ތިލަދުންމަތީ އުތުރުބުރީ އުލިގަމުގައި ޔޮޓް މެރީނާއެއް ގާއިމުކޮށްދިނުމަށް އެރަށު ކައުންސިލުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އަރިހުގައި އެދެފިއެވެ.
އުލިގަމު ކައުންސިލުން މި ކަމަށް އެދިފައިވަނީ، ރައީސުލްޖުމްހޫރިއްޔާ، އެ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީއާއި މުއައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައި އުލިގަމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި އެ ރަށަށް އެންމެ ބޭނުންވާ ކަންކަމާ ގުޅޭގޮތުން ބޭއްވި މަޝްވަރާކުރެއްވުމުގައެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރު އުލިގަމު ކައުންސިލް އިދާރާގައެވެ.
މީގެއިތުރުން މި ބައްދަލުކުރެއްވުމުގައި އުލިގަމު ކައުންސިލުން ވަނީ އައު ހެލްތު ސެންޓަރެއްގެ ބޭނުން ޖެހިފައިވާ މިންވަރާއި ރަށުގެ ކުނި މެނޭޖުކުރުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހިއްސާކުރައްވައި، އުލިގަމުގައި ހެލްތު ސެންޓަރަކާއި ކުނިކޮށްޓެއް ގާއިމުކޮށްދެއްވުމަށް އެދިފައެވެ،
އަދި ރަށުގެ ބަނދަރަކީ ރަށުގެ މަލަމަތި ކަމަށްވާއިރު، ބޭރުގެ އެތައް ޔޮޓުފަހަރެއް ބަނދަރުކުރާ މި ރަށުގެ ބަނދަރުގެ މަސައްކަތް އަވަސްކޮށްދެއްވުމަށާއި އެ ރަށު ސްކޫލުގެ އައު ޢިމާރާތުގެ މަސައްކަތާއި ސްކޫލަށް ބޭނުންވާ އެހެން ވަސީލަތްތައް ހަމަޖައްސަވައިދެއްވުމަށްވެސް ރައީސްގެ ކިބައިން އެދިފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ކައުންސިލް މެންބަރުން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި އެ މަނިކުފާނުގެ އަރިހުގައި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ މި ބައްދަލުވުމުގައި ކައުންސިލާއި އ.ތ.މ. ކޮމިޓީއާއި މުއައްސަސާތަކުގެ އިސްވެރިން ފާޅުކުރެއްވި ކަންބޮޑުވުންތަކާގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް ހިއްސާ ކުރައްވާފައެވެ.