ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ފައިނު ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި މުއައްސަސާތަކުގެ އިސްވެރިނާއި ބައްދަލުކުރައްވައި، ފައިނުގައި އެއާރޕޯޓެއް އެޅުމަށް ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޭނުންވާކަމުގައި ވިދާޅުވެއްޖެއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ފައިނު ސުކޫލުގައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ރަށުގެ ކައުންސިލުން ވަނީ ރަށުގެ ތަރައްގީއަށް މުހިންމު ކަންކަން ރައީސްއާ ހިއްސާކުރައްވާފައެވެ. އެގޮތުން ރަށުގެ ރައްޔިތުންނަށް އެއްރަށުން އަނެއްރަށް ދިއުމުގައި ހުރި ގޮންޖެހުންތައް ފާހަގަކުރައްވައި ދަތުރުފަތުރުގެ ނިޒާމެއް ތަރައްގީ ކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

އަދި ބަނދަރު ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވުމަށްވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ކައުންސިލުންވަނީ ރަށުގެ ސުކޫލާއި، ފެނާއި ނަރުދަމާ ނިމިފައިވާތީ އެކަމަށް ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ފަހުގެ މައުލޫމާތުތައް ހިއްސާކުރައްވާފައެވެ.