އިރުވާހުދަކީ ދިވެހިރާއްޖޭގެ އެކި ހިސާބުތަކުން ފެންނަ ރާއްޖެއަށް ވަރަށް އާންމު ދޫންޏެކެވެ. މިދޫންޏަށް އިރުވާހުދުގެ ނަން ދެވިފައި ވަނީ ސަބަބުތަކެއް ހުރެގެންނެވެ. މިދޫނީގެ ކުލައަކީ މުޅިން ހުދުކުލައެވެ. އަދި މިދޫނި ރާއްޖެއިން އެންމެ ގިނައިން ފެންނާނީ ކޮންމެ އަހަރެއްގެވެސް އިރުވައި މޫސުމުގައެވެ. އިރުވާހުދު އާންމުގޮތެއްގައި ޖައްސާނީ ކޯރުކޯރުގައާއި، ހުސްކޮށް އޮންނަ ބިންބިމުގައާއި، ރަށްރަށުގެ ކުޅިވަރު ކުޅޭ ވިނަ ދަނޑުތަކުގައިވެސް އިރުވާހުދު ޖައްސާ އުޅެއެވެ. އަދި ކޮންމެވެސް ވަރަކަށް ކުޅިކުޅިއާއި ޗަކަ ބިންބިމުގައިވެސް ޖައްސާއުޅެއެވެ.

‎ސިފަތައް:

‎އިރުވާހުދަކީ މާކަނަޔާ ވައްތަރު އެހެން ނަމަވެސް މާކަނަޔަށްވުރެން ކުޑަ ހުދު ދޫންޏެކެވެ. އާންމުކޮށް ހުޅަނގު މޫސުމުގައި އިރުވާހުދުގެ ހުޅިގަނޑަށާއި އަދި ފަތްތަކަށް ރީނދޫ އަދި މަޑުމުށި ކުލައެއް އަރައެވެ. އިރުވާމޫސުމުގައި މި ދޫނީގެ ތުންގަނޑު އަދި ފައިތިލަތައް ފިޔަވައި ބޭރުފުށަށް ފެންނާނީ އެއްކޮށް ހުދު ކުލައިގައެވެ. ނަމަވެސް ގުދުރަތީގޮތުން މި ދެމޫސުމުގައި ވެސް މިދެންނެވި ގޮތާއި ޚިލާފަށް އެހެން ތަފާތު ބަދަލުތައް އަންނަ އިރުވާހުދުވެސް ފެނެއެވެ.

‎ހެދިބޮޑުވާ ގޮތާއި އާންމު ދިރިއުޅުން:

‎އިރުވާހުދު ހެދިބޮޑުވަނީ 46 އާއި 56 ސެންޓިމީޓަރަށެވެ. އެއީ ގާތްގަނޑަކަށް 18 އިންޗި ނުވަތަ 22 އިންޗިއަށެވެ. އަދި ފިޔަގަނޑުގައި 88 ނުވަތަ 96 ސެންޓިމީޓަރު ހުރެއެވެ. އިރުވާހުދުގެ ބަރުދަނުގައި އާންމުކޮށް 270 އާއި 512 ގްރާމް ހުރެވެއެވެ. އިރުވާހުދު ބިސްއަޅާ އިރު އާންމުކޮށް 02 އަކާއި 04 ބިހުގެ އަދަދަކަށް ބިސްއަޅައެވެ. ހާލިތައް ހަދާ އުޅެނީ ޗަކަފަލު ތަކުގައާއި ގަސްގަހުގައެވެ.

އިރުވާހުދު ބިސްއަޅާ ޅަ އިރުވާހުދުތައް ބިހުން ނިކުންނާނީ އާންމުކޮށް 22 ދުވަހާއި 28 ދުވަހާ ދޭތެރޭގައެވެ. މިގޮތުން ބިހުން ނިކުމެ އުދުއްސައިގަތުމުގެ ކުރިން ހާލީގައި ޅަ އިރުވާހުދުތައް 14 ނުވަތަ 21 ދުވަސް ހޭދަކުރެއެވެ. ހާއްޔަށް ބިސްއަޅާއިރު ހާލި ބަލަހެއްޓުމުގައި އަންހެން އަދި ފިރިހެން އިރުވާހުދުވެސް ހަރަކާތްތެރިވެއެވެ. އިރުވާހުދު އާންމުކޮށް ބިސްއަޅާ އުޅެނީ އޭޕްރީލް މަހާއި ސެޕްޓެންބަރު މާހައި ދޭތެރޭގައެވެ. ނަމަވެސް އެންގިނައިން ބިސް އަޅަނީ ޖޫން އަދި ޖުލައިގައެވެ.

‎އިރުވާހުދު ކާތަކެއްޗާއި އުމުރު :

‎އިރުވާހުދު ކައި އުޅެނީ ފަނިފަކުސާއާއި، މަސްކާށިދޫންޏާ، ކުދި ބޮކާއި އަދި ކުދި މަސްފަދަ ތަކެއްޗެވެ. އާންމުކޮށް އިރުވާހުދެއް 10 އަހަރާއި 15 ވަންދެން އުޅޭކަމަށް ވެއެވެ. ނަމަވެސް ރަގަޅު މާހައުލެއްގައި ނަމަ މީގެ އުމުރު 22 އަހަރަށް ދިގު ދެމިގެންދެއެވެ.

‎އިރުވާހުދަކީ ވަރަށް ގިނަ ޒަމާންތަކެއް ވަންދެން ދިވެހިން އޮޅުކޮށްގެން ގޭގެތަކުގައި ގެންގުޅު ދޫންޏެވެ. ދޫނީގެ ވެރިފަރާތުން ދޫނި އޮޅުކޮށް ދޫކޮށްލުމުން އިރުއޮއްސޭ ވަގުތު އަނބުރާ ގޭދޮށަށް މި ދޫނިއަންނަ ކަމަށް ވެއެވެ. ބައެއްފަހަރު ގިނަދުވަސްތަކަކަށްފަހުވެސް އަލުން އަނބުރާ ވެރިފަރާތުގެ ގޭދޮށަށްއާދެއެވެ. އިރުވާހުދަކީ ދިވެހިންގެ ހިތްތަކުގައި ޙާއްސަ ލޮތްބެއް ދެވިފައިވާ ރީތި ދުންޏެކެވެ. ނަމަވެސް މިހާރު އިރުވާހުދަކީ ހިމާޔަތްކޮށްފައިވާ ދޫނިތަކުގެ ތެރޭގައި ހިމެނޭ ދޫންޏަކަށްވާތީ، މިދޫނި ހިފާ އޮޅުކޮށް ގޭގޭގައި ގެންގުޅުމަކީ ޤާނޫނީ ގޮތުން މަނާ ކަމެކެވެ.