ހއ. މޮޅަދޫގައި ހުއްޓިފައި އޮތް ކުނި މެނޭޖު ކުރުމުގެ މައްސަލައަށްވެސް ހައްލު ހޯއްދަވައި ދެއްވައި، އެރަށުގައި ޒަމާނީ ކުނި ކޮއްޓެއް ތަރައްގީ ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފިއެވެ.
އެމަނިކުފާނު މި ޔަގީންކަން ދީފައިވަނީ ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މޮޅަދޫއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
މީގެއިތުރުން އަދަދުގެ ގޮތުން އާބާދީ ކުޑަކަމުގައި ވީ ނަމަވެސް، ފުރިހަމަ ގޮތުގައި ތަޢުލީމު ހާސިލުކުރުމުގެ ފުރުސަތަކީ ދަރިވަރުންނަށް އޮތް ހައްގެއް ކަމުގައި އިޝާރާތް ކުރައްވަމުން ރައީސް ވަނީ، މޮޅަދޫގެ އުލީމީ ދާއިރާއަށް އެކި ގޮތްގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ހުރަސްތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަންވެސް ދެއްވާފައެވެ.
އަދި އެ ރަށުގެ ސިއްހީ ދާއިރާއަށް ދިމާވެފައިވާ ދަތިތަކާ ހުރަސްތަކަށްވެސް ހައްލު ހޯއްދަވައިދެއްވާނެ ކަމަށާ، މި އަހަރުގެ ބަޖެޓުން މި ދެކަންތައް ހަމަޖެހިގެންދާނެ ކަމުގެ ޔަގީންކަންވެސް އެ މަނިކުފާނު ވަނީ މޮޅަދޫގެ ރައްޔިތުންނަށް ދެއްވާފައެވެ.
ރައްޔިތުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމީ އަދުގެ ސަރުކާރުން ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާ ކަމެއްކަން ފާހަގަކުރައްވައި ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ވަނީ، މޮޅަދޫގައިވެސް ފުރިހަމަ ފެންވަރެއްގައި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރެއް ތަރައްގީ ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.
އަދި ފުޓްސަލް ދަނޑާއި ވޮލީ ކޯޓުގެ މަސައްކަތްތައްވެސް ކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.