"ހާދަހާ ރަނގަޅޭ. ބައްދަލު ވާނީ ކޮން އިރަކު؟"

"މާދަމާ ހެނދުނު މަންމަ ބޭރަށް ދާނެ. ބަރާބަރު ނުވައެއް ޖަހާއިރު ބައްޕަ ޝޯރޫމަށް ދުރުވާނެ. އެއް ދުވަހަށް ކަލޭގެ ކާރު ގެނޭ އަހަރެންގެ އަތަށް. އަހަރެން ޖަވާދާ އެކީ މަންގްލާއަށް ދާނަން."

"ހާދަހާ މޮޅު ރޭވުމެކޭ. އަހަރެން މިރޭ ދިހައެއް ޖަހަން ވާއިރަށް ކާރު ގެންގޮސް ދޭނަން."

އެރޭ އަކްބަރް އައިސް އެ ގެއަށް ކާރު ލައިފިއެވެ. އަނެއް ދުވަހު ހެނދުނު ސަލްމާ، ޖަވާދުގެ ބޮލަށް އެރިގެން، އޭނާ ގޮވައިގެން ކާރުގައި މަންގްލާއަށް ހިނގައްޖެއެވެ. ޗަވްދަރީ ޢިނާޔަތު ޙުސައިން އޭނާ އާދަ ވެގެން ދާ ގަޑީގައި ޝޯރޫމަށް ހިނގައްޖެއެވެ. ފީރީޒާގެ މަންމަ ހެނދުނު ހަތެއް ޖެހުމާއެކު އޭނާގެ ދައްތަގެ ގެއަށް ހިނގައްޖެއެވެ. ސަލްމާގެ ދެމަފިރިން ބޭރަށް ދާނެކަން އެނގޭނަމަ އޭނާ ނުދިޔައީހެވެ. އެކަމަކު ސަލްމާ ބުނެފައި އޮތީ އޭނާ ފީރޯޒާ ގާތުގައި ގޭގައި މަޑުކުރާނެ ކަމަށެވެ.

ހެނދުނު ދިހައެއް ޖެހި އިރު ފީރޯޒާ ނޫން މީހަކު ގެއަކު ނެތެވެ. ގެ ފޮޅައި ސާފު ކުރާ މީހާވެސް އޭނާގެ މަސައްކަތް ނިންމާފައި ހިނގައްޖެއެވެ. އަކްބަރާ ބައްދަލު ކުރުމުގެ ޚިޔާލު ކުރެވުމާއެކު ފީރޯޒާގެ ހިތް ވަރަށް ބާރަށް ތެޅެން ފަށައިފިއެވެ. އެކަނި އިނދެގެންވެސް ލަދު ގަންނާން ފަށައިފިއެވެ. މަޑުމަޑުން އަމިއްލައަށް ހިނިތުން ވެވޭން ފަށައިފިއެވެ. އެކަމަކު ގޭގައި އެކަނި ހުރިކަން ހަނދާން ވީމާ ބިރުވެސް ގަންނާން ފަށައިފިއެވެ. ހިތަށް އެރިއެވެ. މި ކަހަލަ ރޭވުމެއްގެ ދަށުން ގޭގައި އެކަނި މާއެކަނި އިންދާ އަކްބަރް އައީމާ ވާނީ ކިހިނެއް ބާވައެވެ؟

ސަލްމާ އޮތީ ކުރިން ބުނެފައެވެ. "ބިރު ގަންނާނެ ކަމެއް ނެތް- އަހަރެން ކާރުގައި މިދަނީ ބާޒާރަށް. މާ ދުރަކަށް ނުދާނަން. ކަލޭގެ ބޭބެ މަންގްލާއަށް ދާނީ އަހަރެން ގެނެސް ގެއަށް ލާފައި- އަހަރެން ބައި ގަޑި އިރުގެ ތެތޭގައި އެނބުރި އަންނާނަން-"

އޭނާ ހިތް ހަމަ ޖައްސައިލީ ސަލްމާގެ ވާހަކަ ހަނދާން ކޮށްލައިގެންނެވެ. އެހެން ނޫންނަމަ ލޯބިވެރިޔާއާ މި ކަހަލަ ގޮތަކަށް ބައްދަލުވާ ފުރަތަމަ ދުވަސް ކަމަށް ވާތީ ވަރަށް ބޮޑަށް ހާސް އެބަވެއެވެ.

ޖަވާދު ގެއިން ނުކުންނަމުން ބުންޏެވެ. "ގެޔަކު އެކަކުވެސް ނެތް. ކަލޭވެސް އަހަންނާއެކު ތިޔަ އަންނަނީ. ފީރޯޒާ އިންނާނީ އެކަނި."

"ދެން ކީއްތަ ވާނީ؟ އެއީ ތުއްތު ކުއްޖެއްތަ؟ އޭނާ އެ އިނީ އަމިއްލަ ގޭގެ ހަތަރު ފާރުން އެތެރޭގައެއްނު؟ މިނިކާވަގު އޭނާ ޖަހައިގަނެގެން ދާނީތަ؟"

"ނޫނޭ. އަހަރެން މިހެން ބުނީ ބައްޕަ ރުޅި ދުރު ވެދާނެތީ. އަހަރެމެން ދެމީހުން ފީރޯޒާ އެކަނި ބައިންދާފައި ބޭރަށް ދިޔަކަން އެނގިލައްވައިފިއްޔާ ރުޅި ދުރުވާނެކަން ގައިމު."

"އަހަރެމެން މިދަނީ ދިހަ މޭލު ދުރަށް، މަންގްލާއަށޭ އަހަރެން އެއްވެސް މީހެއް ގާތު ނުބުނަން. އެކަމާ ފިކުރު ނުކުރޭ. ބައްޕަގެ ކަންތައް އަހަރެން ހަމަ ޖައްސައިލާނަން."

ޖަވާދަކަށް އިތުރަކަށް ބުނާނޭ އެއްޗެއް ނޭނގުނެވެ. އެހެންވީމާ އަނގައިން ނުބުނެ އަނބިމީހާޔާއެކު ބޭރަށް ދިޔައީއެވެ.

ދޮރުގެ ރަނގަބީލު ޖެހި އަޑަށް ފީރޯޒާ ދުވެފައި އަތުވެއްޖެއެވެ. ފަހަރި އަންނާނެ ކަމަށް ބުނެފައި އޮތީ ބައިގަޑި އިރު ފަހުންނެވެ. މިހާރު ބަރާބަރު ބައިގަޑި އިރު ވީއެވެ. ދޮރު ހުޅުވުމާއެކު އޭނާގެ ހިތުގެ ހިނގުން އިހަށްވުރެ އަވަސް ވެލިއެވެ. އަތްފައި ފިނިވެއްޖެއެވެ. ދޮރުމަތީގައި ހުރެގެން އެހެރަގެން ހިނިތުން ވަނީ އޭނާގެ ލޯބިވެރިޔާއެވެ.

އޭނާ އަވަސްއަވަހަށް މޫނު އަނބުރައިލިއެވެ.

އަކްބަރު އެތެރެއަށް ވަދެއްޖެއެވެ. "އަދިވެސް މޫނު ފޮރުވަނީތަ؟"

"ފަ.. ފަ… ފަހަރި އިރުކޮޅަކުން އަންނާނެ."

އަކްބަރް ހިނިތުން ވެލިއެވެ. "އެމީހުން އަވަހަކަށް ނާންނާނެ. ދެމީހުން ދިޔައީ މަންގްލާއަށް."

"އެކަމަކު ފަހަރި ބުނީ ވަރަށް އަވަހަށް އަންނާނަމޭ."

"ދައްތަ އެހެން ނުބުނި ނަމަ، ފީރޯޒާ ގޭގައި އެކަންޏެއް ނުވީސް."

އަކްބަރް މިހެން ބުނުމާއެކު އަނެއްކާވެސް ފީރޯޒާ ބިރު ގަންނަ ގޮތް ވާން ފަށައިފިއެވެ. ބޮޑު ސިންގާ ގެއެއްގައި މިހާރު އެ ތިބީ ދެމީހުން އެކަންޏެވެ. އެމީހެއްގެ ތަސްވީރު ހިތަށް ގެނެސްގެން މިހައި ތަނަށް ހިތް ހަމަ ޖައްސަމުން ދިޔަ މީހާ މިހާރު އެހެރީ ކައިރީގައެވެ. ހެނދުނުގެ ފިނި ވައިރޯޅި ޖެހެމުން ދަނީ އޭނާގެ ހަށިގަނޑުގެ އެތެރޭގައި ކަމަށް އިޙްސާސް ކުރެވެން ފަށައިފިއެވެ. ބިރާއެކު އުފާވެރި ކަމުގެ އިޙްސާސްވެސް ދަނީ ކުރެވެމުންނެވެ. އެއީ ބިރު ނޫން ކަމަށްވެސް ވެދާނެއެވެ. އޭނާޔާ ދިމާއަށް ބަލައިލާން ހިތަށް އެރީމާވެސް މުޅި މީހާ ތުރުތުރު އަޅާގޮތް ވަނީއެވެ. ބިރަށް ވުރެ ބޮޑަށް ވާން އުޅޭ ގޮތް ނޭނގޭތީ ހިތުގައި ޝައްކު އުފެދެނީ ކަމަށް ވެދާނެއެވެ.

ފީރޯޒާ އަނެއް ފަރާތަށް އެނބުރިއްޖެއެވެ. އަކްބަރް އޭނާގެ ކުރިމައްޗަށް އަރާފައި ބުންޏެވެ. "ލަދު ގަންނަނީ ކީއްވެގެން-؟ އަހަރެން މިއީ ބީރައްޓެއްސެއް ނޫނެއްނު؟ އަމިއްލަ ހިތާ ސުވާލު ކޮށްލަބަލަ- މި ވަގުތު އަހަރެން މިއީ އެންމެ ގާތް މީހާ ކަމުގެ އިޙްސާސެއް ނުކުރެވޭތަ؟ އަހަރެން މިއީ ލޭގެ ގުޅުން އޮންނަ މީހުންނަށްވުރެވެސް ގާތް މީހެއް"

އަކްބަރް އަތުގައި އޮތް ކުޑަކުޑަ ފޮށްޓަކުން އަނގޮޓިއެއް ނަގައި ފީރޯޒާ އަށް ފޯރުކޮށްލިއެވެ. "މިއީ އަހަރެމެންގެ ފުރަތަމަ ބައްދަލު ވުން ފާހަގަ ކުރުމުގެ ގޮތުން އަހަރެން ދޭ ހަދިޔާއެއް. ހިފާ!"

އެހައި ލޯބިން ދިން ހަދިޔާއެއް ގަބޫލު ނުކޮށް ހުރުމަކީ އޭނާގެ ހިތް ހަމަ ޖެހޭ ގޮތެއް ނޫނެވެ. އެކަމަކުވެސް ބޭނުން ވަނީ ނޫނެކޭ ބުނާށެވެ. ނޫނެކޭ ބުނެވޭނީ ދޫ ހަލުވައިލެވިގެންނެވެ. އެކަމެއް ނުވިއެވެ. އޭނާ އަތުން ނޫނެކޭ ބުނާ ކަހަލަ އިޝާރާތެއް ކޮށްލިއެވެ. އަކްބަރް އޭނާގެ އަތުގައި ހިފައިފިއެވެ. އަދި އޭނާގެ އިނގިލީގައި އަނގޮޓި އަޅުވައިފިއެވެ. ފީރޯޒާ ދާހިއްލާ ފޯވަނީއެވެ. އޭނާގެ ރުހުން އޮތްތޯ ނުވަތަ ނެތްތޯ ނުބަލައި ތިމާގެ އަމިއްލަ މިލްކަކަށް ހަދައި ނިމުނީއެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟

އަނގޮޓި އެޅުވުމަށް ފަހު އަކްބަރް ޖީބުން ހާރެއް ނަގައިފިއެވެ. ހާރު އަޅުވަން ފީރޯޒާގެ ފުރަގަހަށް ޖެހިލިއެވެ. ފީރޯޒާ ކުޑަކޮށް ކުރިއަށް ޖެހިލިއެވެ. އަކްބަރް އެއް ފިޔަވަޅު ކުރިއަށް ޖެހިލިއެވެ. "އަހަރެންގެ އަތުން ހާރު އެޅުވިޔަދީ- އެހެން ނޫނީ އަހަރެންގެ ހިތް ހަލާކު ވެދާނެ-"

މި ފަހަރު ފީރޯޒާ ކުރިއަކަށް ނުޖެހެއެވެ. ފައިގައި ކަސްތޮޅު އެޅުވުނީ ކަހަލައެވެ. ހާރު އެޅުވުމާއެކު ފީރޯޒާ ދުވެފައި ގޮތް ފެންޑާއަށް ވަދެއްޖެއެވެ. އޭނާގެ ހިތެ ތެޅޭ އަޑު މިހާރު ބޭރަށްވެސް އިވޭނެކަން ގައިމެވެ.

މި ކަހަލަ ދަނޑިވަޅުތަކުގައި ހިތަށް ވާނީ ކިހިނެއް ހެއްޔެވެ؟ އީމާންކަމަށް ގުޑުން އަރަނީއެވެ.

ސިކުނޑިއަށް ވާނީ ކިހިނެއް ހެއްޔެވެ؟ އިޙްސާސްތަކުގެ ޠޫފާނުގައި ވިރެމުން ދަނީއެވެ.

ހަށިގަނޑަށް ވާނީ ކިހިނެއް ހެއްޔެވެ؟ ޖަޒުބާތުގެ އޮއިވަރުގައި ބެހިގެން ދަނީއެވެ.

ނޭވާ ލެވެއެވެ. އެކަމަކު ނަގަމުންދާ ބޮޑެތި ރާޅުތަކެއް ފަދައިންނެވެ. ލޯބިވާ މީހަކާ ކައިރި ވެވުނީމާ ދެވެނީ މުޅީން އެހެން ދުނިޔެއަކަށެވެ. އެއީ ދެމީހުންގެ އަމިއްލަ ދުނިޔެއެކެވެ.އަކްބަރް މަޑުމަޑުން ފީރޯޒާގެ ފަހަތުން ހިނގައިގެންފިއެވެ. އޭނާގެ ހިތަށް އެރިއެވެ. "ޝުކުރިއްޔާއެވެ. އަހަރެންގެ މީހަކަށް ވެގެން ކަލޭ އަހަރެން މުޅި ދުނިޔޭގެ ރަސްކަލަކަށް ހަދައިފީމުއެވެ."

(ނުނިމޭ)