ޕަބްލިކް ވަރކް ސައިޓްތައް ހެދުމަކީ އިންވެސްޓްމަންޓެއް ކަމަށާއި، މި ހިނގާ 2025 ވަނަ އަހަރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޕަބްލިކް ވަރކްސް ޔުނިޓެއް ގާއިމުކުރައްވާނެ ކަމުގެ ޔަގީންކަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ކޮންމެ އަތޮޅެއްގައި އެންމެ މަދުވެގެން، ޕަބްލިކް ވަރކްސް ހިދުމަތް ދޭނެ އެއް ޔުނިޓް ގާއިމުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައި މި ވަނީ، މާޅޮސްމަޑުލު އުތުރުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މާކުރަތަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން ރ އަތޮޅުގައި ޕަބްލިކް ވަރކްސް ޚިދުމަތް ދޭ މަރުކަޒު ގާއިމުވެގެންދާނީ ރ. މާކުރަތުގައިކަން ރައީސް ވަނީ އިއުލާންކުރައްވާފައެވެ.
ތަރައްގީއަށް ހިންގާ ގިނަ މަޝްރޫއުތަކެއްގެ ދުރު ރާސްތާއަށް ބަލާއިރު އެފަދަ ތަންތަން ބެލެހެއްޓުމަށްޓަކައި ޕަބްލިކް ވަރކްސް ހިދުމަތަކީ އިންތިހާއަށް މުހިންމު ކަމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިއީ އެއްވެސް ހާލެއްގައި ބޭކާރުވެގެންދާ ހަރަދެއް ނޫން ކަމަށެވެ. ދުރު ރާސްތާއަށް ބަލާއިރު، ޢުމްރާނީ ގޮތުން ރަށްރަށަށް ގެނެވޭ ތަރައްޤީ ބެލެހެއްޓުމަށް ޕަބްލިކް ވަރކްސް ޔުނިޓެއް ހުރުމަކީ، އެތައް ހަރަދެއް ސަލާމަތް ކުރެވޭނެ ކަމެއް ކަމުގައި ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޕަބްލިކް ވަރކްސް ޚިދުމަތް ދިނުމަށްޓަކައި އެންމެ މަދުވެގެން، އެއް ޔުނިޓް ގާއިމުކުރެއްވުމުގެ އިތުރުން، ރާއްޖޭގެ އުތުރު އަދި ދެކުނުގެ ސަރަޙައްދު ހިމެނޭ ގޮތަށް، ހުރިހާ ވަސީލަތަކާއެކު އެއްތަނުން އަނެއް ތަނަށް އުފުލައި، ބަދަލު ކުރެވޭ މޯބައިލް ޕަބްލިކް ވަރކްސް ޔުނިޓްގެ 2 ޔުނިޓް އުފައްދަވާނެ ކަންވެސް ރައީސް ވަނީ އިއުލާންކުރައްވާފައެވެ. މި މަސައްކަތްތަކަކީ މި ހިނގާ 2025 ވަނަ އަހަރުގެ ބަޖެޓުން ޚަރަދު ކުރައްވައިގެން ކުރިއަށް ގެންދަވާނެ މަސައްކަތްތަކެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، ރ. މާކުރަތުގެ ތަރައްޤީއަށް ޚާއްޞަކުރައްވައިގެން ކޮށްދެއްވާނެ ކަންކަން ރައްޔިތުންނާ ހިއްސާކުރެއްވިއެވެ. ރަށުގެ ތަރައްގީގައި ހަގީގީ ކުލަޖެއްސުމަށްޓަކައި ކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވަމުން ރައީސް ވަނީ، އެކި ސަބަބުތަކާ ހެދި މިކަންކަން ނުވެ ހުރި ކަމުގައި ވީ ނަމަވެސް، ރައްޔިތުން އެދޭފަދައިން ކަންކަން ކުރިއަށް ގެންދަވައި، ނަތީޖާ ނެރެދެއްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ. އެގޮތުން ބަނދަރުގެ މައްސަލައާއި، ރަށް ގިރުމުގެ މައްސަލަވެސް ހައްލުވާ ގޮތަށް އެ މަޝްރޫއު ފުރިހަމަކޮށް ކުރިއަށްގެންގޮސްދެއްވައި، ޕަބްލިކް ވަރކްސް ސައިޓް ގާއިމުކުރުމަށް ފެށިފައި އޮތް މަސައްކަތް، ރައްޔިތުން އެދޭ ފެންވަރަށް މި އަހަރު ތެރޭގައި ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ވެސް ރައީސް ވަނީ ދެއްވާފައެވެ.
ރ. މާކުރަތުގެ ސިއްހީ ދާއިރާއަށް ދިމާވެފައިވާ އިންސާނީ ވަސީލަތުގެ ދަތިކަމާއި، އެ ނޫންވެސް ފަންނީ ވަސީލަތްތަކުގެ ދަތިކަން ހައްލު ކުރުމުގެ މަސައްކަތް މިއަހަރުގެ ބަޖެޓުތެރެއިން ކުރެއްވުމަށް ނިންމަވާފައިވާ ކަމަށާއި، ތައުލީމީ ދާއިރާއަށް ބޭނުންވާ ތަރައްގީގެ ކަންކަންވެސް މިއަހަރު ތެރޭގައި ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ކުޅިވަރުކުޅެ އުޅެވޭނެ ތަރައްޤީ ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ. އެގޮތުން ރ. މާކުރަތުގައި މި އަހަރު ތެރޭގައި އައު ފުޓްސަލް ދަނޑެއް އަޅައިދެއްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވިއެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި އިތުރު މަޝްރޫއުތައް ހިންގަވައިދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މުޅި ރާއްޖެއަށް ދިމާވެފައި އޮތް ގެދޮރުގެ ދަތިކަމުގެ މަޝްރޫޢަށް އިޝާރާތްކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، ރ. މާކުރަތުގައި ހައުސިންގް ޔުނިޓް އެޅުމުގެ މަސައްކަތް، 2026 ވަނަ އަހަރަށް ބަޖެޓްކުރައްވައިގެން ކުރިއަށް ގެންގޮސްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވަމުން، ރަށުގެ ތަރައްޤީއަށްޓަކައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައި، ދެން ރަށަށް ވަޑައިގަންނަވާނީ އެފަދަ މަޝްރޫޢުތަކެއް ނިމި، އެކަމުގެ އުފަލުގައި ބައިވެރިވެޑައިގަތުމުގެ އުންމީދުގައިކަން ފާހަގަކުރައްވަމުންނެވެ.
މާޅޮސްމަޑުލު އުތުރުބުރިއަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅު، މިރޭ އިރާކޮޅު ނިންމަވާލައްވާއިރު، އެ އަތޮޅުގެ 11 ރަށަކަށް އެމަނިކުފާނު މިޒިޔާރަތުގައި ވަޑައިގެންނެވިއެވެ.