ހއ. މޮޅަދޫއަކީ ލޯކަލް ޓުއަރިމް ތަރައްގީ ކުރުމަށް ފަހި ފުރުސަތުތަކެއް އޮތް ރަށެއްކަން ފާހަގަކުރައްވާ މޮޅަދޫ ކައުންސިލުން ލޯކަލް ޓުއަރިޒަމްގެ މަޝްރޫއުތަކަށް ބިން ދޫކުރަން ކަނޑައަޅާފައިވާ ސަރަހައްދަށް ބޭނުންވާ ކަރަންޓާއި، ފެނާއި ނަރުދަމާގެ ހިދުމަތްތައް ހަމަޖައްސަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

އެމަނިކުފާނު މި ޔަގީންކަން ދީފައިވަނީ ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހއ. މޮޅަދޫއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މީގެއިތުރުން އެމަނިކުފާނު ވަނީ އެންމެ ބޮޑު ރަށުގެ ތަރައްގީއަށް ހިންގޭ މަޝްރޫއުތަކެކޭ އެއްގޮތަށް، މޮޅަދޫގެ ތަރައްގީއަށް ހިންގޭ މަޝްރޫއު ތަކަކީވެސް އެމަނިކުފާނަށް މުހިންމު ކަންތައްތަކެއް ކަމަށާ، އެހެން ހުރިހާ ރަށްތަކެކޭ އެއްފަދައިން ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ ކަންކަމުގައި، އިސްކަން ދެއްވައިގެން، ހަމަހަމަކަމާއި އިންސާފާއެކު، ބާރު ދުވެލީގައި އެ ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަންވެސް މޮޅަދޫގެ ރައްޔިތުންނަށް ދެއްވާފައެވެ.

ރައީސް ވިދާޅުވީ ރަށުގައި ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމަށް މީގެ ކުރިން ފެށި މަޝްރޫޢުގެ ތެރެއިން ސީދާ ގޮތެއްގައި އެކަން ކުރުމަށް ދަތިތަކެއް ހުރި އިރު، ވަކި ތަރުތީބަކުން އެ ހިދުމަތްތައް ފޯރުކޮށްދެއްވުމުގެ މަސައްކަތް، ކަމާބެހޭ ފަރާތްތަކާއެކު ކުރިއަށް ގެންގޮސްދެއްވައި އެކަމަށް އަމަލީ ސިފަ ގެނެސްދެއްވާނެ ކަމަށެވެ.

އަދި މޮޅަދޫއަށް ބޭނުންވާ ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް، މީގެ ކުރިން ފެށި މަސައްކަތް، ރާއްޖޭގެ ބައެއް އެހެން ރަށްތަތެކެކޭ އެއްފަދައިން ހުއްޓިފައި އޮތް އޮތުމަށް ނިމުން ގެނެސްދެއްވައި، އެކަމަށްވެސް ހއްލު ހޯއްދަވައިދެއްވާނެކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.