ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ ބޭނުންކޮށް ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް ގެނައި ދެ ބިދޭސީއަކު ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް ގެނެސް އިމިގްރޭޝަނާ ހަވާލުކޮށްފައިވަނީ އިންޑިއާގެ ދެ މީހުން ކަމުގައިވާ، އަކާހިލް ތަޕްރަވަން (29އ) އާއި އަމްދާ ޕަންޑިއަން (44އ) ކަމަށެވެ.
އަދި މި މަހުގެ 28 ވަނަ ދުވަހު މާލޭގައި ހިންގި މި އޮޕަރޭޝަނުގައި، އެ މީހުންނާ ގުޅުންހުރިކަމަށް ބެލެވޭ ތަނެއް ބަލައިފާސްކުރިއިރު ބަަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި ބާލިދީއެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި އޮޕަރޭޝަނަކީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.