާތު ދިނުމެވެ.
އެމްޓީސީސީން ބުނެފައިވާ ގޮތުގައި މި ދަތުރަކީ ކުންފުނީގެ ތަޖުރިބާކާރު މުވައްޒަފުންގެ ހުނަރާއި އައު ޙައްލުތައް ކަސްޓަމަރުންނާ ގާތުން ގުޅުވައިދިނުމަށް ކުރާ މަސައްކަތެކެވެ.