އިންނަމާދޫގެ ފެނުގެ މައްސަލައަށް ދާއިމީ ހައްލެއް ބޭނުންވާކަމަށް އެރަށު ކައުންސިލުން އެދެފިއެވެ.
އިންނަމާދޫ ކައުންސިލުން މި ކަމަށް އެދުނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، އިންނަމާދޫ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީ އަދި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްގީއަށްޓަކައި ކުރަން ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން ބޭއްވި މަޝްވަރާކުރެއްވުމުގައެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ރޭ އިންނަމާދޫ ސުކޫލުގައެވެ.
ރޭގެ މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާއި ރައްޔިތުންނަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރަށުގެ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތާއި، ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް އަވަހަށް ފުރިހަމަކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން އިނަންމާދޫ ސިއްހީ މަރުކަޒާއި، ސޫކޫލުގެ ޖާގައިގެ ދަތިކަން ފާހަގަކުރައްވައި އެކަމަށް އެދެވޭ ހައްލެއް ހޯއްދަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. ހަމައެއާއެކު، ނަރުދަމާގެ ނިޒާމުގެ ކަނެކްޝަންތަކުގެ މައްސަލަތައް ހައްލު ކޮށްދެއްވައި، ރަށުގެ މަގު ހެދުމުގެ މަސައްކަތް ފައްޓަވައިދެއްވުމަށް ކައުންސިލުން އެދިފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ކަންކަން ފުއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމަށެވެ. އަދި އެމަނިކުފާނު ވަނީ ރޭގެ ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ފަހުގެ މައުލޫމާތުތައް ހިއްސާކުރައްވާފައެވެ.