މާފަންނު މާފަންނު މަދުރަސާ ސަރަހައްދުގައި ހުރި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ޓްރާންސްފޯމަރ ސަބްސްޓެންޝަނަކުން ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ.
ސްޓެލްކޯއިން މިހެން ވިދާޅުވެފައިވަނީ މިއަދު އެ ކުންފުނިން އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި ސްޓެލްކޯއިން އިތުރަށް ވިދާޅުވެފައިވަނީ ރޭ ދަންވަރު 2:50 ގައި މާފަންނު މަދުރަސާ ސަރަހައްދުގައި ހުރި ޓްރާންސްފޯމަރ ސަބްސްޓޭޝަނަށްވަދެ، ވައްކަމުގެ ޢަމަލެއް ހިންގަން އުޅުނު މީހަކު ސީސީޓީވީ ކެމެރާއިން ފެނި، ފުލުހުންނަށް އެންގުމާ ގުޅިގެން އެ މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަދި އެ ކުންފުނީގެ މާލޭގެ ސަބްސްޓޭޝަންތަކަކީ 24 ގަޑިއިރު ކެމެރާއިން މޮނިޓަރ ކުރެވޭ ތަންތަން ނަމަވެސް، ހުޅުމާލޭގެ ދެވަނަ ދިޔަވަހީގެ ސަބްސްޓޭޝަންފަދަ ތަންތަނުން ކުރެވޭ މިފަދަ ވައްކަންތައް ހުއްޓުވުމަށް އާންމު ރައްޔިތުންގެ އެހީތެރިކަން ބޭނުންވާކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.
އަދި މިފަދަ އަމަލުތައް ހިންގާ ފަރާތްތަކުން، އެކަމަކީ އެމީހުންގެ ފުރާނައަށް ނުރައްކާވެދާނެ ކަމެއްކަން ދެނެގަނެ، އެފަދަ އަމަލުތަކުން ދުރުހެލިވުމަށާއި، ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވާ މިފަދަ ވައްކަންތަކުން ހޯދާ ތަކެތި ވިއްކާ އަދި ގަންނަ ފަރާތްތައްވެސް ހޯދައި، ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށްވެސް ސްޓެލްކޯއިން ވަނީ އިލްތިމާސްކުރައްވާފައެވެ.