ފުލުހުންގެ ހިދުމަތުގެ ފަސް ރީޖަނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ‘’ޓެރަރިޒަމް ރެސްޕޯންސް ޓްރެއިނިންގ'' ގެ ފޭސް 1 އަޕަރ ނޯތު ޕޮލިހުގައި ކުރިއަށް ގެންގޮސްފިއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 20 އިން 23 އަށް ކުޅުދުއްފުށި ސިޓީއާއި ހއ. ހޯރަފުށީގައެވެ.
މި ޖަނަވަރީ މަހުގެ 20 ވަނަ ދުވަހު މި ޕްރޮގްރާމް ފެށުމަށް ކުޅުދުއްފުށި ސިޓީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ. މި ރަސްމިއްޔާތުގައި، އަޕަރ ނޯތު ޕޮލިސް ކޮމާންޑަރު ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް ޒުހުރީއާއި ކުޅުދުއްފުށީ ސިޓީ ޕޮލިސް ކޮމާންޑަރު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޙްމާ ސައީދު އަދި ކައުންޓަރ ޓެރަރިޒަމް އިންޓެލިޖެންސް ޑިޕާޓްމަންޓުގެ އިސް ބޭފުޅުންނާއި އަޕަރ ނޯތު ޕޮލިހުގެ ފުލުހުން ބައިވެރިވެލެއްވިއެވެ.
ފުލުހުން ބުނީ އެދުމަތުގެ ކައުންޓަރ ޓެރަރިޒަމް އިންޓެލިޖެންސް އަދި އިނގިރޭސިވިލާތުގެ ސަރުކާރު ގުޅިގެން ހިންގަމުންދާ "އިންޓަރނޭޝަނަލް ޕްރޮޓެކްޓް އެންޑް ޕްރިޕެއަރ" ޕްރޮގްރާމްގެ ދަށުން، މުޅި ރާއްޖެ ހިމެނޭހެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޓްރެއިނިންގ ޕްރޮގްރާމްގެ ފޭސް 1ގައި އަޕަނޯތު ޕޮލިހުގައި ދެ ޓްރެއިނިންގ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އެގޮތުން، ފްރޮންޓްލައިންގައި މަސައްކަތްކުރާ ފަސްޓް ރެސްޕޯންޑާސްއަށް އަމާޒުކޮށްގެން ''ޓެރަރިޒަމް އިންސިޑެންޓް ފަސްޓް ރެސްޕޮންޑާސް'' ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ޖަނަވަރީ 20 ވަނަ ދުވަހުއެވެ. ކުޅުދުއްފުށި ސިޓީގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ހއ. ހދ. ށ އަދި ކުޅުދުއްފުށި ސިޓީގައި މަސައްކަތްކުރާ ފުލުހުން ހިމެނޭގޮތަށް 45 ފުލުހުން ބައިވެރިވިއެވެ.
އަދި ''ޓެރަރިސްޓް އިންސިޑެންޓް ކޮމާންޑް ރެސްޕޯންސް އެވެއާނަސް'' ޕްރޮގްރާމް ޖަނަވަރީ 21 އިން 23 އަށް ކުރިއަށްގެންގޮސްފައިވަނީ ހޯރަފުށީގައެވެ. ހއ. ހދ އަދި ށ އަތޮޅުގެ ޕޮލިސް ސްޓޭޝަންތަކުގެ އިންޗާޖުންނާއި ކުޅުދުއްފުށި ސިޓީ ޕޮލިހުގެ ޔުނިޓުތަކުގެ ހެޑުން ހިމެނޭގޮތަށް ރެސްޕޯންސްގެ ސުޕަވައިޒަރީ ލެވެލްގައި މަސައްކަތްކުރާ 27 ފުލުހުން މި ޕްރޮގްރާމުގައި ބައިވެރިވިއެވެ. މި ޕްރޮގްރާމަކީ އިންސިޑެންޓް ކޮމާންޑުގެ ލެވެލްތަކާއި ކޮމާންޑް އެންޑް ކޮންޓްރޯލް ހިމެނޭހެން ފަރުމާކުރެވިފައިވާ ޓްރެއިނިންގ ޕްރޮގްރާމެކެވެ.
ފުލުހުން ބުނީ މި ދެ ޕްރޮގްރާމަކީ ވެސް ޓެރަރިޒަމާ ދެކޮޅަށް ދިވެހި ފުލުހުންގެ ހިދުމަތުން ކުރަމުންދާ މަސައްކަތްތަކަށް ރެސްޕޯންޑުކުރުމުގެ ގާބިލުކަން، އަތޮޅު ތެރޭގައި މަސައްކަތްކުރާ ފުލުހުންގެ ކިބައިގައި އިތުރުކުރުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ.
އަދި ދިވެހިރާއްޖެއަށް ނިރުބަވެރި ހަމަލާއެއް އަންނަ ހާލަތުގައި އެކަމަށް ހުޝިޔާރުވެ ތިބުމާއި ފާރަވެރިކަމާއެކު އެކަމަށް ރެސްޕޯންޑުކުރެވޭނެ ގާބިލުކަން މި ޕްރޮގްރާމްތަކުގެ ސަބަބުން ފުލުހުންގެ ކިބައިގައި އިތުުރުވެގެންދާނެ ކަމަށާއި އެފަދަ ހާދިސާއެއް ކުރިމަތިވެއްޖެ ހާލަތުގައި، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓުތަކާ އަދި ސިނާއީ މަސައްކަތްކުރާ ރަށްރަށާ އެންމެ ގާތުން އެކަމަށް އިޖާބަދޭ ފަސްޓް ރެސްޕޯންޑާޒް އަދި ސުޕަވައިޒަރީ ލެވެލްތަކުގެ ފުލުހުން އަމަލުކުރާނެ ގޮތްތަކާއި އެފަދަ ސީންތަކުގައި ހަރަކާތްތެރިވާނެ ގޮތްތަކުގެ އިތުރުން ސަމާލުކަންދޭންޖެހޭ ކަންކަން އެނގިގެންދާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.