މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން 2025-2026 އަހަރުތަކަށް އަމާޒުކޮށް އެކުލަވާލާފައިވާ 'ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭން' މިއަދު ވަނީ އާންމުކޮށްފައެވެ. މި ޕްލޭން ވަނީ މީރާގެ ވެބްސައިޓުގައި ޝާއިއުކޮށްފައެވެ.

މި ޕްލޭންގައި ހިމެނޭ މައިގަނޑު ލަނޑުދަނޑިތަކުގެ ތެރޭގައި ޓެކްސް ދައްކާ ފަރާތްތަކުގެ ސައްހަ އަދި އަދާހަމަ ރަޖިސްޓްރީއެއް ބެލެހެއްޓުމާއި، ސުންގަޑިއަށް ބަޔާން ހުށަހަޅާ މިންވަރު އިތުރުކުރުމާއި، ހުށަހަޅާ ބަޔާންތަކުގެ ފުރިހަމަކަން ކަށަވަރުކުރުމާއި، ސުންގަޑިއަށް ފައިސާ ދައްކާ މިންވަރު އިތުރުކުރުމާއި، ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ސައްހަ އަދަދު ރިޕޯޓުކުރުން ހިމެނެއެވެ.

މީރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ޕްލޭންގެ ދަށުން ވަކިވަކި ދާއިރާތަކަށް އަމާޒުކޮށްގެން ރަޖިސްޓަރީކުރުވުމުގެ ޕްރޮގްރާމުތަކެއް ހިންގުމަށް ވަނީ ރޭވިފައެވެ. މީގެ އިތުރުން، ޓެކްސް ދައްކާ ފަރާތްތަކަށް ހޭލުންތެރިކުރުމުގެ ސެޝަންތަކާއި، ޓެކުހާ ގުޅޭ ސުންގަޑިތައް ހަނދާންކޮށްދިނުމުގެ ޕްރޮގްރާމްތައް ވެސް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްލޭންގައި އިތުރަށް ހިމެނޭ މުހިންމު ކަންތައްތަކުގެ ތެރޭގައި ޓެކްސް ދައްކާ ފަރާތްތަކުގެ އިލްތިޒާމްތައް ފުރިހަމަކުރާ މިންވަރު މޮނިޓަރކުރުމާއި، ދައްކަންޖެހި ނުދައްކާ ހުރި ފައިސާ ހޯދުމުގެ މަސައްކަތްތައް ހަރުދަނާކުރުމާއި، ޓެކުހަށް މަކަރުހަދާ ފަރާތްތައް ދެނެގަނެ އެކަށީގެންވާ ފިޔަވަޅު އެޅުން ހިމެނެއެވެ.

މީރާއިން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މި ޕްލޭން އެކުލަވާލުމުގައި ސަރުކާރުގެ މުއައްސަސާތަކާއި، ތަންފީޒީ އިދާރާތަކާއި އަދި ކަމާބެހޭ އެހެނިހެން މަސްލަހަތުވެރިންގެ މަޝްވަރާ ހޯދާފައިވެއެވެ. އަދި މި ފަރާތްތަކާ ގުޅުންހުރި ސިނާޢަތްތަކުގެ ރިސްކުތަކަށް ހައްލު ހޯދުމަށް އިސްކަންދީފައިވާކަން ވެސް ފާހަގަކޮށްފައިވެއެވެ.

މި ޕްލޭނަކީ މީރާގެ ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް ޕޮލިސީގެ ދަށުން އެކުލަވާލާފައިވާ ޕްލޭނެކެވެ. މި ޕޮލިސީގެ މައިގަނޑު މަޤްޞަދަކީ ޓެކްސް ދައްކާ ފަރާތްތަކުން އަމިއްލަ އިޚްތިޔާރުގައި ޓެކުހުގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ތަބާވުން އިތުރުކުރުމާއި، ތަންފީޒީ ފިޔަވަޅުތަކުގެ ޒަރީޢާއިން ޤާނޫނުތަކާއި ގަވާއިދުތަކަށް ތަބާނުވުން މަދުކުރުމެވެ.

މީރާއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، 2020 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭނެއް އެކުލަވާލައި، އޭގެ ދަށުން ގިނަ ކޮމްޕްލަޔަންސް ހަރަކާތްތަކެއް ހިންގަމުން ގިންގަމުން ގެންދެއެވެ. މި އަހަރުގެ ޕްލޭނަކީ މި ސިލްސިލާގެ އެންމެ ފަހުގެ ޕްލޭނެވެ.

މި ޕްލޭން އެކުލަވާލާފައިވަނީ ވަކިވަކި ސިނާޢަތްތަކުން ޓެކްސް ދެއްކުމުގައި ހުރި ރިސްކުތަކަށް ރިޢާޔަތްކޮށް، އެ ރިސްކުތަކާ އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް ހިންގޭނެ ހަރަކާތްތައް ހިމަނައިގެންނެވެ. މީގެ އިތުރުން، އެހެން އިދާރާތަކުން މަޢުލޫމާތު ހޯދައި، އެ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ނޮން-ކޮމްޕްލަޔަންސް ދެނެގަނެ،ެނެގަނެ، އެކަން ހުއްޓުވުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްވެސް ވަނީ ރޭވިފައެވެ.

މި ޕްލޭން ޝާއިޢުކުރުމާއެކު، މީރާއިން ވަނީ ޓެކްސް ދައްކާ ފަރާތްތަކަށާއި އާންމު ރައްޔިތުންނަށް މި ޕްލޭން ބެލުމަށް ހުޅުވާލާފައެވެ. މި ޕްލޭން މީރާގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް މީރާއިން މަޢުލޫމާތު ދީފައިވެއެވެ.