ހއ. އިހަވަންދޫގައި އިމާރާތް ކުރުމަށް މިއަދު ބިންގާ އެޅުނު ފިޝަރީޒް ކޮމްޕްލެކްސް ތަރައްޤީކޮށް ނިމި އެތަން ހިނގައިގަތުމުން އިހަވަންދޫގައި 150 ވަޒީފާ އުފެދި، މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ތަރައްޤީވެގެންދާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިހަވަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެރަށުގައި ބޭއްވެވި ޖަލްސާގައި މިއަދު ހަވީރު ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިހަވަންދޫއަކީ މަސްވެރިކަމުގެ ރަށެއްކަމަށާއި، ބިންގާ އެޅިގެންދިޔަ ފިޝަރީޒް ކޮމްޕްލެކްސްގެ މަޝްރޫޢަކީ ސިނާޢަތުގެ ކުރިމަގަށް މުހިންމު މަސައްކަތެއްކަމަށެވެ. މިއަހަރުގެ މޭމަހު އަމަލީ މަސައްކަތްފެށި، 18 މަސްދުވަހުގެ ތެރޭގައި މުޅި މަޝްރޫޢު ނިންމޭނެކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވިއެވެ.

މި މަޝްރޫޢުގެ ދަށުން، 1000 ޓަނުގެ ކޯލްޑްސްޓޯރޭޖް ކެޕޭސިޓީ، އަދި 50 ޓަނުގެ ބްރައިން ފްރީޒިންގ ކެޕޭސިޓީ ގާއިމްކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މަސްކިރުން ފަސޭހަކުރުމަށްޓަކައި ތިން ޕޮއިންޓަކުން މަސްކިރޭގޮތަށް ޖެޓީއަކާއި ބަނދަރެއްވެސް މި ކޮމްޕްލެކްސްގައި ޤާއިމްކުރެވިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޖުމްލަ 474 މިލިއަން ރުފިޔާ ޚަރަދުވާ މި މަޝްރޫޢަކީ ދިވެހިންގެ ފުދުންތެރިކަމަށާއި ތަރައްޤީއަށް ކުރިއަށް ގެންދެވޭ މުހިންމު މަޝްރޫޢެއްކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ރައީސް ވަނީ ހއ. އިހަވަންދޫގެ ގެދޮރުގެ ދަތިކަމުގެ މައްސަލައަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، މިހާރު އިއުލާންކޮށްފައިވާ ގެދޮރުވެރިކަމުގެ މަޝްރޫޢުގެ ދަށުން، ހއ. އިހަވަންދޫގައި 200 ހައުސިންގ ޔުނިޓް އެޅުމަށް ބަޔަކާއި ހަވާލުކުރެވިގެންދާނޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި، އިހަވަންދޫގައި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައިދިނުމުގެ ޚިދުމަތާއި، ޕާސްޕޯޓުގެ ޚިދުމަތް ތައާރަފްކޮށްފައިވެއެވެ. އަދި މޯލްޑިވްސް އިސްލާމިކް ބޭންކުން އިހަވަންދޫގައި އޭ.ޓީ.އެމް ބެހެއްޓުމުގެ މަސައްކަތް ރަސްމީ ގޮތުން ރަށު ކައުންސިލާ ވަނީ ހަވާލުކުރައްވާފައެވެ. މީގެ އިތުރުން، ހއ. އިހަވަންދޫގައި ޒަމާނީ ފެންވަރަށް ޤާއިމްކުރާ ހޮސްޕިޓަލާއި، ދަނޑުގެ މަސައްކަތާއި، އިހަވަންދޫ ހުރަވީ ދަނޑު ތަރައްޤީކުރުމުގެ އެއްބަސްވުމުގައިވެސް ވަނީ ސޮއިކޮށްފައެވެ.

ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ އިހަވަންދޫގައި އަލަށް އިމާރާތްކުރެވޭ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވުމުގެ ރަސްމިއްޔާތާއި އައު ކައުންސިލް އިދާރާގެ ބިންގާ އަޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.