އިންޑިއާގެ އަންދުރަ ޕްރަދޭޝްގެ އަވަށެއްގައި ހިމާރުގެ މަސްކެއުން އަޖައިބު ވާވަރަށް ގިނަ ވެއްޖެއެވެ. އަދި ހިމާރުގެ ކިރު ފެލައިގެން ބުއިންވެސް އެހާ ގިނައެވެ. ތަފާސް ހިސާބުތައް ދައްކާގޮތުގައި ފާއިތުވި ފަސް އަހުރު ދުވަހުގެ ތެރޭގައި ހައިރާން ކުރުވަނިވި އަދަދަކަށް ހިމާރު ކަތިލާފައި ވެއެވެ.
މި އަވަށުގެ އާދަކާދައިގެ ގޮތުން ހިމާރު ގެންގުޅެނީ ދަތުރުފަތުރު ކުރުމަށެވެ. އަދި އޭގެ ކިރު ވިއްކުމާއި ބޮޑު އަގުގައި ގިނަ ފައިސާ ހޯދުމަށް ހިމާރުގެ މަސް ވިއްކައެވެ.
ވެރިރަށް އަމަރުވަތީއާ 40 ކިލޯ މީޓަރު ދުރުގައި އޮންނަ "ކުންޖާ ވެންކާ ޕައްޔާ" ކިޔާ ސަރަޙައްދުގެ ކޮންމެ ގެއެއްގެ ދޮރުމަތީގައި ހިމާރެއް ބަނދެފައި އޮވެއެވެ. މި ހިމާރު ގެންގުޅޭ ފަރާތްތަކުން އެ ޖަނަވާރުތަކުގެ މަސް ވިއްކުމަށް ހިމާރު ކަތިލާކަމަށް މިހާރު އެއްބަސް ވެއްޖެއެވެ. ހިމާރު ގެންގުޅޭފަރާތަކުން ބުނެފައިވަނީ އޭނާގެ 5 ހިމާރު އޮންނަ ކަމަށެވެ. އަދި ކޮންމެ އާދީއްތަ ދުވަހަކު އެއިން އެކަތި ކަތިލާފައި އޭގެ މަސްވިއްކާ ކާ ކަމަށް އޭނާ ބުނެއެވެ. އަދި އޭގެ މަހަކީ ސިއްޙަތަށް ވަރަށް ފައިދާ ހުރި އެއްޗެއްކަމަށް ވެސް އެމީހުން ގަބޫލުކުރެއެވެ.
ސަރުކާރުގެ އޮފިޝަލުން ބުނާގޮތުގައި ހިމާރުގެ މަސް ކެއުމާއި އޭގެ ކިރު ބުއިމަކީ ސިއްޙަތަށް ފައިދާ ހުރި ކަމެއް ނޫނެވެ. އެއީ އިހުޒަމާނުގައި ގަބޫލުކުރަމުން އައި ހަޤީގަތާ ޚިލާފު ވާހަކައެކެވެ. ހިމާރުގެ މަސް ކައި ކިރުބޮއި ހަދާ މީހުނަށް އެކަމުގައި ލިބިފައި މިވަނީ މުޅިން ދޮގު މައުލޫމާތެއްކަމަށް ޖަނަވާރުންނާބެހޭ ޑިޕާޓްމަންޓްގެ އެސިސްޓެންޓް ޑޮކްޓަރ ދަނަލަކްޝަމީ ބުނެފައި ވެއެވެ.
އިންޑިއާ ސިފައިން މިކަން ހުއްޓުވުމަށް މަސައްކަތް ކުރި ނަމަވެސް ހިމާރު ގެންގުޅޭ ފަރާތްތަކުން މިކަން ނުހުއްޓައި އެމީހުންގެ ވިޔަފާރިއާގެން ކުރިއަށް ދެއެވެ. ހިމާރު ގެންގުޅޭ ފަރާތަކުން ބުނާ ގޮތުގައި ހިމާރު ކަތިލާ އޭގެ މަސް ވިއްކާ މީހުން ހައްޔަރު ކުރަންވީ ސަބަބެއް ނެތެވެ. ކުކުޅާއި ގެރިބަކަރި ކަތިލައިގެން ވިއްކާ މީހުންވެސް ހައްޔަރެއް ނުކުރާ ކަމަށް އޭމީހުން ބުނެއެވެ.
މި އަވަށުގައި ގެރި ބަކަރީގެ ކިރާއި މަހަށްވުރެ ހިމާރުގެ މަހާއި ކިރު އަގު ބޮޑެވެ. ހިމާރަކީ ބަރު އެއްޗިހި އުފުލުމާއި ދަތުރުފަތުރަށް ބޭނުން ކުރި ޖަނަވާރެއް ކަމުގައި ވިޔަސް މިހާރު އެ ބޭނުމަށް ހިމާރުގެ ބޭނުން ހިފާކަން ނުޖެހެއެވެ. ތަރައްގީގެ ސަބަބުން އުލަނދު ތަކުގައި ދަތުރު ފަތުރު ކުރެވޭނެ ގޮތް ހަމަޖެހުމުންނެވެ. ނަމަވެސް އެހެން ޖަނަވާރުތަކަށް ލިބޭ ލޯތްބާއި އަޅާލުމެއް ހިމާރަކަށް ނުލިބެއެވެ.