އދ.ގައި ހުންނަވާ އެމެރިކާގެ ސަފީރު ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ހޮވި ބޭފުޅާއަކީ ފަލސްޠީނުގެ ދައުލަތެއް ވުޖޫދުވާން ބޭނުންވާ ފަރާތެއް ނޫނެވެ. އޭނާ ދެކެނީ ހުޅަނގު އައްސޭރީގެ މައްޗަށް ތައުރާތުން އިޒްރޭލަށް ހައްގެއް ދީފައިވާ ކަމަށެވެ.

އެލިސް ސްޓެފަނިކް ވަނީ ސެނެޓްގެ ފޮރިން ރިލޭޝަންސް ކޮމިޓީގައި އޭނާ މަގާމަށް އައްޔަން ކުރުމަށް ކޮށްފައިވާ ބަސްދީގަތުމުގައި މިވާހަކަތައް ހާމަ ކުރައްވާފައެވެ.

ސަފީރުގެ މަގާމު ކަށަވަރުވެއްޖެނަމަ ސްޓެފަނިކް ވިދާޅުވީ ދުނިޔޭގެ ޖަމުއިއްޔާއާއި އަދި ބައިނަލްއަގްވާމީ އެހެން ޖަމިއްޔާތަކުގައި ޗައިނާގެ ނުފޫޒާ ދެކޮޅަށް އޭނާ މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އިޒްރޭލަށް ވޮޝިންޓަނުން ދޭ ވަރުގަދަ ތާއީދު އިތުރަށް ވަރުގަދަ ކުރުމަށް ވެސް އޭނާ މަސައްކަތް ކުރައްވާނެ ކަމަށެވެ.

އިޒްރޭލުން ވަނީ ޣައްޒާގެ ހަނގުރާމަ ހުއްޓާލުމާއެކު ސިފައިން ހުޅަނގު އައްސޭރިއަށް ފޮނުވައިގެން ހުޅަނގު އައްސޭރީގައި އައު ހަނގުރާމައެއް ފެށުމަށް އިބްތިދާއީ ހަމަލަތައްދީ މަސްރަހު ކައްކަން ފަށާފައެވެ.

އިއްޔެއާއި މިއަދު ޖެނިން ވަނީ ހިސާކޮށްފައެވެ. އަދި ހުޅަނގު އައްސޭރީގެ މަގުތައް ވަނީ ބަންދުކޮށްފައެވެ.

ސްޓެފަނިކް ވިދާޅުވީ ތައުރާތުގައި ބުނާ ގޮތަށް ހުޅަނގު އައްސޭރި އިޒްރޭލަށް ލިބެންވާނެ ކަމަށެވެ.

އިޒްރޭލުގެ ފިނޭންސް މިނިސްޓަރު ބެޒާލެލް ސްމޮޓްރިޗް އާއި ކުރީގެ ގައުމީ ސަލާމަތާ ބެހޭ ތާކިހާ ވަޒީރު، އިޓަމާ ބެން ގްވީރުގެ ވިސްނުމަށް އޭނާ ތާއީދުކުރައްވާ ސުއާލު ކުރުމުން ވިދާޅުވީ އެބޭފުޅުން ވިދާޅުވާ ގޮތަށް ފަލަސްޠީނު މީހުން ފައްސާލުމަށް (ނަސްލު ސާފުކޮށްލުމަށް) އޭނާ ތާއީދު ކުރައްވާ ކަމަށެވެ.

ފަލަސްޠީނުގެ މިނިވަން ދައުލަތަކަށް ތާއީދުކުރަން އޯ އެހުމުން އޭނާ ޖަވާބުގައި ވިދާޅުވީ "ފަލަސްޠީނު މީހުންނަށް އިންސާނީ ހައްގުތައް ލިބެން ޖެހޭނެ" ކަމަށެވެ!

ޓްރަމްޕް އިޒްރޭލަށް އައްޔަން ކޮށްފައިވާ ސަފީރަކީވެސް ޒަޔަނިސްޓެކެވެ. އިޒްޜޭލަށް އައްޔަން ކޮށްފައިވާ ޓްރަމްޕްގެ ސަފީރު މައިކް ހަކަބީ ވެސް ވަނީ ހުޅަނގު އައްސޭރީގެ ބިންތައް ހިފައި ޔަހޫދުން ވަޒަންވެރި ކުރުމަށް ތާއީދުކުރައްވާފައެވެ.

އޭނާވެސް ހުއްޖަތް ދެއްކެވީ ތައުރާތުންނެވެ.

"ހުޅަނގު އައްސޭރިއޭ ކިޔާ ތަނެއް ނޯންނާނެ. އެއީ ޖޫޑިއާ އާއި ސަމާރިއާ" ތައުރާތުގައި އޮންނަ ނަމުން ކިޔައި އޭނާ ބުންޏެވެ.